ދާރުލްއާސާރާއި ހއ. އުތީމު ގަނޑުވަރާއި ހުވަދޫ ދާރުލްއާސާރު މީހުންނަށް ނުވަދެވޭ ގޮތަށް މިވަގުތަށް ބަންދުކުރަން ސަރުކާރުން ނިންމައިފި އެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މިއަދު ބުނީ ގޮތުގައި ދާރުލްއާސާރާއި، އުތީމު ގަނޑުވަރާއި، ހުވަދޫ ދާރުލްއާސާރު ބަންދު ކުރަން ނިންމީ ރާއްޖެއިން ވެސް ކޮރޯނާ ފެނިފައި ވާތީ، ރައްކާތެރިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެތަންތަން ދެން އާންމުންނަށް ހުޅުވާލާނެ ދުވަހެއް އެ މަރުކަޒުން ހާމައެއް ނުކުރެ އެވެ.

ރާއްޖެއިން ހަތަރު މީހަކު ކޮރޯނާ ވައިރަސްއަށް ވަނީ މިހާތަނަށް، ޕޮޒިޓިވްވެފަ އެވެ. އެކަމާ ގުޅިގެން، ބޮޑެތި އެއްވުންތަކާއި އެންމެން ޖަމާވެގެން ބާއްވާ ހަފްލާތައް އަންނަނީ ކެންސަލް ކުރަމުންނެވެ. މީގެ އިތުރުން، ސްކޫލްތަކުގައި އިތުރު ހަރަކާތްތައް ވެސް ވަނީ މިވަގުތަށް ހުއްޓާލައިފަ އެވެ.