10 Mar 2020, 08:28
އދ. ވިލަމެންދޫ ރިސޯޓްގެ ދިވެހި މުވައްޒަފެއްގެ ގައިން ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ހުރިކަމުގެ އަލާމާތްތަކެއް ފެންނާތީ އެ މީހާ އެކަހެރިކޮށް، އެ ރިސޯޓަށް އަރައިފޭބުން މަނާކޮށްފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަކުރި ގޮތުގައި އދ. ވިލަމެންދޫ ރިސޯޓުގައި މަސައްކަތްކުރަމުންދާ ދިވެއްސެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން ޓެސްޓު ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
މޮނިޓާ ކުރުމަށާއި، ކޮންޓެކްޓް ޓްރޭސިންގް ހެދުމަށް އެރަށަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓުވާފައި ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ވިލަމަންދޫ ރިސޯޓްވެސް ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޅ. ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ކިބައިން ކޮރޯނާވައިރަސް އަރައި، އެ ރިސޯޓްގެ ދެ މުވައްޒަފަކާއި އިޓަލީގެ ދެ ޓޫރިސްޓަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. މީގެ އިތުރުން، އއ. ސޭންޑީސް ބަތަލާ ރިސޯޓުގައި ތިބި ފްރާންސްގެ ދެ ޓޫރިސްޓަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެ ދެ ރިސޯޓުން ވެސް އޮތީ ލޮކްޑއުންގަ އެވެ.
މުޅި ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް، ހަ މީހަކު ޕޮޒިޓިވްވެފައިވެ އެވެ.