ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ "ކޮންޓެކްޓު"ވި އަށް ބިދޭސީއަކު ކަރަންޓީނު ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.

އެޗްޕީއޭއިން ބުނީ އެ އަށް ބިދޭސީން ކަރަންޓީނު ފެސިލިޓީއަކަށް ގެންދަނީ ބަލު ޖެހިފައި ހުރި މީހަކާ ކޮންޓެކްޓު ވެފައިވާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

މިހާތަނަށް ރާައްޖެއިން ހަ މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުން ވައިރަހަށް ޕޮޒިޓިވްވި ހަތަރު ބިދޭސީންނާއި ސޭންޑީޒް ބަތަލާއިން ޕޮޒިޓިވް ވި އިޓަލީގެ ދެ ޓޫރިސްޓުންނެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މީގެ ކުރިން ހާމަކުރައްވާފައިވާ ގޮތުގައި، ކުރެއްދޫގައި ޗުއްޓީ ހޭދަކޮށްފައި ދިތަ ތަނުން ޕޮޒިޓިވްވި އިޓަލީ ފަތުރުވެރިޔާއާ ކޮންޓެކްޓުވި 175 ފަރާތެއް ވަނީ ފާހަގަ ކުރެވިފަ އެވެ.

ކުރެއްދޫ ރިސޯޓުގެ ރޫމް އައިސޮލޭޝަންގައި 65 މީހަކު އަދި އެ ރަށުން ބޭރުން ހޯމް އައިސޮލޭޝަންގައި 25 މީހަކު އެބަ ތިއްބެވެ. އަދި އޭގެ ތެރެއިން، ށ. ފޯކައިދޫގައި ހުރި މީހެއްގެ ފަރާތުން އަލާމާތްތައް ފެންނާނީތީ، އޭނާ މިހާރު ވަނީ ފަރުކޮޅުފުށީ ކަރަންޓީނު ސެންޓަރަށް ބަދަލުކޮށްފަ އެވެ.

ޓޫރިސްޓް މީހާ މާލޭ އައިސް ހުރި މާގިރި ހޮޓަލްގެ 15 މުވައްޒަފަކު ސެލްފް އައިސޮލޭޝަންއަށް ދިޔުމަށް ވަނީ އަންގައިފަ އެވެ. އަދި އެމިރޭޓްސްގެ ޓިކެޓިން އޮފީހުން އޭނާއާ މުއާމަލާތް ކުރި، ދިވެހި އަންހެން މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެނުމުން އޭނާ ވެސް ވަނީ މިއަދު ކަރަންޓީނުކޮށްފަ އެވެ.

މިހާތަނަށް ކޮރޯނާ ވައިރަސް 112 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 111,954 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު 62,730 އަށް އަރާއިރު، މަރުވި މީހުންގެ އަދަދަކީ، 3,893 އެވެ.