09 Mar 2020, 13:57
މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް19، ކޮރޯނާވައިރަސްގެ ސަބަބުން އޭޑީކޭގެ އައިސީޔޫ، ސީސީޔޫ އަދި އެޗްޑީޔޫގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތް ކުރާ ގަޑި ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން، ހާލުބޮޑު ބަލިމީހުންނަށް ޒިޔާރަތްކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
ހަމައެއާއެކު ޕްރައިވެޓް ރޫމާއި ވޯޑް ތަކުގައި އެޑްމިޓްކޮށްފައި ތިބި ބަލި މީހުންނަށް ޒިޔާރަތް ކުރުން ވެސް ވަނީ ލިމިޓްކޮށްފަ އެވެ. އެގޮތުން ބަލިމީހާ ގާތުގައި އެންމެ އެހީތެރިޔަކު މަޑުކުރަން އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެޑްމިޓް ކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތްކުރުން ވީހާވެސް މަދުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.
އޭޑީކޭއިން ބުނީ މިއީ އެޑްމިޓްކޮށްފައި ތިބި ބަލި މީހުންނާއި އެހީތެރިންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
އައިޖީއެމްއެޗް އިން ވެސް ވަނީ އިއްޔެ ހޮސްޕިޓަލުގައި ބައިތިއްބައިގެން ފަރުވާދޭ މީހުންނަށް ޒިޔާރަތްކުރާ ގަޑި ވަގުތީގޮތުން އުވާލައިފަ އެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެމީހުން ފަރުކޮޅުފުށީގައި ކަރަންޓީނުކޮށް ފަރުވާދެމުން އަންނަ އިރު، ރާއްޖޭގެ އެލާޓް ލެވެލް ވަނީ ޔެލޯއަށް މަތިކޮށްފަ އެވެ.