10 Mar 2020, 17:14
ރާއްޖެއިން ކޮވިޑް19 އަށް ހަ މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން، އެ ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ގައިދީންނާއި ބަންދުމީހުން ކޯޓަށް ހާޒިރު ނުކުރަން އަންގާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަސް ސާވިސް އިން ބުނެފި އެވެ.
ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން ކޮވިޑް19 އަށް ހަ މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން ގައުމުގެ ހާލަތު ޔެލޯ އެލާޓަށް މަތިކޮށްފައި ވާތީ، ރައްކާތެރިވުމަށް ޖަލުތަކުގައި ސަމާލަތީ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.
އެގޮތުން ހުން އައިސް، ކެއްސައި، ކިނބިހި އަޅާ އެއްވެސް އޮފިސަރަކު ގައިދީންނާ ދިމާނުވާނެ ފަދަ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށާއި، އަދި ގައިދީއެއް ނުވަތަ ބަންދު މީހެއްގެ ފަރާތުން އެފަދަ އަލާމާތެއް ފެންނަ ހާލަތުގައި އަޅާނެ ފިޔަވަޅުތައް ވެސް ކަނޑައަޅާފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ކަރެކްޝަންސް އިން ބުނީ ޖަލަށް ޑިއުޓީ ކުރަން ވަންނަ އޮފިސަރުންގެ ހުން ޗެކް ކުރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާނެ ކަމަށެވެ. އަދި ކޯޓުގެ އެދުމުގެ މަތުން ހުން އައިސް، ކެއްސައި، ކިނބިހި އަޅާ ގައިދީންނާ ބަންދު މީހުން ކޯޓަށް ހާޒިރުކުރުން މަޑުޖައްސާލުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ހަމައެއާއެކު ހުން އައިސް، ކެއްސައި، ކިނބިހި އަޅާ އެއްވެސް މީހަކު ގައިދީންނާއެކު އާއިލީ ނުވަތަ އެކަހެރި ބައްދަލުވުންތަކަށް ނުދާން ކަރެކްޝަންސް އިން އިލްތިމާސް ކުރެ އެވެ.
އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތަކަށް އަންނަ މީހެއްގެ ފަރާތުން ރޯގާގެ އެއްވެސް އަސަރެއް ފެނިއްޖެނަމަ، ބައްދަލުވުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް ކަރެކްޝަންސް އިން ވަނީ އަންގައިފަ އެވެ.
މިގޮތަށް ބައްދަލުވުން ކެންސަލްވާ ފަރާތްތަކަށް އޭގެ ބަދަލުގައި ފޯން ކޯލުގެ އިތުރު ފުރުސަތެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.
ބަޔާނުގައި ބުނެފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ނެޝަނަލް ޓާސްކް ފޯސް ގުޅިގެން ގައުމީ ފެންވަރުގައި އަޅަން ހަމަޖައްސާފައިވާ އުސޫލުތަކާ އެއްގޮތަށް ގައިދީންނާއި ބަންދުމީހުން އަދި ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތީ އެންމެހާ ކަންތައްތައް ކުރަމުން އަންނަ ކަމަށެވެ.
ކަރެކްޝަންސް އިން ވަނީ ވައިރަހާ ގުޅިގެން ޖަލުތަކުގައި ސަލާމަތީ ކަންކަން މޮނީޓާކޮށް ބެލެހެއްޓުމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައިފަ އެވެ.
އެ ޓާސްކް ފޯސް އިން ޖަލުތަކުގައި ކޮރޯނާ ވައިރަހާ ބެހޭ މައުލޫމާތު ހިއްސާކޮށް، ޖަލުތަކުގައި ރައްކާތެރިކަމަށް ބޭނުންވާ މާސްކް ފަދަ ތަކެތި ފޯރުކޮށްދޭނެ އެވެ.