އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ހައިކޮމިޝަނަރު ނަވަނެތަމް ޕިއްލޭ ރާއްޖެ ވަޑައިގެން ދެއްކި ވާހަކަތަކަށް ދިވެހިން ރައްދު ދިނީ ހަމަ ވިސްނުމަކުން ނޫން ކަމަށާއި އެކަމަށް ރައްދު ދިނީ ޖިހާދީ ރޫހެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ރާއްޖެ ވަޑައިގަތުމަކީ ލާއިންސާނީ އަދަބާ ގުޅޭ ގޮތުން އދ. އާ އެކީ މަޝްވަރާކޮށް ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އަދި ވިދާޅުވީ އަޅުގަނޑުމެން އެ ފުރުސަތު ނަގާލީ ޖިހާދީ ރޫހެއްގައި ކަމަށެވެ.

"އިސްލާމީ ޝަރީއަތުގައި، އަޅުގަނޑުމެން އިސްލާމުން ދެކޭ ގޮތުގައި، ލާއިންސާނީ އަދަބެއް ނުހުރޭ، އަޅުގަނޑުމެނަށް ލާއިންސާނީ އަދަބާ ބެހޭ ގޮތުން އދ.އާ އެކު މަޝްވަރާ ކުރުމަށް، ބަހުސް ކުރުމަށް، ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތެއް ހަގީގަތުގައި އދ.ގެ ހިއުމަންރައިޓްސް ކޮމިޝަނާ ރާއްޖެ ވަޑައިގަތް ދުވަސް އެއީ. އަޅުގަނޑުމެން އެ ފުރުސަތު ނަގާލީ ޖިހާދީ ރޫހެއްގައި އެކަމަނާ ވިދާޅުވި އެއްޗެއް، އަޅުގަނޑުމެން އެއަށް އެނބުރި ރައްދު ދިނީ ހަގީގީ ހަމަ ވިސްނުމެއްގައި ކަމަކަށް އަޅުގަނޑަށް ދަންނަވަން ދަތި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް އަދި ވިދާޅުވީ އެ ދުވަހު ލިބުނު ފުރުސަތަކީ ނުހަނު މަތިވެރި ފުރުސަތެއް ކަމަށާއި އެއީ އިސްލާމީ ޝަރީއަތުގެ މަތިވެރިކަން ބައިނަލްއަގުވާމީ ދުނިޔެ އަށް ދައްކަން ލިބުނު ފުރުސަތެއް ކަމަށެވެ.

އިސްލާމީ ޝަރީއަތުގައި ލާއިންސާނީ ހުކުމްތައް ހުރި ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ގަބޫލުކުރައް ވަނީ އެ ހުކުމްތައް ދެނެގަތުމުގައި އޮޅުންތަކެއް އަރާފައިވާ ކަމަށް ކަމުގައި ވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ޝަރީއަތުގައި ލާއިންސާނީ ހުކުމްތައް ހުރި ކަމަކަށް. އަޅުގަނޑުމެން ދެކެނީ ޝަރީއަތުގައި ހުރި ހުކުމްތަކަކީ ކޮބައިތޯ ދެނެގަތުމުގައި ބައެއް ބޭފުޅުންނަށް އޮޅުން އަރާކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އިސްލާމީ ޝަރީއަތުގައި ހުރި ހުކުމްތައް އޮޅުން ފިލުވައި ދެއްވުމަށް ރާއްޖޭގެ ދަންނަ ބޭކަލުންނަށް ދަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ރޭ ވިދާޅުވި އެވެ. އަދި އޭނާ ( ޕިއްލޭ) މަރާލަން، ނުވަތަ ރާއްޖެ އިން ބޭރުކުރަން އުޅެގެން އަޅުގަނޑުމެން ދައްކައިދޭން ބޭނުންވާ ވާހަކައެއް ދައްކައެއް ވެސް އަދި ފާހަގަކޮށްދޭން ބޭނުންވާ ނުގުތާއެއް ވެސް ފާހަގަ ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ރާއްޖޭގެ ދީނީ ދަންނަ ބޭކަލުންނަށް ވެސް އަދި ރާއްޖޭގެ އެހެން އެންމެ ބޭފުޅުންނަށް ދަންނަވަން އޮތް ވާހަކައަކީ މިކަން އޮޅުން ފިލުވައި ދެއްވާށޭ. އެއްވެސް ހާލެއްގައި ޖިހާދީ ރޫހެއްގައި، އެކަމަނާ މަރާލަން، އޭނާ ރާއްޖޭން ބޭރުކުރަން، އޭނާ އަށް މިހެން ހަދަން ، އެހެން ހަދަން އަޅުގަނޑުމެން އުޅެގެނެއް، އަޅުގަނޑުމެން މި ދައްކައިދޭން ބޭނުންވާ ވާހަކައެއް ވެސް އަދި މި ފާހަގަކޮށްދޭން ބޭނުންވާ ނުކުތާއެއް ވެސް އަޅުގަނޑުމެންނަކަށް ފާހަގަ ވެގެންނެއް ނުދާނެ،" ރައީސް ވިދާޅުވި އެވެ.

ޕިއްލޭ ރާއްޖެ ވަޑައިގަތުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅު ރައީސް ނިންމަވާލެއްވީ އިސްލާމީ ޝަރީއަތާ ހިލާފު އެއްވެސް ކަމެއް ކުރުމަށް މަސައްކަތްޕުޅު ނުކުރައްވާ ކަމަށް ވިދާޅުވެ އެވެ.

އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ނަވި ޕިއްލޭ ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި ހައްދު ޖެހުމަކީ ލާއިންސާނީ އަނިޔާއެއް ކަމަށް ވިދާޅުވުމުން ގިނަބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.