23 Jun 2010, 14:50
19:00
ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް އަލީ ހުށަހަޅުއްވާފައިވާ ބިލަކީ ބޭނުންތެރި ބިލެއް، ނަމަވެސް އެ ބިލަށް އިތުރު ކުރަންޖެހޭ ކަންތައްތަކާއި، އިސްލާހްކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް ޑރ. އަފްރާޝީމް ހުށަހަޅުއްވާފައިވާ މި ބިލާބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެ ބިލަކީ ބޭނުންތެރި ބިލެއް ނަމަވެސް، މުދިމުންނާއި، އިމާމުންފަދަ ބައެއް މީހުން އަޅުކަން ކުރުމުގައި ތަބާވާންޖެހޭނީ ޝާފިއީ މަޒުހަބަށް ކަމަށް ގާނޫނަކުން ލާޒިމުކުރާ ގޮތަށް ބިލުގައި ހުށަހަޅުއްވާފައިވާތީ، އިސްލާމިކް މިނިސްޓްރީންނާއި ބައެއް އިލްމުވެރިން ކަންބޮޑުވާ ކަމަށެވެ. އަދި އިސްލާމްދީނަކީ، އިލްމުވެރިންނަށް އިޖުތިހާދު ކުރުމުގެ ފުރުސަތު އޮތް އަދި އިލްމު ތަނަވަސްވެގެންވާ ދީނަކަށް ވީހިނދު އެ ފުރުސަތު ގާނޫނަކުން ހަނިކުރުމަކީ، އިސްލާމީ ރޫހާ ހިލާފުކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އެ ބިލުގައި އިސްލާހް ކުރަންހުރި ކަންތައްތަކަށް ކޮމިޓީ މަރުހަލާގައި ރިއާޔަތްކޮށް އެ ބިލު ފުރިހަމަ ބިލަކަށް ހެދުމަށް ވެސް އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ވަނީ ގޮވާލައްވައިފަ އެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހް ގެނައުމަށް ޑރ. އަފްރާޝީމް ހުށަހަޅުއްވާފައިވާ ބިލުގައި، ކުޑަކުދިންގެ މެދުގައި އިސްލާމްދީނަށް ލޯބި ޖައްސައި މަޒުހަބީ ޚިލާފުތަކުން އެއްކިބާވެގެން ތިބުމަށް ބާރުއަޅުވާ އުސޫލުތަކުން ދީނީ ތަޢުލީމުގެ މަންހަޖު ފަރުމާކޮށް ބައްޓަންކުރުމާއި ގްރޭޑް 1 ފެށިގެން ގްރޭޑް 12 ގެ ނިޔަލަށް އިސްލާމް އުނގަންނައި ދިނުމަކީ ލާޒިމުކަމެއް ކަމުގައި ކަނޑައެޅުމަށްވަނީ ހިމަނައިފަ އެވެ. އަދި އިސްލާމްދީނު ނޫން އެހެން އެއްވެސް ދީނެއް މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަކީ މަނާ ކަމެއް ކަމުގައި ކަނޑައެޅުމަށް ވެސް ވަނީ ހިމަނައިފަ އެވެ. އަދި ދީނީ ނަސޭހަތާއި ވަޢުޟާއި، އިރުޝާދު ދިނުމާއި ދީނީ ފޮތްތައް ޝާއިޢުކުރުމުގެ ކަންތައްތައް ބަލަހައްޓަންޖެހޭނީ އެކަމަށް ކަނޑައަޅާ މިނިސްޓްރީން ކަމުގައި ކަނޑައަޅައި ނިންމުމަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ. މީގެ އިތުރުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ގޮތުންނާއި މީސްތަކުންގެ މެދުގައި ބައިބައިވުން އުފެދުނަ ނުދިނުމަށްޓަކައި އަޅުކަން ކުރުމުގައި ތަބާވާނީ ޝާފީޢީ މަޒުހަބަށް ކަމުގައި، ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި އިސްލާމްދީނުގެ ބޮޑެތި އިމާމުންނާއި އިތުބާރުހުރި ޢިލްމުވެރިންގެ މެދުގައި ދީނީ ގޮތުންނާއި ދުނިޔަވީގޮތުން ނުވަތަ އަޅުކަމުގެ ގޮތުންނާއި މުޢާމަލާތުގެ ގޮތުން ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ބޮޑެތި މައްސަލަތަކާއި، އަލަށް އުފެދޭ ދީނީ ކަންތައްތަކާއި، ފާޅުވާ މުޢާމަލާތުގެ ކަންތައްތަކަށް ހައްލެއް ހޯދައިދީ އެކަންކަމުގެ ޝަރުޢީ ފަތުވާ ނެރުމަށްޓަކައ މިނިވަން މުސްތަޤިއްލު ފިޤުހީ މުއައްސަސާއެކެވެ. ފިޤުހު އެކަޑަމީއެއް އުފައްދާ ޤާއިމުކުރުމަށް ވެސް އެބިލުގައި ހިމަނާފައިވެ އެވެ.