ކޮވިޑް-19 ޖެހިފައިވާ ފަތުރުވެރިއަކު ރާއްޖެއިން ފުރައިގެން ދިޔުމުގައި، އިހުމާލުވެފައިވާ ކަމަށް ތުހުމަތުވާތީ އެ މައްސަލަ ތަހުގީގްކުރަން ފުލުހުން ފަށައިފިއެވެ.

މިދިޔަ މަހު 23 ވަނަ ދުވަހު ރާއްޖެ އައިސް، ޅ.ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުނެވެ.

ނަމަވެސް އެކަމުގެ މައުލޫމާތު ހުރި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތުން، އެ ފަތުރުވެރިޔާގެ ގައިގައި ބަލިހުރިކަން ދެނެގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބި އޭނާ ވަނީ ފުރައިގެންގޮސްފައެވެ.

ފަތުރުވެރިޔާ އެނބުރި ގައުމަށް ދިޔަފަހުން ކޮރޯނާއަށް ޕޮޒިޓިވްވެފައެވެ. އޭނާގެ ފަރާތުން ކުރެއްދޫ ރިސޯޓުން އޭނާ ބެލި ޑޮކްޓަރާ އެކު ޖުމްލަ ހަތަރު މީހަކު ވަނީ އެ ރިސޯޓުން އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

އެކަމާ ގުޅިގެން އެ ބަލި ރާއްޖޭގައި ފެތުރި، އިތުރު ފަރާތްތަކުގެ ސިއްހަތަށާއި، ފުރާނައަށް ނުރައްކާ ކުރިމަތިވުމުގައި އިޓަލީގެ ފަތުރުވެރިޔާއާ އެކި ގޮތްގޮތުން މުއާމަލާތްކުރި ފަރާތްތަކުން އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގާ، އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑަކޮށް، އިހުމާލުވެފައިވޭތޯ ބެލުމަށް މިއަދު ތަހުގީގ ފަށައިފައިވާ ކަަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އެންގެވީ އިއްޔެއެވެ.