ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންގެ ބެލެނިވެރި ފަރާތްތައް ހޭލުންތެރި ކުރުމަށްވެސް މަސައްކަތް ކުރެވެމުންދާކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެފި އެވެ.

ކޮވިޑް 19 އާއި ގުޅިގެން އެ ޖަމާއަތުން ކުރާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމްއިއްޔާގެ ޕްރޮގްރާމު އޮފިސަރު މައީދު ޒާހިދު ވިދާޅުވީ ކޮވިޑްއާ ގުޅޭގޮތުން އަދި ބަލި ފެތުރުން ކުޑަކޮށް އަދި ބަލިން ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ވީހާވެސް ގިނަ މީހުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އާންމުކޮށް ބިދޭސިން އެއްވެ އުޅޭ ތަންތަނުގައި އެފަދަ ފަރާތްތަކަށް މައުލޫމާތުދީ ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މަސައްކަތުގައި ބިދޭސީ ވޮލަންޓިއަރުންވެސް މަސައްކަތް ކުރަމުންދާ ކަމަށް މައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވީހާވެސް ބޮޑަށް އާންމު ސާފުތާހިރުކަމާ ގުޅޭގޮތުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރެވެމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ އިންޓަނޭޝަނަލް ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓުގެ އެހީތެރިކަންވެސް ދިވެހި ރެޑްކްރެސެންޓުން ކުރާ މަސައްކަތުގައި ލިބެމުންދާ ކަމަށެވެ.

"ރެޕިޑް ރެސްޕޮންސް ޓީމުގައި މި ކަމުގައި ނިކުންނަ ޓީމުތަކަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޓްރެއިނިން އަޅުގަނޑުމެން އެބަ ދެން،" މައީދު ވިދާޅުވި އެވެ.

ރެޑްކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ އެ ޖަމްއިއްޔާގެ ފަރާތުން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ "ހާސް ނުވާށޭ، ބިރުނުގަންނާށޭ" ކަމަށެވެ. މިހާރު މުހިއްމީ ބަލީގައި ޕޮޒިޓިވް ވަނީ ކިތައް ކޭސްތޯ ނޫން ކަމަށާއި، މިއީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށް ހިމްޔާ ވިދާޅުވިއެވެ.

ހިމްޔާވެސް ވަނީ އެޗްޕީއޭ އާއި ސިއްހީ ހިދުމަތްތެރިންގެ އިލްތިމާސް ތަކުރާރު ކުރައްވާ ގިނައިން އަތްދޮވުމަށާއި، މަގު މައްޗަށް ކުޅު ނުޖެހުމަށާއި ރޯގާ ޖެހި ކެއްސާ ކިނބިހި އަޅާއިރު ޓިޝޫ ބޭނުންކުރާނަމަ އެ ތަކެތި ރަނގަޅަށް ނައްތާލުމަށް އިލްތިމާސް ކުރައްވައިފައެވެ.

ހިމްނާ ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންގެ ފަރާތުންވެސް ބަލި ފެނިއްޖެނަމަ އެމީހުންނަށް ފަރުވާ ދިނުމުގައިވެސް އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށެވެ. އޭނާ ވިދަޅުވީ ބަލި ޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދޭ ކަމަށާއި އެފަދަ ފަރާތްތައް ބާކީ ނުކުރުމަށް އެދޭ ކަމަށެވެ.

"ކޮރޯނާގެ ހާލަތުގައި ބިދޭސީ އަކަށް ނުބަލައި ފަރުވާ ލިބެނެ ގޮތް ހެދޭނެ. އެ މަޝްވަރާތައް ސަރުކާރާއެކު ކުރެވޭ،" އޭނާ ވިދާޅުވިއެވެ.