ކޮވިޑް-19 އާ ގުޅިގެން ޗައިނާގެ ވުހާން ސިޓީގައި ހެދި ހުރިހާ ވަގުތީ ހޮސްޕިޓަލްތަކެއް ބަންދުކޮށްފި އެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށީ ޗައިނާގެ ވުހާންއިން އެވެ. އެ ބަލި އެންމެ ބޮޑަށް ފެތުރުނީވެސް އެ ސިޓީގަ އެވެ.

ނަމަވެސް އެ ސިޓީ ބަންދުކޮށް ބަލި ކޮންޓްރޯލް ކުރަން ޗައިނާއިން އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު ވުހާންއިން ބަލި ޖެހޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަަށް ގޮސްފަ އެވެ. އެހެން ނަމަވެސް އެ ސިޓީ އަދިވެސް އޮތީ ލޮކްޑައުންގަ އެވެ.

އެގޮތުން އިއްޔެ ވުހާންއިން ކޮވިޑް ފެނިފައިވަނީ އެންމެ 17 މީހުންގެ ގައިން އެވެ.

ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާއިން ވަގުތީ ހޮސްޕިޓަލްތަކެއްގެ ގޮތުގައި ކުޅިވަރު ކުޅޭ ބޮޑެތި ސްޓޭޑިއަމްތައްވެސް ވަނީ ވަގުތީ ހޮސްޕިޓަލްތަކަށް ބަދަލުކޮށް ބޭނުންކޮށްފަ އެވެ.

އޭގެ އިތުރުން މުޅިން އާ ދެ ހޮސްޕިޓަލެއްވެސް ޗައިނާއިން ކޮވިޑްއަށް ފަރުވާ ދޭން އެޅި އެވެ.

ކޮވިޑް-19 ޗައިނާގެ 80761 މީހަކަށް ޖެހުނުއިރު 3136 މީހުން ވަނީ އެ ގައުމުން މަރުވެފަ އެވެ.

ކޮވިޑް-19 ޗައިނާގައި ގާތްގަނޑަކަށް ކޮންޓްރޯލް ވިޔަސް އީރާން އަދި އިޓަލީގައި ހަލުވިކަމާއެކު ބަލި ދަނީ ފެތުރެމުންނެވެ. މުޅި އިޓަލީ މިހާރު އޮތީ ލޮކްޑައުންގަ އެވެ.