09 Mar 2020, 19:38
ކޮވިޑް 19 ވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައިވެސް ކާޑުގެ ބާވަތްތަކާއި އެނޫންވެސް މުދަލުގެ ސްޓޮކް ދުނިޔޭގެ ބާޒާރުގައި އެބަހުރި ކަމަށާއި ރާއްޖެއަށް މުދާ އެތެރެ ކުރުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިވެރިންނާއެކު އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖެއަށް ކާބޯތަކެތި ލިބުމުގައި އެއްވެސް ދައްޗެއް ނެތްކަމަށާއި އެހެންކަމުން އެއްފަހަރާ ގިނަ އަދަދެއްގެ މުދާ ގަނެ، ގޭގައި ގުދަންކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"މި ވައިރަސްގެ ސަބަބުން ކާބޯތަކެއްޗާ އާންމު މުދާ އެތެރެކުރުމާއި ލިބުމުގެ ދަތިކަމެއް ނެތް. ސަޕްލައި ޗެއިންސްތަކަކަށް ބުރޫއެއް ނާރާ.. އޯޑަރުތައް ހުރީ ކުރެވިފައި [ކުރިއަށް ބޭނުންވާ މުދާ]، ސްޓޮކުގައި ހުރި އެއްޗެހި އެބަހުރި، އަންނަމުންދާ އެއްޗެހި އެބައާދޭ، ރޯދަ މަހަށް އިތުރަށް ގެންނަ އެއްޗެހި އަދި ހާއްސަ ކަމެއްދޭ އެއްޗެހީގެ އޯޑަރުތައް ވެސް ކުރެވެމުންދަނީ. ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
މުދާ އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ނެތްކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މައްސަލައަކީ ހިތުގައި އުފެދިފައިވާ ބިރުވެރިކަމަކާހުރެ އަމަލު ކުރެވޭ ގޮތް ކަމަށެވެ.
"ދުނިޔެ ހަމަ ބަރާބަރަށް ފަންކްޝަން ކުރޭ އެބަ. ކުޑަވެސް ހުއްޓުމެއް އައިސްގެން މިއުޅެނީ އަޅުގަނޑުމެންގެ ހިތުގައި ބިރުވެރިކަމެއް އުފެދުނީމަ އަޅުގަނޑުމެންގެ އެކްޝަންތަކުން ޝޯޓޭޖެއް އައިސްގެން." މިނިސްޓަރު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ރައްޔިތުން ބޭނުންވާ ވަރަށް މިހާރު ވެސް މުދާ ހުންނާނީ ސްޓޮކްކޮށްފައި ކަމަށެވެ.
"[ކާޑުގެ] ނޯމަލް ކޮންސަމްޝަންއަށް ބަލާފައި، އަޅުގަނޑުމެން ހުންނާނީ ރައްޔިތުންނަށް ބޭނުންވާ ވަރަށް ކާޑު އަބަދު ވެސް ގުދަނުގައި ސްޓޯކޮށްފައި. އަޅުގަނޑުމެން ހުންނާނީ ރަށްރަށުގައި ކާޑު އޭޖެންޓުން ކަނޑައަޅާފައި، ކާޑު އޭޖެންޓުން މާލޭން ކާޑު ގަނެގެން ބޯޓުފަހަރުގައި ރަށްރަށަށް ގެންދަނީ."
ރަށްރަށުގައި މަހަކަށް ވާ ވަރަށް ކާޑުގެ ސްޓޮކު ހުންނާނެ ކަމަށާއި ނަމަވެސް ތާށިކަމެއް އަރައިގެން އުޅެނީ ކާޑު އޭޖެންޓުން ރަށަށް ސްޓޮކު ގެންދާއިރަށް ދެތިން ގެއަކުން އެ ސްޓޮކު މުޅިން ގަންނާތީ ކަމަށް އަމްރު ވިދާޅުވި އެވެ.

ހަމައެއާއެކު މުދާ އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި ރޯދަ މަހަށް އެތެރެކުރާ ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމަންޓަށް މިހާރު ވެސް އޯޑަރުކޮށްފައިވާނެ ކަމަށާއި އެ ޝިޕްމަންޓް އަވަސްވެސް ކޮށްފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ދެން ބައިވެރިވި ވިޔަފާރިވެރިން ވެސް ބުނީ މުދާ އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި މުދާ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ބޮޑެތި ވިޔަފާރިތަކަށްވުމާއެކު އާންމުކޮށް އެ ކުންފުނިތަކުން މުދާ ވިއްކަނީ ރީޓެއިލަރުންނަށް ކަމަށާއި އަގުބޮޑުކޮށް މުދާ ވިއްކާ ފަރާތްތައް ފާހަގަކޮށް އެ ފަރާތްތަކަށް ނަސޭހަތްތެރިވަމުންދާ ކަމަށް ވެސް ވިޔަފާރިވެރިން ބުންޏެވެ.
މީގެ އިތުރުން މިހާރު އޯޑަރުކޮށްފައި ހުރި މުދާ ވެސް ލިބެންޖެހޭ ދުވަހަށް ލިބޭނެކަމުގެ ޔަގީންކަން ސަޕްލަޔަރުންގެ ފަރާތުން ލިބިފައިވާ ކަމަށް ވެސް ވިޔަފާރިވެރިން ބުނެ އެވެ.