ރާއްޖޭގައި ބޭނުން ދީނަކަށް އުލުމުގެ ފުރުސަތު ދިނުމަށް އިއްޔެ ބަޔަކު މާލޭގައި މުޒާހަރާ ކޮށްފައި ވަނީ ސަރުކާރުން އެއްބާރުލުން ދީގެން ކަމަށާއި އެފަދަ މުރުތައްދު ބަސްތައް ގޮވައި އެހެން ދީތަކަށް އުޅެން ބޭނުންވާ މީހުންނަށް އެފަދަ ފުރުސަތު ދިވެހި ބިމުގައި ނުދިނުމަށް އަދާލަތުން ގޮވަލައިފި އެވެ.

އަދާލަތު ޕާޓީން ރޭ ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ދީނީ މިނިވަންކަމަށް ގޮވާލާ ބަޔަކު އެއްވެ، އަޑުއުފުލިއުފުލުން ޢަދާލަތު ޕާޓީ އިން ކުށްވެރިކުރާ ކަމަށާއި އިންސާނީ ޙައްގުތަކުގެ ދުވަސް ނިވަލަކަށް ބޭނުންކޮށްގެން މުރުތައްދު ވުމުގެ މިނިވަންކަމަށް ގޮވާލުމަށް ބަޔަކު އެއްވި އެއްވުމަކީ މި ސަރުކާރުން ކުރަހަން މަސައްކަތްކުރާ ބޮޑު މަންޒަރު ވަރަށް ސާފުކޮށްދޭ ކަމެއް ކަމުގައި އެ ޕާޓީން ވަނީ ބުނެފަ އެވެ.

"މުރުތައްދުވެ އެހެން ދީންތަކަށް އުޅޭން ބޭނުންވާ މީހުންނާއި އެއްޖިންސުން ގުޅުން ހިންގަން ބޭނުންވާ މީހުންނާއި މިފަދަ އެތައް ބަޔަކު ފާޅުގައި ނިކުމެ ޑިސެމްބަރު 10ގައި އަޑުއުފުލާނޭކަން ސޯޝަލް މީޑިއާގައި އެބައިމީހުން ހާމަ ކޮށްފައިވޭ. އަދި މިކަމާ މެދު ފިޔަވަޅު އެޅުމަށް ފުލުހުންނަށް މަދަނީ ބައެއް ޖަމިއްޔާތަކުން ހުށަހަޅާފައިވީ ނަމަވެސް މިއިން އެއްވެސް މީހަކާ މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމީ މީގެ އަޑީގައި ތިބީ ކޮންބައެއްކަން ސާފުވާ ކަމެއް،" އަދާލަތުގެ ނުސްބަޔަނުގައިވެ އެވެ.

އަދާލަތުން އަދި ބުނީ އެމީހުންނަށް ދީނީ މިނިވަންކަމަށް ގޮވާލަން ނިކުތުމުގެ ހިތްވަރު ލިބުނީ މި ސަރުކާރަކީ ރާއްޖެ އިން އިސްލާމީ ވަޙުދަތު ނައްތާލައި، އެހެން ދީންތަކަށް މިފަސްގަނޑުގައި ފުރުޞަތު ހުޅުވާލުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ސަރުކާރެއް ކަމުގައި އެންމެނަށް ވެސް ފެންނާން އޮތީމުން ކަމަށެވެ.
އަދާލަތުން ބުނި ގޮތުގައި ޣައިރުދީނުގެ މީހުން އަޅުކަންކުރާ ބުދުތައް އައްޑޫގައި ބަހައްޓައި އަދި ސަރުކާރުން ހިތްވަރު ދީގެން ބޭރު މީހެއް ލައްވައި ކީރިތި ޤުރުއާނުގެ ޙުކުމްތައް ބަދަލު ކުރުމަށް ޢާންމު ބަޙުސަށް ހުޅުވާލުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާ އެ ގޮވާލުމަށް ހިތްވަރު ދެއްވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ސަރުކާރުގެ ވަރަށް އެތެރޭގައި އުޅޭ މީހުންނާ ސީދާ ގުޅުން ހުރި ބަޔަކު ފާޅުގައި ނިކުމެ މުރުތައްދު ވުމުގެ މިނިވަން ކަމަށް ގޮވާލުމުން ދޭހަވަނީ މި ސަރުކާރުގެ ރޭވުމުގެ ދަށުން އިސްލާމީ ވަހުދަތު ނައްތާލުމަށް ހިންގަމުންދާ ކަންތައްތަކެއްކަމުގަ އެވެ.

އަދާލަތުން ބުނީ ދީނީ މިނިވަންކަމަށް ނުވަތަ ޣައިރުދީންތަކަށް ގޮވާލައި އެއްވުމަކީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާ ޚިލާފް ކަމެއް ކަމަށާއި އެކަމަށް ނިކުތް މީހުންނަށް އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތީން ރިވެތިގޮތުގައި ނަސޭޙަތްތެރި ވުމަށް ފަހު އެގޮތް ދޫނުކޮށްފި ނަމަ ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅެން ޖެހޭނެ ކަމަށެވެ.