10 Mar 2020, 14:19
ކޮވިޑް19 އަށް ޕޮޒިޓިވްވި ފަތުރުވެރިޔާ މަޑުކޮށްގެން ހުރި މާގިރި ހޮޓެކް ޑިސްއިންފެކްޓު ކުރުމަށް، އެތަން ވަގުތީގޮތުން ބަންދުކޮށްފި އެވެ.
މާގިރި ހޮޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހޮޓަލުގެ އޮޕަރޭޝަންތައް މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
އެއީ ހޮޓަލުގެ މުވައްޒަފުންނާއި ގެސްޓުންނާއި ކަސްޓަމަރުންގެ ސަލާމަތަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށާއި ކޮވިޑް-19 ގެ އިންކިއުބޭޝަން ޕީރިއަޑަށްފަހު މުޅި ހޮޓަލުގެ ހުރިހާތަނެއް ޑިސްއިންފެކްޓު ކުރުމަށްފަހު، މި މަހުގެ 16 ވާ ހޯމަ ދުވަހު ހޮޓެލްގެ ހުރިހާ އޮޕަރޭޝަންތައް އަލުން ފަށާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މާގިރި ހޮޓަލުން ވަނީ އެތަން ވަގުތީގޮތުން ބަންދުކުރުމުގެ ސަބަބުން ގެސްޓުންނާއި ކަސްޓަމަރުންނަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް މައާފަށް އެދިފަ އެވެ.
ކުރެއްދޫ އައިލެންޑު ރިސޯޓުގައި ހުރި ފަތުރުވެރިޔަކު ފުރައިގެން ދިއުމަށް ފަހު އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ކަން ވަނީ އަންގައިފަ އެވެ. އަދި އެ ރިސޯޓުގައި ތިބި ހަތަރު މީހަކު މިހާރު ވަނީ ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އެ ފަތުރުވެރިޔާ ރާއްޖެއިން ފުރަން އެއާޕޯޓަށް ގޮސް ނުފުރިގެން އައީ މާލެ އަށެވެ. އަދި މާޗު އެއް ވަނަ ދުވަހާއި ދެވަނަ ދުވަހު އޭނާ މާލޭގައި މަޑުކޮށްގެން ހުރީ މާގިރި ހޮޓަލުގަ އެވެ.
ވަގުތީ ގޮތުން ހޮޓެލް ބަންދުކޮށްފައި ވާއިރު އެ ހޮޓަލުގެ 15 މުވައްޒަފަކު ސެލްފް އައިސޮލޭޝަނަށް ދާން އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.
ފަތުރުވެރިޔާ މާލޭގައި ހުރި އިރު ޓިކެޓް ނަގަން އެމިރޭޓްސްގެ އޮފީހަށް ވެސް ދިޔަ އެވެ. ޓިކެޓިން އޮފީހުން އޭނާއާ ކޮންޓެކްޓުވި މުވައްޒަފުގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނިގެން އޭނާގެ ޓެސްޓުތަކެއް ވެސް ހެދި އެވެ. އަދި ޓެސްޓުތަކުން އޭނާ އެ ވައިރަހަށް ނެގެޓިވް ކަމަށް ވަނީ ދައްކައިފަ އެވެ.
އިޓަލީ ފަތުރުވެރިޔާ ބަލިވެގެން އެންމެ ފުރަތަމަ ދެއްކީ އެ ރިސޯޓުގައި ހުންނަ ޑޮކްޓަރަށެވެ. އެ ޑޮކްޓަރު ކޮރޯނާ އަށް ޝައްކު ކުރެވިގެން ފަރުކޮޅުފުއްޓަށް ގެންގޮސް ހެދި ޓެސްޓުތަކުން އޭނާ ވެސް ކޮވިޑް19 އަށް ޕޮޒިޓިވް ކަމަށް ވަނީ ދައްކައިފަ އެވެ.