09 Mar 2020, 17:28
މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް އާއި ގުޅޭ މައުލޫމާތު ޓެކްސީ ސެންޓަރުތަކަށާއި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތްދޭ ކުންފުނިތަކަށް ދީފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އިން ރައްކާތެރި ވުމާއި ގުޅޭގޮތުން ޓެކްސީ ސެންޓަރުތަކާއި އެމްޓީސީސީގެ އިތުރުން އެމްޕީއެލް އަށް އެޗްޕީއޭގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވިދާޅުވީ މިއަދުގެ ޕްރޮގްރާމުގައި އެމްޓީސީސީ އާއި އެމްޕީއެލްގެ އިތުރުން ދެ ޓެކްސީ ސެންޓަރަކުންވެސް ބައިވެރިވި ކަމަށެވެ.
"މި ޕްރޮގްރާމު ޓްރާންސްޕޯޓު މިނިސްޓްރީ އިން އިސްނަގައިގެން ކުރިއަށް ގެންދިޔައީ، ބަލިމީހާ ހޮސްޕިޓަލަށްވެސް މިދަނީ ޓެކްސީގައި އެހެންވީމާ ޓެކްސީ ޑްރައިވަރުން ތިބެންވީ ގޮތާ ރައްކާތެރިވާނެ ގޮތާ އެޗްޕީއޭގެ ބޭފުޅުން މެދުވެރިކޮށް މި އޮޅުންފިލުވައިދެނީ،" ޝިމާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތްދޭ ކުންފުނިތަކުގެ މުވައްޒަފުންވެސް އަމަލު ކުރަންވީ ގޮތުގެ އިރުޝާދު އެ ޕްރޮގްރާމުގައި ދީފައިވާ ކަމަށެވެ. އަދި ބަސްތަކުގައި ހޭލުންތެރިކުރުމަށް ހާއްސަ ޕޯސްޓަރުތައް ހަރުކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.