09 Mar 2020, 17:04
ރާއްޖެއިން ފުރިފަހުން ކޮވިޑް19 އަށް ޕޮޒިޓިވްވި އިޓަލީ ފަތުރުވެރިޔާ ފްލައިޓަށް އަރާ އިންދައި އަނބުރައިގަތް ކަމަށާއި އެކަމާ ގުޅިގެން އެއާޕޯޓުގައި ހުންނަ ކްލިނިކުން ފަރުވާ ހޯދިކަން "ސަން" އަށް ކަށަވަރުވެއްޖެ އެވެ.
އިތުބާރު ހިފޭ މަސްދަރުތަކުން "ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި އެމީހާ އަނބުރައިގަތުމުގެ ސަބަބުން ފްލައިޓުން ވަނީ އޭނާ އޮފްލޯޑްކޮށް، އޭނާ ފްލައި ކުރުމުގެ ހުއްދަ ޕައިލެޓް ނުދީފަ އެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ކްލިނިކުން ފަރުވާ ވެސް ހޯދައިފަ އެވެ.
އެނގިފައިވާ ގޮތުގައި ފަތުރުވެރިޔާ ފުރަން އޮތީ މާޗު އެއް ވަނަ ދުވަހު އަލިޓާލިއާގެ ފްލައިޓަކުންނެވެ. ނަމަވެސް ފްލައިޓުން އޭނާ އޮފްލޯޑް ކުރުމުގެ ސަބަބުން، އޭނާ އައީ މާލެއަށެވެ.
އެދުވަހު ފުރަން ގޮސް ނުފުރިގެން، އޭނާ މާލެއަށް އައިސްފައިވާކަން ސަރުކާރުން ވެސް ވަނީ ހާމަކޮށްފަ އެވެ.
ކޮރޯނާ ވައިރަސްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ހާއްސަކޮށްފައިވާ ތަރުޖަމާން މަބުރޫކް އަޒީޒް މިއަދު ވިދާޅުވީ އިޓަލީގެ ފަތުރުވެރިޔާ މާޗު އެއްވަނަ ދުވަހާއި ދެވަނަ ދުވަހު މާގިރި ހޮޓެލްގައި މަޑުކުރި ކަމަށެވެ. އަދި ޓިކެޓު ބަދަލުކުރުމަށް އެ ފަތުރުވެރިޔާ ވަނީ މާލޭގައި ހުންނަ އެމިރޭޓްސް ޓިކެޓިންގް އޮފީހަށް ވެސް ގޮސްފަ އެވެ.
މި މައުލޫމާތުތައް ފެންމަތިވުމާ އެކު، މާގިރި ހޮޓަލުގެ 15 މުވައްޒަފަކު ސެލްފް އައިސޮލޭޝަނަށް ދާން އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ. އަދި އެމިރޭޓްސް އޮފީހުން އޭނައާ ކޮންޓެކްޓުވި މުވައްޒަފުގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނާތީ އޭނާ ފަރުކޮޅުފުށީގައި ހުންނަ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މަބްރޫކް ވިދާޅުވީ އޭނާ މާލޭގައި ދެ ދުވަހު މަޑުކުރި އިރު އެކަން ކަމާބެހޭ ފަރާތްތަކަށް ނޭނގި އޮތް ސަބަބު ސާފުކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ހިނގައި ދިޔަ ގޮތް ސާފުކޮށް، އެކަމާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ.
އިޓަލީ ފަތުރުވެރިޔާ ބަލިވެގެން އެންމެ ފުރަތަމަ ދެއްކީ އެ ރިސޯޓުގައި ހުންނަ ޑޮކްޓަރަށެވެ. އެ ޑޮކްޓަރު ކޮރޯނާ އަށް ޝައްކު ކުރެވިގެން ފަރުކޮޅުފުއްޓަށް ގެންގޮސް ހެދި ޓެސްޓުތަކުން އޭނާ ވެސް ކޮވިޑް19 އަށް ޕޮޒިޓިވް ކަމަށް ވަނީ ދައްކައިފަ އެވެ.
އެ ރިސޯޓުން އަދި އިތުރު މީހަކު ވެސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފަ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އިޓަލީގެ ޓޫރިސްޓް މީހާ އެ ރިސޯޓްގައި ވެސް އެއް ދުވަހު އަނބުރައިގަތެވެ. އެހެން ނަމަވެސް، ރިސޯޓުން އެ މައްސަލަ އެހާ ސީރިއަސްކޮށް ނުނެގި ކަމަށްވެ އެވެ.
މިހާރު ކުރެއްދޫ ރިސޯޓުގެ އެލާޓް ލެވެލް އޮރެންޖަށް މަތިކޮށް، އެ ރިސޯޓަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ. އަދި އެ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރިއަށް އެބަދެ އެެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.