11 Dec 2011, 11:06
ޖީއެމްއާރުން ހިންގާ އިބްރާހީމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި އެމްވީކޭ އިން ހިންގާ ފިހާރަތަކުގެ ނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން އެމީހުންނަށް ޖެއްސުންކޮށް ގޯނާ ކުރި ކަމަށް ބުނެ، އެމްވީކޭ އިން އައްޑޫގައި ބޭއްވި ލޮރީ ބުރު ސިޓީ ކައުންސިލުން ހުއްޓުވައިފި އެވެ.
އައްޑޫގައި ހުންނަ އެމްވީކޭގެ ޕްރޮވިންސް ކޯޑިނޭޓަރު މަސްއޫދު ސައީދު މިއަދު ވިދާޅުވީ 19 ވަރަކަށް ވެހިކަލުގައި ޖީއެމްއާރާ ދެކޮޅަށް ބޭއްވި ލޮރީ ބުރު މަރަދޫން ހިތަދު އަށް ދިއުމަށް ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ގުޅުވައްވައި އެކަން ނުކުރުމަށް ވިދާޅުވުމުން ލޮރީ ބުރު ހުއްޓާލީ ކަމަށެވެ.
ނަމަވެސް ސޯދިގު ފޯނަށް ޖަވާބު ނުދެއްވާތީ ސިޓީ ކައުންސިލުން ވަނީ އެކަން ކަށަވަރު ކުރެވޭނެ ގޮތް ނުވެފަ އެވެ.
ސައީދު ވިދާޅުވީ "ޖީއެމްއާރު ގޯ ހޯމް، ޑޯންޓް ޓަޗު އަވާ ޑިއުޓީފްރީ" ]ޖީއެމްއާރު ރަށަށްދޭ، އަހަރުންގެ ޑިއުޓީ ފްރީ ފިހާރަތަކުގައި އަތްނުލާ[ އޭ ގޮވައި ލޮރީ ބުރެއް ބޭއްވީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި އެ ކުންފުނިން ހިންގާ ޑިއުޓީ ފިހާރައިގެ ތެރެއަށް ޖީއެމްއާރުން ވަދެގަނެ ހިންގި ކަންތަކަކާ ދެކޮޅަށް އަޑުއުފުލުމަށް ކަމަށެވެ.
އެމްވީކޭގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަފީގު މިއަދު ވިދާޅުވީ ޖީއެމްއާރުން ޣައިރު ގާނޫނީ ގޮތުން އެއާޕޯޓްގެ ޑިއުޓީ ފްރީގެ ތެރެއަށް ވަދެގަނެ ހިންގި ޖަރީމާ ކުށްވެރި ކުރާ ކަމަށާއި އަދި އެމްވީކޭ އިން ޖީއެމްއާރާ އެކު އެއްވެސް އެއްބަސްވުމުގެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޖީއެމްއާރުން އެމްވީކޭ ޑިއުޓީ ފްރީ ފިހާރައިގެ ބިއްގަނޑުތައް ނައްޓާލި ކަމަށާއި އެތަނަށް ވަދެގަންއިރު އެއެއްވެސް މީހަކު ވެސް ނެތް ކަމަށާއި އެތަނުން މަދުވީ ކޮން އެއްޗެއް ކަން ވެސް ނޭނގޭ ކަމަށެވެ. ޝަފީގު ވިދާޅުވީ އެއާޕޯޓްސް ކޮމްޕެނީ އާ އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މުއްދަތު ހަމަވާނީ މި މަހުގެ ނިޔަލަށް ކަމަށެވެ.
ނަމަވެސް ޖީއެމްއާރުން ބުނީ އެތަން ޖީއެމްއާރާ ހަވާލު ކުރުމަށް ބުނާ ކޯޓް ހުކުމެއް އޮތް ކަމަށާއި އެ މީހުންނަށް މަޑުކުރެވެން ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ އެކޮނަމިކް މިނިސްޓަރު މަހަމޫދު ރާޒީ ވިއްކަވާލެއްވީ ކޮން އެއްޗެއް ކަން ނޭނގޭ ކަމަށާއި ޖީއެމްއާރަށް ރާއްޖޭގައި ރީޓެއިލް ވިޔަފާރި ވެސް ކުރެވިގެން ނުވާނެ ކަމަށެވެ.