އުސޫލުތަކުގެ ދަށުން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރި ދެ ދިވެހީން މިއަދު ދޫކޮށްލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދޫކޮށްލީ ޗައިނާއިން އެނބުރި އައުމުން ކަރަންޓީނު ކުރި ދެ މީހުން ކަމަށެވެ.

ޗައިނާއިން ރާއްޖެ އައި އަންހެނަކާއި ކުޑަ ކުއްޖަކު ފަރުކޮޅުފުށީގައި ކަރަންޓީނު ކުރި އެވެ.

އެކަމާ ގުޅިގެން ކޮވިޑް-19 ގުޅޭގޮތުން މައުލޫމާތު ދެއްވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ކުރިން ވިދާޅުވީ އެ ދެމީހުން ކަރަންޓީނު ކުރީ ބަލި ފެތުރިފައިވާ ގައުމަކުން އައުމުން ކަމަށާއި، ބަލީގެ އަލާމާތެއް ފެނުމުން ނޫން ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ހަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު ކަމާބެހޭ ފަރާތްތަކުން އަންނަނީ ބަލީގެ އަލާމާތްތައް ހުރި މީހުން ފަރުކޮޅުފުށީގައި އެކަހެރިކޮށް އެމީހުން މޮނީޓާ ކުރަމުންނެވެ.

ކޮވިޑް-19 ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީޒް ބަތަލާއަށް އަރާފޭބުން މަނާކޮށް، އެ ދެ ރިސޯޓުގައި މީހުން ސްކްރީންކޮށް ކޮންޓެކްޓު ޓްރޭސް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިހާތަނަށް ކޮރޯނާ ވައިރަސް 104 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 111,262 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު 62,661 އަށް އަރާއިރު، މަރުވި މީހުންގެ އަދަދަކީ، 3,882 އެވެ.