09 Mar 2020, 13:47
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ގޮސް ކޮވިޑް 19 އަށް ޕްޒޮޓިވް ވެފައިވާ ފަތުރުވެރިޔާ ރާއްޖެއިން ފުރައިގެން ދެވުނު ގޮތް ތަހުގީގު ކުރަން ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ ފަތުރުވެރިޔާ ރާއްޖެއިން ބޭރުވިއިރު ޕޮޒިޓިވް ވެފައިވާކަމަށް ބެލެވޭއިރު އޭނާ އާއި ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
އެ މަަސައްކަތާ އެކު، ދެން ބަލަމުން އަންނަ އަނެއް މައްސަލައަކީ އެ ފަތުރުވެރިޔާ ރާއްޖެއިން ފުރައިގެން ދިޔައީ ބަލިވެ ހުއްޓާތޯ އާއި އެހެންވެއްޖެ ނަމަ، އޭނާއަށް ފުރައިގެން ދެވުނު ގޮތެއް ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އޭނަ ފުރައިގެން ދިޔުމުގެ ބައެއް ޕްރޮސެސްތައް ބަލާއިރު އޭނަ ބަލިވެ ހުރެތޯ ފުރައިގެން ދިޔައީ. އެހެން ކަމަށް ވަނަމަ އޭނަ އަށް ފުރައިގެން ދެވުނީ ކިހިނެއްތޯ އެކަމުގެ ތަހުގީގެއް މިހާރު ކަމާބެހޭ އިދާރާތަކުން ވަނީ ފަށާފައި،" އަލީ ވަހީދު ވިދާޅުވި އެވެ. "ފުރައިގެން ދިޔަ ފަތުރުވެރިޔާ އެއާޕޯޓުން ފުރައިގެން ގޮސްފައިވާނީ. އެ ފަތުރުވެރިޔާގެ ކޮންޓެކްޓް ޓްރޭސިންގެ މުޅި އެ ވޯކް ތެރޭގައި އެއާޕޯޓުން އޭނާ އާ ބައްދަލުވެދާނެ ކަމަށް ބެލެވޭ މީހުންނާއި އޭނާ އަށް ޓްރީޓުކޮށްފައި ހުރި މީހުންނާ އެކަންކަން ބެލުމުގެ ކަންތައްވެސް ކުރިއަށް އެބަ ގެންދޭ،"
ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ އެއްވެސް މީހަކަށް ރާއްޖެއިން ފުރޭނީ ހުރިހާ އެޖެންސީތަކުގެ ކްލިއަރެންސް ލިބިގެން ކަމަށާއި ފައިނަލް ބަސް ބުނާނީ ސިއްހީ ތަޖުރިބާކާރުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބަލީގެ އަލާމާތްތައް ހުރެއްޖެނަމަ ރިޕޯޓު ކުރަންޖެހޭ އިދާރާތަކަށް ރިޕޯޓު ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
"އެ ޒިންމާ އަދާ ނުކުރައްވައިފިނަމަ އެކަމުގެ ސަބަބުން ކުށެއް ނެތް އެހެން މީހަކަށް ނުވަތަ އެކްސްޕޯސްވާން ނުޖެހޭ މީހަކަށް އެކްސްޕޯސް ވެއްޖެއްޔާމުން އެ ކުރެވެނީ ވަރަށް ބޮޑު ކުށެއް،" މިނިސްޓަރު ވިދާޅުވިއެވެ. "އެއްވެސް ޗާންސެއް އަޅުގަނޑުމެން ނުނަގާނަން،"