09 Mar 2020, 13:10
މި އަހަރުގެ ހޫނު މޫސުމުގައި، ރާއްޖެއަށް އެހެން އަހަރުތަކަށް ވުރެ ހޫނު ގަދަ ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނުގަދަ ވަނީ މާޗު މަހާއި އޭޕްރީލް މަހު އެވެ.
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ މާޗު މަސް ފެށުނު އިރު ވެސް ރާއްޖޭގައި ފިނިހޫނުމިން ހުރީ ރާއްޖޭގައި އާންމުކޮށް ފިނިހޫނުމިން ހުންނަ ވަރަށް ވުރެ 0.5 ދަރަޖަ މަތީގައި ކަމަށެވެ.
އެހެންކަމުން މި އަހަރުގެ ހޫނު މޫސުމުގެ ދުވަސްތަކުގައި ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ މިދުވަސްވަރުގެ އެވްރެޖު ހޫނުމިނަށް ވުރެ މަތީގައި ކަމަށް އެ ބަޔާނުގައިވެ އެވެ.
މެޓުން ބުނީ ދުނިޔޭގެ ފިނިހޫނުމިނަށް ބަލާއިރު ވެސް މިފަހުގެ އަހަރުތަކަކީ، ހޫނުގަދަ އަހަރުތަކެއް ކަމަށް ރެކޯޑުތަކުން ދައްކާ ކަމަށާއި، މިއީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
ރާއްޖޭގެ ފިނިހޫނުމިން ދަށްވާން ފަށާނީ މޭ މަހުގެ މެދެއްހާތަނުގައި، ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފެށުމުން ކަމަށް މެޓުން ބުންޏެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑަށް ހޫނުވި ކަމަށް ރެކޯޑު ކުރެވިފައި ވަނީ 19 މެއި 1991 ގައި ކައްދޫގައި ހުންނަ މެޓް އޮފީހުންނެވެ. އެދުވަހު ރާއްޖޭގެ ފިނިހޫނުމިން 36.8 ޑިގްރީއަށް އަރާފައިވެ އެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ދަށް ފިނިހޫނުމިން ރެކޯޑު ކުރެވިފައި ވަނީ 11 އެޕްރީލް 1978 ގަ އެވެ. އެދުވަހު ރާއްޖޭގެ ފިނިހޫނުމިން 17.2 ޑިގްރީއަށް ވެއްޓިފައިވެ އެވެ.