ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށް ފަހު ދިޔަތަނުން ކޮވިޑް19 އަށް ޕޮޒިޓިވްވި އިޓަލީ މީހާ، ދެ ދުވަހު މާލޭގައި ހުރި ކަމަށާއި އޭނާއާ ކޮންޓެކްޓުވި 16 މީހަކު އެކަހެރިކޮށްފައިވާ ކަމަށް، ސަރުކާރުން ހާމަކޮށްފި އެވެ.

ކޮރޯނާ ވައިރަސްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ހާއްސަކޮށްފައިވާ ތަރުޖަމާން މަބުރޫކް އަޒީޒް މިއަދު ވިދާޅުވީ، ކުރެއްދޫގައި ހުރި ވައިރަހަށް ޕޮޒިޓިވްވި ޓޫރިސްޓް ނުފުރިގެން މާގިރި ހޮޓަލްގައި ދެ ދުވަހު މަޑުކުރި ކަމަށެވެ.

އޭނާ މާގިރި ހޮޓެލްގައި މަޑުކޮށްފައި ވަނީ މާޗު އެއްވަނަ ދުވަހާއި ދެވަނަ ދުވަހުއެވެ.

މަބްރޫކް ވިދާޅުވީ އެ ފަތުރުވެރިޔާއާ ކޮންޓެކްޓުވި، އެ ހޮޓަލްގައި މަސައްކަތް ކުރާ 15 މީހަކު ސެލްފް އައިސޮލޭޝަންއަށް ދާން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ ފަރާތުން އަދި ބަލީގެ އަލާމާތެއް ފެނިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އެމިރޭޓްސްގެ ޓިކެޓް އޮފީހަށް ވެސް އޭނާ ގޮސްފައިވާ ކަމަށާއި އޭނާއާ މުއާމަލާތް ކުރި އެތަނުގެ މުވައްޒަފުގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނިފައިވާތީ އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަބުރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މިވަގުތު އެ މުވައްޒަފު ވެސް ހުރީ ސެލްފް އައިސޮލޭޝަންގައި ކަމަށެވެ.

އިޓަލީ ފަތުރުވެރިޔާ ބަލިވެގެން އެންމެ ފުރަތަމަ ދެއްކީ އެ ރިސޯޓުގައި ހުންނަ ޑޮކްޓަރަށެވެ. އެއަށްފަހު އޭނާ އެއާޕޯޓަށް ފުރަން ގޮސް ނުފުރިގެން އައީ މާލެއަށެވެ. އަދި މާލެ އައިސް މާގިރި ހޮޓެލުގައި ދެ ދުވަހު މަޑުކޮށްފައި ހުރުމަށްފަހު މާލެއިން ފުރީ މި މަހުގެ ދެވަނަ ދުވަހުއެވެ. މާލޭގައި ހުރި އިރު އޭނާ ވަނީ އެމިރޭޓްސްގެ ޓިކެޓިން އޮފީހަށް ވެސް ގޮސްފައެވެ.

މިހާރު ކުރެއްދޫ ރިސޯޓުގެ އެލާޓް ލެވެލް އޮރެންޖަށް މަތިކޮށް، އެ ރިސޯޓަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. އަދި އެ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރިއަށް އެބަދެއެެވެ.

މަބްރޫކް ވިދާޅުވީ އޭނާ މާލޭގައި ދެ ދުވަހު މަޑުކުރި އިރު އެކަން ކަމާބެހޭ ފަރާތްތަކަށް ނޭނގި އޮތް ސަބަބު ސާފުކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ހިނގައި ދިޔަ ގޮތް ސާފުކޮށް، އެކަމާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މަބްރޫކް ވިދާޅުވީ މިހާތަނަށް ރާއްޖެއިން 63 ސާމްޕަލް އެއް ނެގި ޓެސްޓު ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 49 ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ.

އަދި ށ. ފޯކައިދޫ އިން ބަލީގެ އަލާމާތްތައް ހުރި މީހަކު ފެނުމާއެކު، އެރަށުގެ ނުވަ މީހަކު މިހާރު ހޯމް އައިސޮލޭޝަންގައި ބައިތިއްބާފައިވާ ކަމަށާއި މިއަދު 4:30 ގައި އޭގެތެރެއިން އެކަކު ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ގެންނާނެ ކަމަށެވެ.

ފޯކައިދޫގެ އިތުރުން ހިންނަވަރުގައި ވެސް މީހަކު ސެލްފް އައިސޮލޭޝަންގައި ބަހައްޓާފައި އެބަހުއްޓެވެ. އޭނާގެ ސާމްޕަލް މިއަދު ނަގާނެއެވެ.