09 Mar 2020, 16:28
ރައްޔިތުންގެ މަޖިލީހަސް ހުށަހަޅާ ބިލްތަކާއި މައްސަލަތަކާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަން ބާއްވާ ދެވަނަ ބައްދަލުވުން ބުދަ ދުވަހަށް ތާވަލުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ މި މަހުގެ 11 ވަނަ ދުވަހު އޮންނަ ބައްދަލުވުމުގައި ހިޔާލު ހޯދަން ހަމަޖެހިފައި ވަނީ އިންތިގާލީ އިންސާފުގެ ބިލަށެވެ.
އިންތިގާލީ އިންސާފުގެ ބިލަކީ ވޭތުވެދިޔަ އަހަރުތަކުގައި ރައްޔިތުންނަށް ލިބުނު އެކިއެކި ގެއްލުންތަކާއި، ނާއިންސާފުން ހިންގާފައިވާ ކަންކަމަށް އިންސާފު ހޯދައިދިނުމަށް، ގެއްލުން ލިބުނު ފަރާތްތަކަށް މާލީ ބަދަލު ދޭ ގޮތަށް މަޖިލީހަށް ހުށަހެޅި ބިލެކެވެ.
އެ ބިލް މަޖިލީހަށް ހުށަހެޅީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އެވެ. އެ ބިލު މިހާރު އޮތީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައެވެ.
ބިލަށް ހިޔާލު ހޯދަން ބާއްވާ ބައްދަލުވުން އޮންނާނީ ބުދަ ދުވަހުގެ ރޭގަނޑު 08:15 އިން 10:30 އަށް މަޖިލީހުގެ އިދާރާގެ އާ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައެވެ.
އެ ބައްދަލުވުން އާންމުންނަށް ހުޅުވާލައިފައިވާއިރު، ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު، ޖެންޑާ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު، ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދެވެ.
އިންތިގާލީ އިންސާފުގެ ބިލަކީ 2012 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމަށް އިންސާފު ހޯދައި ދިނުމަށް ހުށަހެޅި ބިލެކެވެ.
ރާއްޖޭގެ ރައްޔިތުންނަށް އިންތިގާލީ އަދާލަތު ގާއިމުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވަނީ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި އިންތިގާލީ އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އާންމުންގެ ހިޔާލު ހޯދުމުގެ ފުރަތަމަ ބައްދަލުވުމުގައި ކުރިއަށް ދިޔައީ މިނިމަމްވޭޖް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. އެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.