10 Mar 2020, 08:53
ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 އިޓަލީ ވިލާތުގައި ހަލުވިކަމާއެކު ފެތުރެމުންދާތީ މުޅި އެގައުމު ލޮކްޑައުން ކޮށްފި އެވެ.
މިއާއެކު އިޓަލީގެ އެއްވެސް ސަރަހައްދެއްގައި އެއްވުންތައް ބޭއްވުމައި ބޭރުން އަންނަ މީހުން އެތެރެވުން އަދި އެގައުމުގައި ތިބި އެއްވެސް ރައްޔިތަކު އެގައުމުން ބޭރަށް ދިޔުން މަނާވާނެ އެވެ. އެ ގައުމުގެ ސަރުކާރުން މި ނިންމުން ނިންމީ ކޮރޯނާ ވައިރަހުގައި އިޓަލީ އިން 463 މީހުން މަރުވެފައިވަނިކޮށެވެ.
އިޓަލީގެ ބޮޑުވަޒީރު ހޯމަދުވަހު ރައްޔިތުންނާ މުހާތަބު ކުރައްވާ ވިދާޅުވީ ހުރިހާ ރައްޔިތުންވެސް ސަލާމަތްތެރިކަމާއެކު ގޭގައި ތިބުމަށް އިލްތިމާސް ކުރައްވާ ކަމަށާއި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރެއް ކުރާނަމަ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދަންވާނެ ކަމަށެވެ.
މުޅި ގައުމު ލޮކްޑައުން އަކަށް ދާން ނިންމީ "އެނޫން ގޮތެއް ނެތިގެން" އެއީ މިހާރަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.
އިޓަލީގެ 20 ސަރަހައްދަކަށް ކޮރޯނާ ވައިރަސް ފެތުރިފައިވާއިރު އެ ބަލި ކޮންޓްރޯލު ނުވެ އެ ގައުމުގައި ދަނީ ފެތުރެމުންނެވެ. އިޓަލީގެ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތްދޭ އެކި ސްޓޭޝަންތަކުގައި ފަސިންޖަރުންގެ ޓެމްޕަރޭޗާ ބެލުންވެސް ކުރިއަށް ގެންދެ އެވެ.
މިހާތަނަށް މުޅި ދުނިޔެއިން 111،000 މީހަކަށް މި ބަލި ޖެހިފައިވާއިރު ޖުމްލަ 3،890 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.
ރާއްޖެއިން ވެސް ކޮރޯނާ އަށް ހަ މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާއިރު އެންމެ ފުރަތަމަ ބަލި ފެނިފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދިޔަ އިޓަލީގެ ފަތުރުވެރިއަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެންގިފަހުން، އޭނާ ޗުއްޓީ ހޭދަކުރި ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން އެކަނި މިހާތަނަށް ހަތަރު އެ ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ.