09 Mar 2020, 15:24
ކޮރޯނާ ނުވަތަ ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އެމިރޭޓްސް މާލޭ އޮފީހުގެ މުވައްޒަފަކު ކ. ފަރުކޮޅުފުއްޓަށް ކަރަންޓީންނަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާކަމަށް ކޮވިޑް 19 ގުޅޭގޮތުން މައުލޫމާތު ދެއްވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.
ކޮރޯނާގެ މައުލޫމާތު ހާމަކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ މަބްރޫކު ވިދާޅުވީ، ރާއްޖެއިން ދިޔަ ފަހުން ކޮރޯނާއަށް ޕޮޒިޓިވްވިކަން އެނގުނު ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިޔާ ނުފުރިގެން މާލެ އައިސް، މާލޭގެ މާގިރި ހޮޓަލުގައި ދެ ދުވަހު މަޑުކުރި ކަމަށެވެ. އަދި ކަރަންޓީނަށް ގެންދާ އެމިރޭޓްސްގެ މުވައްޒަފަކީ އެ އިޓަލީގެ ފަތުރުވެރިޔާއާ އެމިރޭޓްސް ޓިކެޓިން އޮފީހުން ބައްދަލުވެ އޭނާއާ މުއާމަލާތްކުރި މުވައްޒަފުކަމަށް މަބްރޫކު ވިދާޅުވިއެވެ.
"އޭނާ [އިޓަލީ ފަތުރުވެެރިޔާ] ދިޔަކަށް އެނގިފައިވަނީ އެމިރޭޓްސް ޓިކެޓް އޮފީހަށް. ދިޔުމުގެ ތެެރޭގައި ސެލްފް އައިސޮލޭޝަނަށް ދާން ރިކޮމެންޑް ކުރި އެއް މީހަކަށް ސިމްޓޮމެޓިކް ކަންތައްތަކެއް [ވައިރަހުގެ އަލާމާތްތައް] ފާހަގަ ކުރެވިގެން މިހާރު އައިސޮލޭޝަނަށް ފަރުކޮޅުފުއްޓަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން ދަނީ،" މަބްރޫކް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިޓަލީއާ ކޮންޓެކްޓް ޓްރޭސްވި 15 މީހަކު މިހާރުވެސް ސެލްފް އައިސޮލޭޝަންގައި ތިބި ކަމަށާއި ނަމަވެސް އަދި އެމީހުންގެ ފަރާތުން އަލާމާތްތައް ނުފެންނަ ކަމަށެވެ.
ކޮވިޑް19 އާ ބެހޭގޮތުން ތަރުޖަމާނު މަބްރޫކު އަޒީޒް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ކުރެއްދޫގައި ހުރި ފަތުރުވެރިޔާ ފުރަން ދާން އެއާޕޯޓަށް ގޮސް، ނުފުރިގެން މާލޭގެ މާގިރި ހޮޓަލަށް އައިކަން އަޅުގަނޑުމެންނަށް ވަނީ އެސްޓަބްލިޝް ކުރެވިފައި. މިކަމާ ގުޅިގެން 15 ފަރާތެއް ވަނީ ސެލްފް އައިސޮލޭޝަނަށް ގޮސްފައި. އަދި އޭނާ އެއްވެސް ފަރާތަކަށް އަލާމަތްތަކެއް ފެނިފައި ނުވޭ،" މަބްރޫކު ވިދާޅުވިއެވެ.
އިޓަލީ މީހާ ނުފުރި މާލެ ހުރި މިމަހު އެއްވަނަ ދުވަހާއި ދެވަނަ ދުވަހު ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، އިޓަލީ ފަތުރުވެރިޔާ ކުރެއްދޫއިން ޑޮކްޓަރަށް ދެއްކުމަށްފަހު ނުފުރި މާލޭގައި ދެދުވަހު މަަޑުކުރަން ޖެހި، އޭނާ ނުފުރަނީސް އެ މައުލޫމާތު ނުލިބި އޮތީ ކީއްވެގެންތީ ބަލަމުންދާ ކަމަށެވެ. އަދި އެެއީ ކިހިނެއް ހިނގައިދިޔަ ކަމެއްތޯ، ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ ކަމުގެ ޔަގީންކަން މަބްރޫކު ދެއްވިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ، ކުރެއްދޫއިން އިޓަލީ ފަތުރުވެރިޔާއާ ކޮންޓެކްޓްވި 174 މީހަކު އެބަތިވި ކަމަށެވެ. މިހާރު ޕޮޒިޓިވް ވެފައިވާ ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫއިންވެ. އަދި އަނެއް ދެމީހުން ޕޮޒިޓިވް ވެފައިވަނީ ބަތަލާ ރިސޯޓުންނެވެ. ދެ ރިސޯޓަށްވެސް އަރާ ފޭބުން މިހާރު މަނާކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު އިތުރަށް ވިދާޅުވީ، ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް ރާއްޖެއިން 63 ސާމްޕަލް އެއް ނެގި ޓެސްޓު ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 49 ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ. ޖުމްލަ 10 މީހެއްގެ ނަތިޖާ އަދި ނުލިބެއެވެ.
"63 ސާމްޕަލް ނަގާފައި އޮތުމަކީ، 63 މީހުންގެ ސާމްޕްލް ނެގުމެއް ނޫން. ކަށަވަރު ކުރުމަށްޓަކައި [އެއްމީހެއްގެ] ނަގަން ޖެހޭ ވަރަށް އިތުރަށް ނަގާނެ،" މަބްރޫކު ވިދާޅުވިއެވެ.
މިހާތަނަށް ކޮރޯނާ ވައިރަސް 104 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 111,262 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު 62,661 އަށް އަރާއިރު، މަރުވި މީހުންގެ އަދަދަކީ، 3,882 އެވެ.