09 Mar 2020, 21:22
ޅ. ކުރެއްދޫ ރިސޯޓުން ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޝައްކުވެގެން ޓެސްޓްކުރި މީހުންގެ ތެރެއިން އިތުރު ދެ މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެއްޖެ އެވެ.
ސަރުކާރުން އެކަން ހާމަކުރީ، ކޮރޯނާ ރެސްޕޮންސް ސެންޓަރުން ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސްގައި، ކޮރޯނާއާ ބެހޭ މައުލޫމާތު ދިނުމަށް ސަރުކާރުން ހާއްސަކޮށްފައިވާ ތަރުޖަމާން މަބުރޫކް އަޒީޒެވެ. އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިފަހަރުވެސް ޕޮޒިޓިވްވި ދެ ފަރާތަކީ ވެސް، ބިދޭސީންނެވެ.
އެއާ އެކު ރާއްޖޭގައި ކޮރޯނާ ޖެހުނު މީހުންގެ އަދަދު ހަޔަކަށް އެރީ އެވެ. މީގެ ކުރިން ކުރެއްދޫއިން އެތަނުގެ ބިދޭސީ ދެ މުވައްޒަފަކު އަދި ބަތަލާއިން އިޓަލީގެ ދެ ޓޫރިސްޓަކު ވަނީ ކޮރޯނާއަށް ޕޮޒިޓިވްކަން ސަރުކާރުން ހާމަކޮށްފަ އެވެ.
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މީގެ ކުރިން ހާމަކުރައްވާފައިވާ ގޮތުގައި، ކުރެއްދޫގައި ޗުއްޓީ ހޭދަކޮށްފައި ދިތަ ތަނުން ޕޮޒިޓިވްވި އިޓަލީ ފަތުރުވެރިޔާއާ ކޮންޓެކްޓުވި 175 ފަރާތެއް ވަނީ ފާހަގަ ކުރެވިފަ އެވެ.
ކުރެއްދޫ ރިސޯޓުގެ ރޫމް އައިސޮލޭޝަންގައި 65 މީހަކު އަދި އެ ރަށުން ބޭރުން ހޯމް އައިސޮލޭޝަންގައި 25 މީހަކު އެބަ ތިއްބެވެ. އަދި އޭގެ ތެރެއިން، ށ. ފޯކައިދޫގައި ހުރި މީހެއްގެ ފަރާތުން އަލާމާތްތައް ފެންނާނީތީ، އޭނާ މިހާރު ވަނީ ފަރުކޮޅުފުށީ ކަރަންޓީނު ސެންޓަރަށް ބަދަލުކޮށްފަ އެވެ.
ޓޫރިސްޓް މީހާ މާލޭ އައިސް ހުރި މާގިރި ހޮޓަލްގެ 15 މުވައްޒަފަކު ސެލްފް އައިސޮލޭޝަންއަށް ދިޔުމަށް ވަނީ އަންގައިފަ އެވެ. އަދި އެމިރޭޓްސްގެ ޓިކެޓިން އޮފީހުން އޭނާއާ މުއާމަލާތް ކުރި، ދިވެހި އަންހެން މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެނުމުން އޭނާ ވެސް ވަނީ މިއަދު ކަރަންޓީނުކޮށްފަ އެވެ.