މާލޭ އުތުރު ފަރާތު ރަސްމީ ފާލަމުގެ ހުޅަނގު ސަރަހައްދުގައި އަޅާފައި ހުރި މަސްއޮޑިފަހަރުގެ މައްސަލަ ހޫނުވެ، އެ ސަރަހައްދުން އެ އޮޑިފަހަރު ނެގުމުގެ މުހުލަތު މިއަދު ތިނެއް ޖަހާއިރަށްދީ އެ ތަނުން އޮޑިފަހަރު ނެގުމަށް މާލޭ ސިޓީ ކައުންސިލުން އެ ފަރާތްތަކަށް އަންގައިފި އެވެ.

މޭޔަރު މައިޒާން އަލި މަނިކު( އަލިބެ) މިއަދު ވިދާޅުވީ ބޮޑުފާލަމުގެ ހުޅަނގު ސަރަހައްދުގައި އޮޑިފަހަރު އެޅުމުގެ ހުއްދަ ސިޓީ ކައުންސިލުން މަސްވެރިންނަށް ނުދޭނެ ކަމަށެވެ. އަދި ވިދާޅުވީ މިއަދު ހަވީރު ތިނެއްގެ ކުރިން މަސްވެރިންގެ ޖަމިއްޔާ (ފިޝަމަން ޔޫނިއަނުން) އިން އެ މައްސަލާގައި ޖަވާބެއް ދޭނެ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

"އެމީހުން ޖަވާބް ދޭގޮތުން އެނގޭނީ އަމަލް ކުރާނެ ގޮތެއް. އަޅުގަނޑުމެން ވާނީ ފުނަދޫ ބަނދަރާއި ދޫނިދޫ ބަނދަރުގައި މަސްއޮޑިފަހަރު ވަގުތީ ގޮތުން އެޅޭނެ ގޮތް ހަމަޖައްސާފައި،" އަލިބެ ވިދާޅުވި އެވެ.

އަލިބެ އަދި ވިދާޅުވީ މިހާރު މަސްދޯނިފަހަރު އެޅުމަށް މާރުކޭޓްގެ ހުޅަނގު ސަރަހައްދުން ޖާގަ ދީފައިވާ ކަމަށާއި އެ ތަނުގައި ހުރި އައްޑޫ ބޯޓްފަހަރު އެތަނުން ނަގައި އެމްޕީއެލް ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމްޕިއެލް ސަރަހައްދުން ޖާގަހޯދުމަށް މީހާރު އެމްޕީއެލުގައި އެދިފައިވާނެ ކަމަށެވެ. އޭރުން މާރުކޭޓްގެ ހުޅަނގު ސަރަހައްދުގައި މަސްވެރިންނަށް އޮޑިފަހަރު އެޅުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އަލިބެ ވިދާޅުވި އެވެ.
"ކޮންމެ ގޮތެއް ވިޔަސް އެއް ނަންބަރު ސަރަހައްދު [ބޮޑުފާލަމުގެ ހުޅަގު ސަރަހައްދު] އޮޑިފަހަރު އެޅުމަށް މަސްވެރިންނަކަށް ޖާގައެއް ނުދެވޭނެ."

މަސްވެރިންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ މާލޭ ސިޓީ ކައުންސިލުން އެންގުމާ ގުޅިގެން ސާކްސަމިޓް ދުވަސްވަރަށް ބޮޑު ފާލަމުގެ ހުޅަނގު ސަރަހައްދުން އޮޑިދޯނިފަހަރު ނެގިކަމަށާއި ނަމަވެސް މަސްވެރިންގެ ދޯނިތައް ބާއްވަން ސިޓީ ކައުންސިލުން މިހާތަނަށް މާލޭ ބަނދަރުން ތަންކޮޅެއް ދެއްކިފައި ނުވާކަމަ ށެވެ.

"ހުޅުމާލޭ ފަޅަށް ދާން އެބުނަނީ. އެތަނަކީ އޮޑިފަހަރު އަޅައިގެން އޮންނަ ވަރަށް ނިވާލާ ތަނެއް ނޫން. އަނެއްކާ އަޅުގަނޑުމެންނަށް އޮޑިފަހަރު އަޅަން ޖެހޭ ސަރަހައްދު މީހުން އުޅޭ ހިސާބާ ދުރުކަމުން ހޮޓަލަކަށް ނުވަތަ ފިހާރައަކަށް ވެސް ދާން އެހާ ދުރު ވަރަށް ބޮޑު ތަކްލީފެއް އުފުލަން ޖެހޭ."

އަލިބެ ވިދާޅުވީ ހުޅުމާލެ ބަނދަރުގެ އިތުރަށް ދޫނިދޫ ފަޅާއި އެސްޓީއޯގެ ތެޔޮރަށްކާކުރާ ގުއިފުނަދޫގެ ބަނދަރު މަސްވެރިންނަށް ވަގުތީ ގޮތުން ބޭނުންކުރެވޭނެ ކަމަށެވެ.

ނަމަވެސް މަސްވެރިންގެ ފަރާތުން މައުލޫމަތުދިން މީހަކު ބުނީ ފުނަދޫ ބަނދަރާއި ދޫނީދޫ ބަނދަރަށް މިހާރު މަސްވެރިކަމުގައި ބޭނުންކުރާ 130 ފޫޓަށް ވުރެ ބޮޑެތި އުޅަނދުފަހަރު ވެސް ކައިރިނުކުރެވޭނެ ކަމަށެވެ.
މިއަދު ތިނެއްޖަހާއިރު މަސްވެރިންނަށް ދީފައިވާ މުހުލަތު ހަމަވުމުން އެ އޮޑިފަހަރު އެތަނުން ނުނަގައިފި ނަމަ ދެންކޮން ގޮތަކަށްތޯ ކަންކުރައް ވާނީ ސަން އިން ދެންނެވުމުން އަލިބެ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވަކިއެއްޗެއް ވިދާޅުވަން ބޭނުން ނުވާ ކަމަށެވެ.

މަސްވެރިން ބުނެފައި ވަނީ އެމީހުންގެ އޮޑިފަހަރު އެޅުމަށް މާލޭ ސިޓީ ކައުންސިލުން ތަނެއް ހަމަޖައްސައިނުދެނީސް މިފަހަރު އެމީހުންގެ ދޯނިތައް މާލޭ ސީޓި ކައުންސިލަށް ވެސް އަދި ފުލުހުންނަށް ވެސް ނަގަން ފުރުސަތު ދޭނީ ކޯޓުން އަމުރެއް ނެރުނީމާ ކަމަށެވެ.