11 Dec 2011, 12:35
ވޮޝިންގްޓަން (ޑިސެމްބަރ 11) : ފަލަސްތީނުގެ ރައްޔިތުންނަކީ އަމިއްލައަށް އުފެދިގެން ފެބްރިކޭޓް ވެގެން އުޅޭ ބައެއްކަމަށާއި އެއީ ދާދިފަހަކާ ޖެހެންދެންވެސް ނެތް ބައެއްކަމަށް އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ނިއުޓް ގިންގްރިޗް ވިދާޅުވެއްޖެވެ.
ޔަހޫދީންގެ ތެރޭގައި ހިމެނޭ ހަރުކަށި ޒަޔަނިސްޓް ޚިޔާލުގެ ޓީވީ ނެޓްވާކަކަށް ދެއްވި ބަސްދީގަތުމެއްގައި ގިންގްރިޗް ވިދާޅުވީ ފަލަސްތީނުމީހުންގެ ނަމުގައި ބަޔަކު ތިބެގެންނުވާނެ ކަމަށާއި ފަލަސްތީނެވެކިޔާ ބިމެއްވެސް ނޯންނާނެ ކަމުގައެވެ. އަދި ފަލަސްތީނުގެ ބިމުގައި ޒަމާނުއްސުރެ އޮތްތަނަކީވެސް އަދި އޮންނަންޖެހޭނެ ތަނަކީވެސް 1948 ގައި އިސްރާއީލުގެ ނަމުގައި އުފައްދާފައިވާ އިސްރާއީލެވެކިޔާ ދައުލަތް ކަމުގައެވެ. ފަލަސްތީނުގެ ރައްޔިތުންނަކީ ޢަރަބިން ކަމަށާއި އެމީހުން ފަލަސްތީނުން ބޭރުކޮށް ޢަރަބި ޤައުމުތަކުގައި ވަޒަންވެރިކުރުވުމުން ފަލަސްތީނުގެ މައްސަލަ ހައްލު ކުރެވުނީ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުންނަކީ ފަލަސްތީނުގެ ބިމުގައި އެއްވެސް ޙައްޤެއް އޮތް ރައްޔިތެއް ނޫން ކަމަށް ސިފަކުރައްވަމުން ފަލަސްތީނު ރައްޔިތުންގެ ހަމައެކަނި ބޭނުމަކީ އަދި މަޤްސަދަކީވެސް އިސްރާއީލު ހަލާކުކޮށްލުން ކަމަށް ގިންގްރިޗް ވިދާޅުވިއެވެ.
އެމެރިކާގެ ރިޔާސީ ރޭސް ކާމިޔާބު ކުރުމުގެ ގޮތުން ޔަހޫދީ ހަރުކަށި ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާ ގިންގްރިޗް އަކީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ހައްދުފަހަނަޅާފައިވާ ނިއުކޮންޒަވެޓިވް ފިކުރަށް ތާއީދުކުރައްވާ ހަރުކަށި ޚިޔާލުގެ ބޭފުޅެކެވެ. ޔަހޫދީ ޒަޔަނިސްޓުން ރުއްސުމުގެ ގޮތުން ކޮންމެފަދަ ވާހަކައެއްވެސް ދައްކަވަން ޖެހިލުންނުވާ ގިންގްރިޗްވަނީ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގެ އެންމެ ކުރިން މިހާރު ޖާގަހޯއްދަވާފައިކަން ޚިޔާލު ހޯދުމުގެ ސަރވޭތަކުން ހާމަވެއެވެ.
ގިންގްރިޗްއަކީ ޔަހޫދީ ހަރުކަށި ޒަޔަނިސްޓުންގެ ނުފޫޒުގަދަ އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ސްޕީކަރ ކަންވެސް ކުރައްވާފައެވެ. "ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމާއި މިނިވަންކަން ހޯދުމުގެ ނަމުގައި 1940 އަހަރުތަކުން ފެށިގެން އިސްރާއީލާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައަކީ ސިޔާސީ ހަނގުރާމައެއް ފަލަސްތީނުގެ ރައްޔިތުން މިހަނގުރާމަ އިސްރާއީލާ ދެކޮޅަށް ކުރަމުން ގެންދިޔުމަކީ ވަރަށް ދެރަކަމެއް ކަމެއް" ގިންގްރިޗް އޭނާގެ ބަސްދީގަތުމުގައި ވިދާޅުވެފައިވެއެވެ.
ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް ޖިހާދުކުރާ ހަމާސް ޖަމާއަތާއި ހިފާފައިވާ ބިންތަކުގައި އުފައްދާފައިވާ ފަލަސްތީނުގެ ޒާތީ އިދާރާއަކީ އިސްރާއީލު ހަލާކުކޮށްލުމަށް މަސައްކަތްކުރާ "ޓެރަރިސްޓް" ދެވިއުގަ ކަމަށްވެސް ގިންގްރިޗް ސިފަކުރެއްވިއެވެ. އެމެރިކާގެ ރައީސްކަން ލިބިވަޑައިގެންފިނަމަ، އެމެރިކާއަށް ޖާސޫސު ކުރުމުގެ ސަބަބުން 1987 ގައި އުމުރަށް ޖަލަށްލާފައިވާ އިސްރާއީލުގެ ޔަހޫދީ އެއް ކަމަށްވާ ޖޮނަތަން ޕޮލަޑް މިނިވަންކުރުމަށް ނޫނީ އޭނާގެ ޖަލުގެ ޙުކުމް ލުއިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ގިންގްރިޗް ވިދާޅުވިއެވެ.
ޔަހޫދީ ޒަޔަނިސްޓުންގެ ރުހުން ހޯއްދެވުމުގެ ގޮތުން ގިންގްރިޗް ދެެއްކެވި މިވާހަކަތަކުގައި އޭނާވަނީ ފަލަސްތީނު މައްސަލާގައި ޒަމަނުއްސުރެ އެމެރިކާ ގެންގުޅޭ ރަސްމީ ސިޔާސަތުތަކުންވެސް ބޭރުވެ ވަޑައިގެންފައެވެ. ފަލަސްތީނުގެ މައްސަލާގައި އެމެރިކާ ގެންގުޅޭ ރަސްމީ ސިޔާސަތަކީ ވަކި ރައްޔިތެއްގެ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަށް އިޙްތިރާމްކުރުމާއި ފަލަސްތީނުގެ ބިމުގެ ވަކިތަންކޮޅެއްގައި އިސްރާއީލު އެދޭގޮތެއްގެމަތިން ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް އުފެއްދުމުގެ ޙައްޤު އޮންނަންވާނެ ކަމަށް ޤަބޫލުކުރުމުގެ ސިޔާސަތެކެވެ.
ފަލަސްތީނުގެ ބިމުން ފަލަސްތީނު ރައްޔިތުންގެ ބޭރުކުރުމާއި ފަލަސްތީނުގެ މައްސަލަ ޙައްލުކުރަންޖެހޭނީ އެހެން ޤައުމުތަކުގައި ފަލަސްތީނުގެ ރައްޔިތުން ވަޒަންވެރިކުރުވައިގެން ކަމަށް ފަލަސްތީނާބެހޭ އެމެރިކާގެ ރަސްމީ ސިޔާސަތު ޤަބޫލެއް ނުކުރެއެވެ.
1984 ގައި އިސްރާއީލެވެކިޔާ އިސްތިޢްމާރީ ދައުލަތް ފަލަސްތީނުގެ ބިމުގައި ޣައިރު ޤާނޫނީގޮތުން އުފެއްދުމުގެ ފަހަތުގައި އެމެރިކާ އޮވެފައި 1984 ގައި އިސްރާއީލުން ހިފި ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލުގެ ބިންކަމަށް އެމެރިކާ ޤަބޫލުކުރިނަމަވެސް 1976 ގެ ހަނގުރާމައިގާ އިސްރާއީލު ހިފި ފަލަސްތީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް ކަމާއި މިބިންތަކުން އިސްރާއީލު ފާބައި މިބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމް ކުރުމުގެ ޙައްޤު ފަލަސްތީނުގެ ރައްޔިތުންނަށް އޮންނަންވާނެ ކަމަށް އުސޫލެއްގެ ގޮތުން އެމެރިކާ ޤަބޫލުކުރެއެވެ.
ނަމަވެސް އެމެރިކާގެ ރަސްމީ ސިޔާސަތު ބުނާގޮތުން ފަލަސްތީނުގެ މިބިންކޮޅުގައިވެސް ފަލަސްތީނު ރައްޔިތުންނަށް މިނިވަން ދައުލަތެއް އުފައްދަންޖެހޭނީ އިސްރާއީލު އެދޭ އަދި އިސްރާއީލު ރުހޭ ގޮތެއްގެ މަތިންނެވެ. (ރޮއިޓާސް)