10 Mar 2020, 17:47
ކޮވިޑް-19 އާ ދެކޮޅަށް ޗައިނާއިން ކުރަމުންދާ ހަނގުރާމަޔަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ތައުރީފް ލިބިއްޖެއެވެ.
ދާދި ފަހުން ޑަބްލިއުއެޗްއޯގެ ޓީމެއް ވަނީ ޗައިނާއަށް ގޮސް ހާލަތު މޮނީޓާކޮށްފައެވެ.
މީގެ ކުރިން 3000 އަށްވުރެ ގިނަ ކޭސް ދުވާލަކު ޗައިނާއިން ފެނުނު ނަމަވެސް މިހާރު ވަނީ އެއަދަދު ވަރަށް ބޮޑަށް މަދުވެފައެވެ. އެގޮތުން ބަލި އެންމެ ބޮޑަށް ފެތުރުނު ވުހާންއިން އިއްޔެ ފެނިފައިވަނީ އެންމެ 17 ކޭސްއެވެ.
އެޓީމްގައި އިސްކޮށް އުޅުއްވި ޑރ. ބްރޫސް އައިލްވާޑް ވަނީ ޗައިނާއިން ކޮވިޑްއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ގެންގުޅޭ ސިޔާސަތުތަކާ ބެހޭ ގޮތުން ނިއުޔޯކްޓައިމްސްއަށް އިންޓަވިއުއެއްދެއްވައިފައެވެ.

ޗައިނާގެ ހާލަތު ބެލުމަށް ޑަބްލިއުއެޗްއޯގެ ޓީމުން ޒިޔާރަތްކުރި ޓީމުގެ ޑޮކްޓަރު، ބްރޫސް--
ޑރ. ބްރޫސް ވިދާޅުވީ ޗައިނާއިން ގެންގުޅޭ ކަހަލަ ހަރުކަށި ސިޔާސަތެއް ގެންގުޅެން ކޮވިޑް 19 އެހެން ގައުމުތަކުގައިވެސް ކޮންޓްރޯލް ކުރެވިދާނެ ކަމަށާއި ނަމަވެސް އެކަމަށް ފައިސާއާއި އީޖާދީވަންތަކަމާއި ޓެކްނޮލޮޖީ ފަދަ މުހިންމު ވަސީލަތައްތައް ބޭނުންވާނެ ކަމަށެވެ.
ޗައިނާއިން ބަލި ޖެހުނު މީހުންގެ ހަގީގީ އަދަދު މާމަތިވާނެކަމަށް ބުނެ ފަތުރާ ވާހަކަތަކާ ބެހޭގޮތުން ޑރ. ބްރޫސް ވިދާޅުވީ އެކަމުގައި ހަގީގަތް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.
"ޗައިނާގެ ގުއަންޑޮންގްގައި އެކަނިވެސް 320،000 ސާމްޕަލްތައް ޗައިނާއިން އަލުން ޓެސްޓްކުރި. އެ ސާމްޕަލްތަކުންވެސް ޕޮޒިޓިވްވީ އެންމެ 0.5 ޕަސެންްޓް (1500 މީހުން). އެންޓިބޮޑީޒް ޓެސްޓްކޮށްފަ ބުނެވިދާނެ ކަންނޭނގެ އެޑޭޓާއާ ބެހޭގޮތުން އިތުރު އެއްޗެއް. ނަމަވެސް މިހާރު އެހެން ބުނެވޭނެ ޖާގައެއް ނެތް،" ޑރ. ބްރޫސް ވިދާޅުވިއެވެ.
މީގެ ތިން ހަފްތާ ކުރިން 46،000 މީހުން ކޮވިޑްއަށް ޓެސްޓްކުރަންވެސް އެއްދުވަހު އެދުނެވެ. ނަމަވެސް މަންޒަރު ބަދލަުވެ މިހާރު ހޮސްޕިޓަލްގެ އެނދުތައްވެސް އޮތީ ހުހަށެވެ.
"އަޅުގަނޑުމެން ޗައިނާއިން ފުރިއިރު ހޮސްޕިޓަލްތަކުން 13،000 އެނދު އޮތީ ހުހަށް" ޑރ. ބްރޫސް ވިދާޅުވިއެވެ.

ބަލި ޖެހިފައިވާ ސަރަހައްދުތަކަށް ކާތަކެތި ޑެލިވާކުރަނީ----
ކޮވިޑް އެންމެ ގިނައިން (75 އކާއި 80 ޕަސެންޓް ) ފެތުރިފައިވަނީ އާއިލާތަކުންނެވެ. އެހެންކަމުން ޗައިނާއިން ބަލާފައިވަނީ އާއިލާތަކުގެ މެމްބަރުން ކަރަންޓީނު ކުރުމަށެވެ.
"ޗައިނާއިން ހައިވޭތަކުގައި ކާރުތައްް ހުއްޓުވައިގެންވެސް މީހުން ހުން ހުރިތޯ ބަލާ. ސްކޫލްތަކާއި ތިއޭޓަރާއި ރެސްޓޯރަންޓަކުން ބަލި ފެނިއްޖެނަމަ މުޅި ސަރަހައްދު ލޮކްޑައުންކޮށްލާ." ޑރ. ބްރޫސް ވިދާޅުވިއެވެ.
ބަލި ކޮންޓްރޯލް ކުުރމަށް ޗައިނާއިން ސިއްހީ ހިދުމަތްތަކުގެ 50 ޕަސެންޓް ވެސް ދެމުންދަނީ އޮންލައިންކޮށެވެ. އޮންލައިންކޮށް ޑޮކްޓަރުންނާ ކޮންޓްކެޓްކުރުމުން ހަކުރު ބައްޔާ އެހެނިހެން ބަލިމީހުންނަށް ބޭސްތައް ދިޔައީ ގެއަށް ޑެލިވާ ކުރަމުންނެވެ. ކާނާވެސް އޯޑަރުން ކުރަން ޖެހެނީ އޮންލައިންކޮށެވެ.
އޭގެ އިތުރުން ފްލޫ ކްލިނިކް އެއް ހަދައި އެތަނުގައި ވަކިން ދިޔައީ ފަރުވާދެމުންނެވެ.
"ސީޓީ ސްކޭން މެޝިނަކުންވެސް ދުވާލަކު 200 ސްކޭން ކުރި. ބައެއް ފަހަރު ޕާޝަލް ސްކޭން. ހުޅަގުގެ ގައުމުތަކުގަވެސް ދެ ގަޑިއިރު ނޫނީ ގަޑިއަކުން ސީޓީ ސްކޭންއެއް ހެދެނީ" ޑރ. ބްރޫސް ވިދާޅުވިއެވެ.
ކޮވިޑްއަށް ޓެސްޓްކުރަން ދާމީހުންނަށް ނަތީޖާ ހަތަރު ގަޑިއިރު ލިބެއެވެ. ނަތީޖާ ލިބެންދެން އެމީހުން ތިބެނީ ހޮސްޕިޓަލްގައެވެ. ޕޮޒިޓިވް ވެއްޖެނަމަ އެޑްމިޓްކުރެއެވެ. ހާލަތު ރަނގަޅުވާއިރަށް ހޮސްޕިޓަލުން ދޫކޮށްލައި އެކެހެރި ކުރެއެވެ.
އާންމުކޮށް ހާލަތު ސީރިއަސް ނޫން މީހުން ތިއްބީ ކުޅިވަރު ސްޓޭޑިއަމްގައި ހަދައިފައިވާ މޭކްޝިފްޓް ހޮސްޕިޓަލްތަކުގައެވެ.
ކާރިސާއާ ގުޅިގެން ބޮޑެތި ހޮސްޕިޓަލްތައް ހާއްސަކުރީ ކޮވިޑްއަށް ފަރުވާ ދޭށެވެ. އަދި ކޮންމެހެން ވަގުތުން ވަގުތަށް ކުރަން ނުޖެހޭ ސާޖަރީތައްވެސް އޮތީ ފަސްކޮށްފައެވެ.
ޗައިނާއިން ވަނީ ކޮވިޑްއަށް ހާއްސަކޮށްވެސް ދެ ހޮސްޕިޓަލް އަޅައިފައެވެ. އަދި ކުރިން ހުރި ހޮސްޕިޓަލްތައްވެސް މޮޑިފައިކުރިއެވެ. އެގޮތުން ބޮޑެތި ވޯޑްތައްވެސް ވަކި ޒޯންތަކަކަށް ބަހާލިއެވެ. ބައެއް ޒޯންތަކުގައި ގައުން ލާން ޖެހޭއިރު އަނެއްބައި ޒޯންތަކުގައި ގައުން ލާން ނުޖެހެއެވެ.
ޗައިނާގެ ހޮސްޕިޓަލްތަކުގައި ހުރި ވަސީލަތްތަކުގެ އަދަދު ގިނަކަމުން ހުދު ޑރ. ބްރޫސްއަށްވެސް ހައިރާންކަން ލިބިވަޑައިގެންނެވިއެވެ. އެ ހޮސްޕިޓަލްތަކުގެ ފެންވަރު ސުވިޒަލެންޑަށްވުރެވެސް ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާގެ ހޮސްޕިޓަލްތަކުގައި 50 ވެންޓިލޭޓަރު ހުންނައިރު ފުއްޕާމޭއަށް ހާއްސަކޮށް ހުންނަ އީސީއެމްއޯގެ ފަހެތި ވަރު ހުރެއެވެ. ޖަރުމަނު ފަދަ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ހުންނަނީ ތިނެތި ވަރެވެ. އެވެސް ހަމައެކަނި ވެރިރަށް ބާލިންގައެވެ.
ޗައިނާއިން ވަނީ ބަލިފެތުރުނު ވުހާންއަށް އެހެން ސިޓީތަކުން 40،000 މެޑިކަލްް ސްޓާފުން ފޮނުވައިފައެވެ.

ބަލިމީހުންތަކެއް އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ގެންދިއުމަށް ތައްޔާރުވެގެން---
ބަލި ކޮންޓްރޯލް ކުރަން ޗައިނާއިން ސްޓާފުން ބޭނުންކުރި ގޮތްވެސް ވަރަށް މޮޅެވެ. ހައިވޭތަކުގައި މަސައްކަތްކުރާ މީހުން ލައްވައި ދަތުރުކުރާ މީހުން ހުން ހުރިތޯ ޗެކްކުރިއެވެ. ހޮސްޕިޓަލްތަކުގެ ރިސެޕްޝަނިސްޓުން އިންފެކްޝަން ކޮންޓްރޯލްކުރަން ބޭނުންކުރާ ގައުންތައް އަޅާނެ ގޮތް ކިޔައިދޭން އުޅެއެވެ.
ބަލި ކޮންޓްރޯލް ކުރަން ޗައިނާއިން ދެން އެންމެ ބޮޑަށް ބޭނުންކުރީ ޓެކްނޮލޮޖީއެވެ. އެކަމުގައި ަޗައިނާއިން ބިގް ޑޭޓާ ބޭނުންކުރެއެވެ. ހާއްސަކޮށް ކޮންޓެކްޓް ޓްރޭސްވި އެންމެން ހޯދުމަށް ޗައިނާއިން ވަނީ ޓެކްނޮލިޖީ ބޭޏުންކުރަމުންނެވެ. އެކަމުގައި އެންމެ ރަށްފުށު ހިސާބަށްވެސް ފައިވްޖީ ލިބޭނެގޮތް ވަނީ ހަދައިފައެވެ. ސްކޫލްތައް ބަންދުކުރި އިރު އެހެނިހެން ގިނަ ހިދުމަތްތައް އޮންލައިންކޮށް ދިޔައީ ދެމުންނެެވެ.

ކޮވިޑްއާ ގުޅިގެން އޮންލައިންކޮށް އިންސްޓްރަކްޓަރަކު ޔޯގާ ކްލާހެއް އޮންލައިންކޮށް ނަގައިދެނީ---
" ބަލިޖެހުނު 70،000 އަށް ވުރެ ގިނަަ މީހުންގެ ހުރިހާ ކޮންޓެކްޓް ޓްރޭސިން ހަދަމުން ދިޔައީ. މިއީ ފަސޭހަ ކަމަކަށް ވާނެތަ؟ " ޑރ. ބްރޫސް ވިދާޅުވިއެވެ.
ބައްޔާ ބެހޭ މައުލޫމާތު ޗައިނާ ސޯޝަލް މީޑިއާ ވައިބޯއިން ގަވައިދުން ދިޔައީ ދެމުންނެވެ.

ޗައިނާ ހޮސްޕިޓަލެއްގައި އެގައުމުގެ ގަދީމީ ބޭސްތަކެއް---
ކޮވިޑް ޖެހުނު މީހުންނަށް އެހެން ގައުމުތަކުގައި ފަރުވާ ދެނީ ޑޮކްޓަރީ ބޭހުން ކަަމަސް ވިޔަސް ޗައިނާއިން އޭގެ ބަދަލުގައި އެގައުމުގެ ގަދީމީ ބޭސްތައްވެސް ބޭނުންކުރެއެވެ. ޗައިނީސް ބޭސްވެރިކަަމަކީ 2000 އަހަރަށް ވުރެ ގިނަ ދުވަސްވީ ބޭސްވެރިކަމެކެވެ. ޗައިނީސް ބޭހާއެކު ޑޮކްޓަރީ ބޭހުން ގިނަބަޔަކު ވަނީ ރަނގަޅުވެފައެވެ.
އޭގެ އިތުރުން ބައްޔަށް ފަރުވާ ހޯދުމަށް ޗައިނާއިން ދަނީ ޓެސްޓްތައް ކުރަމުންނެވެ. އެ ޓެސްޓްތައްވެސް ކުރަނީ ދުނިޔޭގެ ބޮޑެތި ބޭސް އުފައްދާ ތަންތަނުގައި ޓެސްޓުކުރަން ގެންގުޅޭ މިންގަނޑާ އެއްގޮތަށް "ޑަބަލް ބްލައިންޑް ޓްރަޔަލް" ތަކެއްގެ ގޮތުގައެވެ.