ޅ. ކުރެއްދޫ އިން ކޮރޯނާ އަށް ޕޮޒިޓިވްވި ދެ މީހުންނާ ގުޅުންހުރި ހަތް މީހަކު މިވަގުތު ހޯމް އައިސޮލޭޝަންގައި އެބަތިބި ކަމަށް ސަރުކާރުން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް 19ގެ ހާލަތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކުރެއްދޫގެ ކޭސްއާ ގުޔޅިގެން ފޯކައިދޫގައި ނުވަ މީހަކު ހޯމް އައިސޮލޭޝަނުގައި އެބަތިބި ކަމަށާއި މިއަދު ހަވީރު، 4:30 ގައި އެތަނުން އެކަކު ފަރުކޮޅުފުއްޓަށް ގެނެވޭނެ ކަމަށެވެ. މީގެ އިތުރުން ޅ. ހިންނަވަރުގައި ވެސް ސެލްފް އައިސޮލޭޝަނުގައި މީހަކު އެބަހުރި ކަމަށާއި އޭނާގެ ޓެސްޓުތައް ހެދުމަށް މިއަދު ހަވީރު ސާމްޕަލް ނަގާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"ކުރެއްދޫގައި ހުރި ފަތުރުވެރިއަކު ރާއްޖެއިން އަނބުރާ ދިޔަފަހުން އަޅުގަނޑުމެންނަށް އެނގިފައި މިއޮތީ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން. ކުރެއްދޫ އަދިވެސް އޮތީ މޮނީޓަރިން ހާލަތުގައި ބޭއްވިފައި. އޮރެންޖު ސްޓޭޓަސްގައި،" މަބްރޫކް ވިދާޅުވި އެވެ.

ކުރެއްދޫ އިން ފުރިފަހުން ބައްޔަށް ޕޮޒިޓިވް ވީކަން އެނގުނު ފަތުރުވެރިޔާ ފުރަން އެއާޕޯޓަށް ދިޔުމުން އޭނާ އަށް ފުރޭގޮތް ނުވި ކަމަށާއި އެހެންކަމުން މާލެ އައިސް މިމަހުގެ އެކެއް އަދި ދެވަނަ ދުވަހު އޭނާ މަޑުކުރީ މާގިރި ހޮޓަލުގައި ކަމަސް މަބްރޫކް ވިދާޅުވި އެވެ. މަބްރޫކް ވިދާޅުވީ ފަތުރުވެރިޔާ ފުރުމަށް ޓިކެޓު ގަތުމަށް އެމިރޭޓސް ޓިކެޓިން އޮފީހަށް ދިޔަ ކަމަށާއި އެތަނުން ބައްދަލުވި މީހާގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނުމުން އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އޭނާއާ މާލެއިން ކޮންޓެކްޓުވި ޖުމްލަ 16 މީހަކު ސެލްފް އައިސޮލޭޝަންގައި އެބަތިބި ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރެއްދޫގެ އެ ފަތުރުވެރިޔާ ރިސޯޓުގެ ޑޮކްޓަރަށް ދައްކާފައި ނުފުރި ދެ ދުވަހު މާލޭގައި ހުރި. ފުރި އިރު އަޅުގަނޑުމެންނަށް މި މައުލޫމާތު ނުލިބި އޮތީ ކީއްވެގެންކަން ސާފު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިކަމަ ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް އޮތްނަމަ އެ ފިޔަވަޅު އަޅަންވެސް ސަރުކާރުން ތައްޔާރަށް އޮތްކަމަށާއި ކަންކަން ބެލުމަށް ފަހު ފިޔަވަޅު އަޅަން ޖެހޭ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

ވ. ތިނަދޫ އިން ޝައްކުވެގެން ޓެސްޓު ކުރި ހުރިހާ އެންމެންވެސް ބައްޔަށް ނެގެޓިވް ވެފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ. ނަމަވެސް ސަމާ އައިލެންޑުން ބައްޔަށް ޝައްކުވެގެން ޓެސްޓު ކުރި އިތުރު ހަތަރު މީހަކުގެ ފަރާތުން އިތުރަށް ބަލަންޖެހޭ ކަންތައް ފެނިފައިވާތީ، އެ ހަތަރު މީހުން ސެލްފް އައިސޮލޭޝަން އަށް ލާފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ. ނަމަވެސް އެ ރިސޯޓަށް އަރައި ފޭބުމުގައި އެއްވެސް ރެސްޓްރިކްޝަނެއް މިހާރު ނެތްކަމަށް މަބްރޫކް ވިދާޅުވި އެވެ.

"ސޭންޑީސް ބަތަލާ އިން ދެ ކޭސް އެއް ޕޮޒިޓިވް ވުމާ ގުޅިގެން އެ ރަށް އޮތީ މޮނީޓަރިންގެ ހާލަތުގައި. އެރަށުގައި ކޮންޓެކްޓް ޓްރޭސިން ނިމެންދެންނާއި އޭގެ ފަހުން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް އެ ރަށް އޮތީ މޮނީޓަރިންގެ ހާލަތެއްގައި ބޭއްވިފައި،" މަބްރޫކް ވިދާޅުވި އެވެ.