ސަރުކާރުގެ އިދާރާތަކުން ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ނޫން އެހެން ހަރަދުތައް ނުކުރުމަށް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކޮށްފިއެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ސަރުކާރުގެ ވުޒާރާތަކުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، ގައުމުގެ މިހާރުގެ ހާލަތާބެހޭގޮތުން މަޝްވަރާ ކުރަން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމާ ބެހޭގޮތުން ވާހަކަ ދައްކައިފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން މިހާރު ރާއްޖޭގައި އެލާޓު ލެވެލް ޔެލޯއަށް މައްޗަށް ގޮސްފައިވުމާއެކު، ސަރުކާރުގެ ހަރަދުތައް ވީހާވެސް ބޮޑަށް ކުޑަކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށާއި، ހުރިހާ އިދާރާއަކުންވެސް ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެން ގަރަދުތައް މިވަގުތު ނުކުރެއްވުމަށް ބާރު އަޅުއްވައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮވިޑް-19 އަށް ރާއްޖެއިން ހަ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މިހާރުން މިހާރަށް އިތުރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރެއްވި އެވެ. އަދި އެ ބަލި ކޮންޓުރޯލު ކުރެއްވުމަށްޓަކައި ހާލަތަށް ބައްލަވައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއީ، ވީހާވެސް ތެދު މައުލޫމާތު ރައްޔިތުންނަށް އޮޅުންފިލުވައިދީ، ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ގޮތަކަށް ކަންކަން ދިޔަ ނުދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ވަގުތު ކަމަށްވެސް އެ ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވީ ޅ. ކުރެއްދޫ ރިސޯޓުން ހަތަރު މީހަކާއި، އއ. ސޭންޑީސް ބަތަލާ ރިސޯޓުން ދެ މީހެކެވެ. އެ ހަ މީހުންގެ ހާލުވެސް ސްޓޭބަލް ކަމަށް އެޗްޕީއޭއިން ވަނީ ބުނެެފައެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ޖުމްލަ ފަސް ރިސޯޓެއް ވަނީ ބަންދުކޮށްފައެވެ. އެއީ ޕޮޒިޓިވް ކޭސްތައް ފެނުނު ކުރެއްދޫ ރިސޯޓު (ޅ. ކުރެއްދޫ)އާއި ސޭންޑީސް ބަތަލާ (އއ. ބަތަލާ)ގެ އިތުރުން ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ މީހުން ފެނިފައިވާ ވިލަމެންދޫ މޯލްޑިވްސް (އދ. ވިލަމެންދޫ)، ކުރަމަތި މޯލްޑިވްސް (އއ. ކުރަމަތި) އަދި ވަން އެންޑް އޮންލީ ރީތިރަށް (ކ. މެދުފިނޮޅު)އެވެ.