ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޓެސްޓު ކުރެވޭ ކްލިނިކެއް މިއަދު މާލޭގައި ހުޅުވާނެ ކަމަށް ސަރުކާރުން އިއުލާންކޮށްފި އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއް ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ނުރައްކާ މިހާރު ރާއްޖެއަށްވެސް ކުރިމަތިވެފާވާއިރު، ރާއްޖެއިން މިހާތަނަށް ހަ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮރޯނާގެ މައުލޫމާތު ހިއްސާކުރާ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވި، މިއަދު ހެނދުނު 10:00 ގައި ކޮރޯނާގެ ޓްރެވެލް ރިލޭޓެޑް ކްލިނިކެއް މާލެ ހިޔާ ދޭއްގައި ހުޅުވޭނެ ކަމަށެވެ.

"އެ ކްލިނިކްގެ މަގްސަދަކީ، ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ ތިބި ބޭފުޅުން އަދި ރާއްޖޭގައި ބައްޔަށް ޝައްކުކުރެވޭ ބޭފުޅުންނަށް ޓެސްޓު ކުރެވޭނެ ވަސީލަތްތައް ގާއިމުކޮށްދިނުން،" މަބްރޫކު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިތުރު މައުލޫމާތެއް މަބްރޫކު ހިއްސާ ނުކުރައްވަ އެވެ.

ރާއްޖެއިން މިހާތަނަށް ބައްޔަށް ހަ މީހަކު ޕޮޒިޓިވް ވެފައިވާއިރު، ހަތަރު މީހަކު ޕޮޒިޓިވްވެފައިވަނީ، ކުރެއްދޫ ރިސޯޓުންނެވެ. އަދި ބަތަލާ ރިސޯޓުން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައިވެ އެވެ. އެ އެންމެންނަކީވެސް ބިދޭސީންނެވެ. އެ ދެ ރިސޯޓަށް އަރައި ފޭބުން މަނާކޮށް، އެ މީހުންނާ ކޮންޓެކްޓްވި ބައެއް މީހުން ވަނީ ރޫމް އައިސޮލޭޝަން ނުވަތަ އެކަހަރި ކޮޓަރިއެއްގައި ބައިތިއްބާފަ އެވެ.

މަބްރޫކު ރޭ ވިދާޅުވީ، ކުރެއްދޫ އިން 90 މީހަކު އެކަހެރިކޮށްވާއިރު، އެ އެންމެގެ ފަރާތުންވެސް ބަލީގެ އަލާމާތްތައް މިހާރު ނުފެންނަކަށެވެ.

މިހާރު މުޅި ޖުމްލަ 11 ފަރާތެއް ފަރުކޮޅުފުށީގައި ވަނީ ކަރަންޓީން އަދި އެކަހެރިކުރެވިފަ އެވެ. އޭގެ ތެރޭގައި ކުރެއްދޫ އައި ފޯކައިދޫ އިން ބަލީގެ އަލާމާތްތައް ފެނުނު މީހުން ހިމެނެ އެވެ.

މިހާތަނަށް ކޮރޯނާ ވައިރަސް 112 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 111,954 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު 62,730 އަށް އަރާއިރު، މަރުވި މީހުންގެ އަދަދަކީ، 3,893 އެވެ.