ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް19ގެ ސަބަބުން ކަރަން ޖޯހަރުގެ "ތަޚްތު"ގެ ޝޫޓިން ފަސްކޮށްފި އެވެ.

ވަރުގަދަ ކާސްޓަކާ އެކު ތަޚްތުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ދިޔަ ނަމަވެސް ކޮވިޑް19ގެ ސަބަބުން ފިލްމުގެ ޝޫޓިން ފަސްކޮށްލީ ދަތުރުފަތުރުކުރުމާއި މީހުން އެއްވެ އުޅޭތަންތަނަށް ދިޔުން ރަސްމީ އިދާރާތަކުން އިރުޝާދުދިނުމުން ކަމަށް ހަބަރުތައް ބުނެ އެވެ.

ޖެއިޕޫރާއި ޖެއިސަލްމާރްގެ އިތުރުން ދިއްލީގެ ޝޫޓިންތައް މެދުކަނޑާލި އިރު އަލުން ފިލްމު ޝޫޓިން ފަށާނެ ތާރީޚެއް އިއުލާންކޮށްފައެއް ނުވެ އެވެ.

ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ކެރިއަރުގެ އެންމެ ބޮޑު ފިލްމު، އަދި އޭނާގެ ފުރަތަމަ އެޕިކް "ތަޚްތު" ރިލީޒްކުރުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

އޭ ލިސްޓުގެ ތަރިންނާއެކު ތައްޔާރު ކުރާ އެ ފިލްމަކީ މުގަލް ޒަމާނުގެ ހާދިސާތަކެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. އެ ފިލްމުގެ ލީޑު ކާސްޓުގެ ތެރޭގައި ހިމެނެނީ ރަންވީރު ސިންގް، ކަރީނާ ކަޕޫރު ޚާން، އާލިއާ ބަޓް، ވިކީ ކޯޝަލް، ބޫމީ ޕެދްނޭކަރު، އަނިލް ކަޕޫރު އަދި ޖާންވީ ކަޕޫރެވެ.

ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކަރަން މީގެ ކުރިން ބުނީ އެއީ ދެބެންގެ ދެމެދުގައި ހިނގާ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށެވެ. ފިލްމުގައި ދެބޭންގެ ރޯލް ކުޅޭނީ ރަންވީރާއި ވިކީ އެވެ.