ރާއްޖެއިން ފުރައިގެން ދިޔަފަހުން ކޮރޯނާ ނުވަތަ ކޮވިޑް-19 ޕޮޒިޓިވްވި ކަން ހާމަވި، އިޓަލީގެ ފަތުރުވެރިޔާއާ ކޮންޓެކްޓްވި 230 މީހުން ދެނަގެނެވި، 80 މީހުން ސެލްފް އައިސޮލޭޓް (އެކަހެރި) ކޮށްފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރި އިޓަލީ ފަތުރުވެރިޔާ ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް ގޮސް ނުފުރިގެން މިމަހު އެއްވަނަ ދުވަހާއި ދެވަނަ ދުވަހު މާލޭ، މާގިރި ހޮޓަލުގައި މަޑުކުރިއެވެ. އޭނާ ފުރައިގެން ދިޔަ މައްސަލައިގައި އިހުމާލުވި މީޙުންގެ މައްސަލަ ބެލުމަށް ފުލުހުން އަންނަނީ ޖިނައީ ތަހުގީގެއް ކުރަމުންނެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ދަރުބާރުގޭގައި ގާއިމުކޮށްފައިވާ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު "ސަން" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކު ވިދާޅުވީ، މިހާތަނަށް ޖުމްލަ 86 މީހުން ސެލްފް އައިސޮލޭޝަންގައި އެބަތިބި ކަމަށެވެ. އޭނާ މަޑުކުރި މާގިރި ހޮޓެލް އިން 15 މީހުން ސެލްފް އައިސޮލޭޝަނަށް މަދު ކުރި ނަމަވެސް މެޑިކަލް ޓީމްގެ ލަފާގެ މަތިން މިހާރު 13 މީހަކަށް އެ އަދަދު މަދުވެފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"230 މީހުންގެ ކޮންްޓެކްޓް ޓްރޭސް ވަނީ ހެދިފައި. މާގިރި ހޮޓެލްގެ 13 މީހުންގެ ތެރެއިން އަށް ބިދޭސީން ވަނީ އައިސޮލޭޝަނަށް ވިލިވަރަށް ގެންދިވިފައި،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، އެ މީހުންގެ ކިބައިން އަލާމަތްތަކެއް ނުފެންނަ ކަމަށެވެ.

މާގިރި ހޮޓެލް ޑިސްއިންފެކްޓުކުރުމަށް، އެތަން މިހާރު ވަނީ ވަގުތީގޮތުން ބަންދުވެސް ކޮށްފައެވެ. މާގިރި ހޮޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހޮޓަލުގެ އޮޕަރޭޝަންތައް މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. އެއީ ހޮޓަލުގެ މުވައްޒަފުންނާއި ގެސްޓުންނާއި ކަސްޓަމަރުންގެ ސަލާމަތަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށާއި ކޮވިޑް-19 ގެ އިންކިއުބޭޝަން ޕީރިއަޑަށްފަހު މުޅި ހޮޓަލުގެ ހުރިހާތަނެއް ޑިސްއިންފެކްޓު ކުރުމަށްފަހު، މި މަހުގެ 16 ވާ ހޯމަ ދުވަހު ހޮޓެލްގެ ހުރިހާ އޮޕަރޭޝަންތައް އަލުން ފަށާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އިޓަލީ ފަތުރުވެރިޔާއާ ކޮންޓެކްވި ޓިކެޓް އޮފީހުގެ މުވައްޒަފު ވަނީ އެ ބައްޔަށް ނެގަޓިވްވެފައެވެ. ޓިކެޓް އޮފީސްގެ މުވައްޒަފަ އިޓަލީ ފަތުރުވެރިޔާއާ ބައްދަލުވީ، އޭނާ މާލެ އައިސް އެ އޮފީހަށް ދިޔުމުންނެވެ،

ޖުމްލަ ކޮރޯނާއަށް ޕޮޒިޓިވްވެފައިވަނީ ހަ މީހުންނެވެ. އެއީ ކުރެއްދޫން ފެނުނު ތިން ކޭސް އާއި ބަތަލާ ރިސޯޓުން ފެނުނު ދެ ކޭހެވެ. ކުރެއްދޫއިން ހަތަރު މީހަކަށް ކޮރޯނާ ޖެހިފައިވާކަން ކަށަވަރުވެފައިވާ އިރު، ކުރެއްދޫގައި ރޫމް އައިސޮލޭޝަންގައި 65 މީހަކު އެބަތިއްބެވެ. އަދި ކުރެއްދޫ ކޭސްއާ ގުޅުން ހުރި އިތުރު 25 މީހަކު، އެ ރަށުން ބޭރުން ވަނީ އެކަހެރިކޮށްފަ އެވެ. އެއީ ޖުމްލަ 90 މީހުންނެވެ. އެ އެންމެންގެ ހާލު ރަނގަޅު ކަމަށާއި ވައިރަހުގެ އަލާމާތެއް ނެތް ކަމަށް މަބުރޫކް ރޭ ވިދާޅުވެފައިވެ އެވެ.

މިހާތަނަށް ކޮރޯނާ ވައިރަސް 115 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 115,761 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު 64,277 އަށް އަރާއިރު، މަރުވި މީހުންގެ އަދަދަކީ، 4,085 އަރަ އެވެ.