ޗައިނާގެ 18 ވަނަ ގަރުނުގެ އެމްޕެރާގެ ޕޯސެލިން ވާސް އެއް 4.6 މިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ.

ނީލަމަށް ލައިގެން އެ ވާސް ވިކިފައިވާ އިރު އެ ވާސް އަށް އެންމެ މަތީން އަގު ކިޔައިގެން އެ ގަނެ ފައިވަނީ ޗައިނާގެ މީހެކެވެ.

ކޯބަލްޓް ނޫކުލައިގެ ޑްރެގަން އެއް ކުރުހާފައިވާ އެ ވާސް ފެނިފައި ވަނީ އިލިވިއޭ ކްލެއާ ނަމަކަށް ކިޔާ މީހަކަށެވެ.

އޭނާ ކިޔައިދިން ގޮތުގައި، އެފަދަ ވާސްތަކަކީ މީގެ ކުރީން ޗައިނާގެ ފައްޅި ފަދަ ތަންތަނުގައި ބޭނުންކުރަމުން އައި އެއްޗެކެވެ. ނަމަވެސް އަހަރުތަކަށް ފަހު މީހުން މިހާރު އެ ބޭނުންކުރަމުން ގެންދަނީ ގޭތެރެ ޒީނަތްތެރިކުރުމަށް ކަމަށް އޮލިވިއޭ ކިޔައިދިނެ އެވެ.

"މިއީ ޗައިނާ މީހުންނަށް ހާއްސަ އެއްޗެއް. އެއީ ޗައިނާގެ ހެރިޓޭޖް ދައްކުވައިދޭ އެއްޗެއް،" އޭނާ ބުންޏެވެ.

އޮލިވިއޭއަށް އެ ވާސް ފެނިފައި ވަނީ ފްރާންސުންނެވެ. އޮލިވިއޭ ބުނީ އެ ވާސް ފްރާންސް އަށް ގޮސްފައި ވަނީ 1860ގެ އަހަރުތަކުގެ ތެރޭގައި އިނގިރޭސިން ޗައިނާ އަށް އަރައި ހިންގި ފޭރުމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށެވެ.