ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއަށް 771 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ފަންޑްގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލްސުވައިދީ އެވެ.

އަބޫދާބީ ސަރުކާރުން ރާއްޖެއަށް 385 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ނިންމާފައިވަނިކޮށް، އެ އެހީ ދެގުނަ ބޮޑުކޮށް، 771 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާކަން އަބޫދާބީ ސަރުކާރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އެންގެވީ، 2019 ނޮވެމްބަރު 10 ވަނަ ދުވަހު އެވެ.

އެ ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެކަން އިއުލާންކުރައްވާފަ އެވެ.

ރައީސް ސޯލިހު ވަނީ ޔޫއޭއީއަށް ރަސްމީ ދެ ދަތުރުފުޅެއް މިހާތަނަށް ކުރައްވާފަ އެވެ.

މި ސަރުކާރު ވެރިކަމަށް އައުމާއެކު ޔޫއޭއީ އާއެކު އޮންނަ ގުޅުން ވަނީ ބަދަހި ވެފައެވެ. ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އެގައުމުން ދަނީ ބޮޑެތި އެހީތައް ވެދެމުންނެވެ.

ފޮރިން މިނިސްޓަރު ޝާހިދު މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ޔޫއޭއީއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކާއެކު ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެގައުމަށް ދެވޭ ގޮތް ވަނީ ހަމަޖެހިފައެވެ.