09 Mar 2020, 17:24
ކޮރޯނާ ވައިރަސްއާ ގުޅިގެން އެއްވެސް މައުލޫމާތެއް ނުފޮރުވާ، އެ މައުލޫމާތު ހާމަ ކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރައްވައިފިއެވެ.
ކޮވިޑް19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ އެންމެންގެ ރައްކާތެރި ކަމަށް މިވަގުތު އެންމެ މުހިންމު ކަމަކީ އެއްވެސް މައުލޫމާތެއް ނުފޮރުވާ ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރުން ކަމަށެވެ.
"މިވަގުތު އެންމެންގެ ޒިންމާއެއް މިއީ އެއްވެސް ބަޔަކު މައުލޫމާތު ނުފޮރުވާ މައުލޫމާތު ހާމަކުރުން. އެއީ އެންމެންގެވެސް ރައްކަތެރިކަމަށް މިވަގުތު ބޭނުންކަމެއް. އާންމުންވެސް، ރިސޯޓުތަކުންވެސް ކޮމްޕެނީތަކުންވެސް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑްއާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ގާއިމްކޮށްފައިވާ ހޮޓްލައިން އަށް ގުޅާ މައުލޫމާތު ހިއްސާކުރާއިރު، އެންމެ ސައްހަ މައުލޫމަތު ހިއްސާ ކުރުމަށް އެދިލައްވާ ކަމަށެވެ.
އެގޮތުން "ސްޕޭމް ކޯލް" ނުކުރުމަށާއި "ރޫމާސް" އަންނަ ކަމަށް ވާނަމަ، މަސައްކަތުގައި ދަތިތައް ދިމާވާނެކަން ފާހަގަ ކުރެއްވިއެވެ.
"ކޮންމެ އެއްޗެއްވެސް އަޅުގަނޑުމެން ޖެހޭ ވެރިފައި ކުރަން. އެހެންވީމާ ރަނގަޅު މައުލޫމާތު އަޅުގަނޑުމެންނާ ހިއްސާ ކުރުމަށް އެދެން. އެހެން ލިބޭ ހުރިހާ މައުލޫމާތެއްވެސް އަޅުގަނޑުމެން ހިއްސާ ކުރަމުން ގެންދާނީ ވެރިފައި ކުރުމަށް ފަހު،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވަނީ ހަތަރު މީހެކެވެ. އެއީ ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފެއްގެ އިތުރުން އއ ސޭންޑީސް ބަތަލާ ރިސޯޓުގައި ތިބި އިޓަލީގެ ދެ ފަތުރުވެރިންނެވެ.