11 Dec 2011, 00:33
މިދިޔަ އަހަރު ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކިތަންމެ ކަންތައްތަކެއް ނުކުރެވިވާކަން ސަރުކާރުން ގަބޫލުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މި ރޭ ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ހިއުމަން ރައިޓްސް ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މި ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެކަން ކަމަށް ހުއްޖަތް ދެއްކުމަކީ ސަރުކާރުން ބޭނުންވާ ކަމެއް ނޫން ކަމަށާއި ސަރުކާރުގެ އަމާޒަކީ އެކަންތައްތައް ކުރެވޭތޯ ބެލުން ކަމަށެވެ.
"ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ދެންމެ ފާހަގަ ކުރެއްވި ކިތަންމެ ކަމެއް، ދިވެހި ސަރުކާރުން ކުރާން ޖެހިފައިވާ ކަންތައްތަކުގެ ތެރެއިން ނުކުރެވިފައިވާ އެތައް ކަމެއް، 50 ޕަސެންޓަށް ކުރެވިފައިވާ ކަންތައްތައް، 40 ޕަސެންޓަށް ކުރެވިފައިވާ ކަންކަން. ސަރުކާރުން މިހުރިހާ ކަމެއް ވެސް ނުކުރެވިފައިވާ މިންވަރަށް ނުކުރެވިފައި އޮތްކަން ބަލައި ގަންނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އަދި ވިދާޅުވީ އެކަންކަން ކުރުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށާއި އަދި އެކަންކަމަށް ހުއްޖަތް ދެއްކުމަކީ ސަރުކާރުން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ހިއުމަން ރައިޓްސް ކޮމިޝަނުން އޭރަކު އަންގާ ކަންތައްތައް އަންގާ ގޮތަށް ވީވަރަކުން ކުރެވޭތޯ ބެލުމަށް ކަމަށެވެ.
"ސަރުކާރުގެ އަމާޒަކީ ސަރުކާރުގެ ބޭނުމަކީ ހިއުމަން ރައިޓްސް ކޮމިޝަނުން އެއިރެއްގައި ފާހަގަ ކުރެއްވި ކަމެއް އެ ފާހަގަ ކުރެއްވި ގޮތަކަށްވީ މިންވަރަކުން ކުރެވޭތޯ ބެލުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަރުދަމާ އޮތުމަކީ އިންސާނީ ހައްގެއް ކަމަށާއި ހަމަ އެފަދައިން ޓެކްސް ނެގުމަކީ ވެސް ހައްގެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ނަރުދަމައެއް އޮތުމަކީ އިންސާނީ ހައްގެއްގެ ގޮތުގައި އެބަވޭ، އެހެން ވީމާ ޓެކްސް ނެގުމަކީ ވެސް އިންސާނީ ހައްގެއް. ދެން އަނެއް ކޮޅުން އެނބުރިދާނީ، އެނަރުދަމާ އަޅުގަނޑުމެނަށް އަޅައި ދެވެން އޮތީ ޓެކްސްގެ ފައިސާ އިން ކަމަށް ވާތީ، ރަނގަޅު ސިއްހީ ހިދުމަތް ލިބުމަކީ އިންސާނީ ހައްގެއް، އެ އިންސާނީ ހައްގު އަދާކޮށް ދިނުމަށް ޓަކައި ސަރުކާރުގެ ވާޖިބެއް އެއީ ޓެކްސް ނެގުން، ޒިންމާ އާއި މަސްއޫލިއްޔަތު މީގައި އެބަ ހިމެނޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އާ ގާނޫނު އަސާސީގެ ހައްގުތަކާ ބެހޭ ބާބުގައި އެ ބާވަތުގެ ކިތަންމެ ކަންތައްތަކެއް އެބަހުރި ކަމަށާއި އެ ހައްގުތަކަކީ ރައްޔިތުންނަށް ލިބިދޭން ޖެހޭ ކަމަށް ރައްޔިތުން ވެސް އަދި ސަރުކާރުން ވެސް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އެ ހައްގުތައް ލިބި ދިނުމަށް ޓަކައި ސަރުކާރުގެ ހަދަރު ވެސް ކުޑަކުރަން ޖެހޭ ކަމަށާއި އާމްދަނީ އިތުރު ކުރަން ވެސް ޖެހޭ ކަމަށެވެ.
އަދި ވިދާޅުވީ ސަރުކާރުން ޒިންމާދާރު އިގުތިސާދީ ސިޔާސަތު ހިންގަން ޖެހޭ ކަމަށެވެ.
"ރައްޔިތުންނަށް އެހައްގުތައް ފޯރުވައި ދިނުމަށް ޓަކައި ސަރުކާރުގެ ހަރަދު ވެސް ކުޑަކުރާން ޖެހޭ. ސަރުކާރުގެ އާމްދަނީ ވެސް އިތުރު ކުރާން ޖެހޭ. ޒިންމާދާރު އިގުތިސާދީ ސިޔާސަތު ސަރުކާރުން ހިންގަން ޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޝަނުން ފާހަގަ ކުރި ގޮތުގައި އިންސާނީ ހައްގުތަކުގެ މައްސަލަތަކާ ގުޅިގެން އެކޮމިޝަނުން ސަރުކާރަށް ހުށައެޅި ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތަކުގެ 50 ޕަސެންޓް އަދި ބައެއް ކަންތައްތަކުގެ 40 ޕަސެންޓް ސަރުކާރުންކޮށްފައިވާ ކަމަށެވެ.