ދީނީ މިނިވަންކަން ދިނުމަށް ގޮވާލައި މާލޭގައި އިއްޔެ ހަރަކާތެއް ހިންގަން ބަޔަކު މަސައްކަތް ކުރި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ އިއްޔެ އާޓިފިޝަލް ބީޗްގައި މާރާމާރީއެއް ހިނގީ ދީނީ މިނިވަންކަމަށް ގޮވާލައި ހަރަކާތެއް ބަޔަކު ހިންގަން މަސައްކަތް ކުރުމުން ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައްސަލަ ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުންދާނެ ކަމަށެވެ.
އަދި ވިދާޅުވީ އެފަދަ ހަރަކާތެއް ރާއްޖޭގައި ނުހިންގޭނެ ކަމަށާއި އެއީ ރާއްޖޭގައި ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ދީނީ މިނިވަން ކަމަށް ގޮވާލައި ހަރަކާތެއް ހިންގަން ބަޔަކު މަސައްކަތް ކުރި ކަމަށް މައުލޫމާތު މި ލިބެނީ. އެއީ ކިހިނެއް ހިނގި ކަމެއްތޯ ބަލަމުން މިހާރު މިދަނީ . އެކަހަލަ ކަމެއް ނުވެއް ކުރެވޭނެ. އެކަހަލަ ކަމެއް ކުރުމަކީ ރާއްޖޭގައި ހުއްދަ ކުރެވޭނެ ކަމެއް ނޫން،" ޝިޔާމު ވިދާޅުވި އެވެ.

ދީނީ މިނިވަން ކަމަށް ގޮވާލައި 20 އަކަށް މީހުން އިއްޔެ އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވި މައްސަލައިގާ މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ވެސް އަދި ނުކުރާ ކަމެއް ވެސް ޝިޔާމު ކަށަވަރުކޮށެއް ނުދެއްވަ އެވެ. ވިދާޅުވީ "މިހާރު އެކަން އިތުރަށް ބަލަމުންދާ ކަމަށާއި އެކަމާ ގުޅިގެން ބަޔަކު ހައްޔަރުކުރަން ޖެހޭ ނަމަ ހައްޔަރުކޮށް ، އަޅަން ޖެހޭ ފިޔަވަޅު ފުލުހުން އަޅަމުންދާނެ" ކަމަށެވެ.

އާޓިފިޝަލް ބީޗްގައި އިއްޔެ ހަވީރު 4.30 ހާކަންހާއިރު ވިއްސަކަށް މީހުން އެއްވެ ދީނީ މިނިވަންކަމަށް ގޮވާލި ކަމަށް މަންޒަރު ދުށް މީހަކު އިއްޔެ ބުންޏެވެ. އަދި އެކަމާ ގުޅިގެން އެ ސަރަހައްދުގައި އެވަގުތު ތިބި އާއްމުންގެ ބަޔަކު އެމީހުންނަށް އޮއްގަލުން ހަމަލާދިން ކަމަށާއި ގާއުކުމުގެ ސަބަބުން އޭގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ދިޔަ ކަމަށް ވެސް އެމީހާ ބުންޏެވެ.

އިއްޔެ އެ ހާދިސާ ހިނގި ވަގުތު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވި ނަމަވެސް އެކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.

ދީނީ މިނިވަންކަމަށް އިއްޔެ ބަޔަކު ގޮވާލި އިރު، ރާއްޖޭގެ ގާނޫނު އަސާސީގެ 10 މާއްދާގެ (ހ)ގައި ބުނެފައި ވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރެވެ. އަދި ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ މުސްލިމަކަށް މެނުވީ ދިވެއްސަކަށް ނުވެވޭނެ ކަމަށެވެ.