09 Mar 2020, 20:02
ޖެނީވާ (9 މާޗް 2020) : ކޮވިޑް-19 ވައިރަސް އާ ހަނގުރާމަ ކުރުމަށްޓަކައި ޖަޕާނުގައި ސިއްހަތާބެހޭ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރަން ތައްޔާރުވަމުން ދާކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
ބޮޑުވަޒީރު ޝިންޒޫ އަބޭ ވިދާޅުވީ ސިއްހަތާބެހޭ ކުއްލި ޙާލަތު އިޢުލާން ކުރުމަށްޓަކައި ކަމާބެހޭ ގާނޫނަށް ބަދަލުގެންނަންޖެހޭތީ އެކަންތައް ޕާލަމެންޓް ތެރޭން ވަރަށް އަވަހަށް ނިންމާނެ ކަމުގައެވެ. ޖަޕާނުގައި ކޮވިޑް-19 ވައިރަސް ފެތުރެމުންދާލެއް ހަލުއިކަމުން އެގައުމުގެ ކިޔަވާކުދިންގެ ބެލެނިވެރިންނާއި ކުންފުނިތަކުގެ ވެރިންނާއި ޕްރައިވެޓް ސެކްޓަރުގެ އިސްފަރާތްތަކާއި އަމިއްލަ ވިޔަފާރިވެރިން ބިރުގެންފައިވާއިރު ސަރުކާރުންވަނީ މީހުން ގިނަ އަދަދަކަށް ތަންތަނަށް އެއްވެ އުޅުން މަނާކޮށް ސްކޫލްތައްވެސް ބަންދުކޮށްފައެވެ.
ޖަޕާނުގައި ކޮވިޑް-19 ވައިރަސް ޖެހިފައިވާ މީހުންގެ އަދަދުވަނީ 11 ސަތޭކައަށް އަރާފައެވެ. އަދި 20 މީހުންވަނީ އެ ރޯގާޖެހިގެން މަރުވެފައެވެ. ކޮވިޑް-19 ވައިރަސް ކޮންޓްރޯލް ކުރުމަށް ބޮޑުވަޒީރު އަބޭގެ ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ޖަޕާން ރައްޔިތުންގެ އިތުބާރުނެތްކަން އެގައުމުގައި މީގެ ދެދުވަސްކުރިން ކުރި ސާވޭއަކުން ވަނީ ހާމަވެފައެވެ.

ބޮޑުވަޒީރު ޝިންޒޫ އަބޭ
އެ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 50 އިންސައްތަވަނީ ކޮވިޑް-19 ވައިރަސް ކޮންޓްރޯލް ކުރުމުގައި އަބޭގޭ ސަރުކާރު ނާކާމިޔާބުވެފައިވާ ކަމަށް ބުނެފައެވެ. އަދި އެ ރޯގާ ފެތުރެމުންދާވަރު އިތުރުވެފައިވަނީ އަބޭގެ ސަރުކާރުން ފިޔަވަޅުތައް އަޅަމުން ގެންދަނިކޮށް ކަމަށްވާއިރު މިއީ އެފިޔަވަޅުތައް ނާކާމިޔާބުކަން ހާމަކޮށްދޭކަމެއްކަމަށް އެ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 50 އިންސައްތަ ބުނެފައިވެއެވެ.
ޖަޕާނުގެ އިދިކޮޅު ފަރާތްތަކުންވަނީ ކޮވިޑް-19 ވައިރަސް ގެ ޓެސްޓްތައް ކުރުމުގެ ގާބިލްކަން ޖަޕާނުގެ މަދު ސަރަހައްދެއްގައި ނޫނީނެތްކަމާއި އެވައިރަސް އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތު ފައިތުވުމުގެ ކުރިން އެޅުމުގައާއި ކަރަންޓީނު ފެސިލިޓީތައް އަވަސްގޮތެއްގައި ގާއިމް ކުރުމުގައި އަބޭގެ ސަރުކާރު ނުކުޅެދިފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. މީގެއިތުރުން ސިއްޙީ ރައްކާތެރިކަމުގެ ވަސީލަތްތައް ކަމަށްވާ އަންގިއާއި ގައުން އަދި މާސްކް ފަދަ ތަކެތިވެސް މަދުކަމުގެ ޝަކުވާވެސް ޖަޕާނުގެ ސިއްޙަތާބެހޭ މަސައްކަތްތެރިންނާއި ޑޮކްޓަރުންނާއި ނަރުހުން ވަނީ ކޮށްފައެވެ.
ޖަޕާނުގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރަން ތައްޔާރުވަމުންދާއިރު އެ ހާލަތު އިޢުލާނުކޮށްފިނަމަ އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ކުޅިވަރުތައް ނުބޭއްވޭނެކަމަށް ސަރުކާރުންނާ އަދި އެކަން އިންތިޒާމުކުރާ ފަރާތްތަކުން ދެކެއެވެ. ކޮވިޑް-19 ވައިރަސް ކޮންޓްރޯލް ނުކުރެވިއްޖެނަމަ ޗައިނާގެ އިގްތިސާދަށް ކުރިމަތިވިފަދަ ބޮޑު ގެއްލުމެއް ކުއްލިގޮތަކަށް ޖަޕާނުގެ އިގްތިސާދަށްވެސް ކުރާނެކަމަށް ތަޖްރިބާކާރުން ލަފާކުރެއެވެ.
މިހާތަނަށް ދުނިޔޭގެ 95 ގައުމަކުން އެއްލައްކަ ދިހަހާސް ތިންސަތޭކައަށްވުރެ ގިނަ މީހުންނަށް މި ރޯގާ ޖެހިފައިވާއިރު އޭގެތެރެއިން 62،300 މީހުންނަށްވަނީ ޝިފާލިބިފައެވެ. އަދި 3900 މީހުންވަނީ އެބަލީގައި މަރުވެފައެވެ. މިއަދަދުތަކަށް ބަލާއިރު ކޮވިޑް-19 ވައިރަސް ޖެހޭ މީހުންގެ ތެރެއިން 95 އިންސައްތަ މީހުން ރަނގަނޅުވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ބުނެއެވެ.
ކޮވިޑް-19 ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއިން މިހާރުވަނީ އެވައިރަސް ކޮންޓްރޯލް ކޮށްފައެވެ. އަދި އެވައިރަސް ހަލުވިކަމާއެކު ފެތުރެން ފެށުމުން ޗައިނާގައި ގާއިމްކުރި ވަގުތީ ހޮސްޕިޓަލްތަކުގައި ފަރުވާ ދޭނެ މީހުން ނެތުމުން އެތަންތަން ބަންދު ކުރުމުގެ މަސައްކަތްވެސް ޗައިނާއިންވަނީ ފަށާފައެވެ. މީގެއިތުރުން އެވައިރަސް އެންމެ ބޮޑަށް ފެތުރުނު ޗައިނާ ހުބައި ޕްރޮވިންސް ކަރަންޓީނު ކޮށްފައިއޮތް އޮތުންވެސް ހައެއްކަ ދުވަހުގެ ތެރޭގައި ނިމުމަކަށް ގެނައުމަށް ޗައިނާއިންވަނީ ނިންމާފައެވެ. (ނޫސްއެޖެންސީތައް)