މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ނުވަތަ ކޮރޯނާވައިރަސްއާއި ގުޅިގެން ކަރަންޓީނުކޮށްފައިވާ އަދި އައިސޮލޭޓުކޮށްފައިވާ ފަރާތްތަކަށް ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ދިވެހި ރެޑްކްރެސެންޓުން ބުނެފިއެވެ.

ކޮވިޑް 19 އާއި ގުޅިގެން ރެޑް ކްރެސެންޓުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ އެ ބައްޔަށް ޝައްކު ކުރެވޭ ފަރާތްތަކާއެކު މިހާރު ކުރާ މަސައްކަތަކީ އެ މީހުންނަށް ބޭނުންވާނެ ސައިކޯ ސޯޝަލް ސަޕޯޓު ދިނުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން ކޮވިޑްއަށް ޝައްކު ކުރެވިގެން އެކަހެރި ކުރެވޭ މީހުންނަށް ފޯނު މެދުވެރިކޮށް ސައިކޯ ސޯޝަލް ސަޕޯޓު ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޖަމިއްޔާގެ ރައީސް އަލީ ނާޝިދު ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން އެ ޖަމިއްޔާ އިން މައިގަނޑު ތިން ހަރަކާތެއް ކުރިއަށް ގެންދާ ކަމަށެވެ.

"ފުރަތަމަ ކަމަކަށް ސަރުކާރަށް ވާގިވެރިވެ، ސަރުކާރާއެކު މަސައްކަތް ކުރާ މިނިވަން ޖަމާއަތެއްގެ ގޮތުގައި ދައުލަތުގެ ކަމާބެހޭ މުވައްސަސާތައް އެކުލެވޭގޮތަށް އެކުލަވަލާފައިވާ ޓާސްކްފޯހުން ކުރަމުންދާ މަސައްކަތްތަކުގައި އަޅުގަނޑުމެން މިދަނީ ބައިވެރިވަމުން. މި މަސައްކަތުގައި ފަންނީ އެހީތެރިކަން ދިވެހި ރެޑްކްރެސެންޓުން ދަނީ ފޯރުކޮށްދެމުން،" ނާޝިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް، ސާފުތާހިރުކަމާ ގުޅޭގޮތުން ހޭލުންތެރިކޮށް، ބަލިފެތުރުމާ ގުޅޭގޮތުންނާއި ބައްޔާއި ގުޅޭގޮތުން މައުލޫމަތު ހިއްސާކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ނަފްސާނީ އިޖުތިމާއީ ނުވަތަ ސައިކޯ ސޯޝަލް ސަޕޯޓު ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ދިނުމުގެ މަސައްކަތްވެސް ކުރަމުންދާކަން ނާޝިދު ފާހަގަކުރެއްވިއެވެ. މި ހިދުމަތް ދެމުންދަނީ ފޯނު ކޯލު މެދުވެރިކޮށެވެ.

ދިވެހި ރެޑްކްރެސެންޓުގެ ޕްރޮގްރާމު އޮފިސަރު މައީދު މުހައްމަދު ޒާހިރު ވިދާޅުވީ އަތޮޅުތެރޭގައި ގާއިމް ކުރެވިފައި ހުރި އެ ޖަމްއިއްޔާގެ ގޮފިތަކުން ރަށްރަށުގައިވެސް ބައްޔާގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"ފުރަތަމަ އަޅުގަނޑުމެން ޑޯޓުޑޯ ރަށްރަށުގައިވެސް އަދި މާލޭގައިވެސް ކުރިއަށް ގެންދިޔައިން. ލެވެލް ޓޫއަށް ބަދަލުވުމުގެ ކުރިއަށްއަޅުގަނޑުމެން ދިޔައީ ޑޯޓުޑޯގެ ހަރަކާތްތައް ހިންގަމުން. ލެވެލް މަތިވުމުން އަޅުގަނޑުމެން އެ ހަރަކާތްތައް މަޑުޖައްސާލީ،" އޭނާ ވިދާޅުވިއެވެ.

މައީދު ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ އާބާދީއަށް އަމާޒުކޮށްގެންވެސް ހޭލުންތެރި ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ.

"ބިދޭސިންގެ ބަސްތަކަށް އަޅުގަނޑުމެންގެ މެސެޖިން ތަރުޖަމާ ކުރެވި، މި އިންފޮމޭޝަން ވަނީ ފޯރުކޮށްދެވިފައި. ބިދޭސީން ގެންގުޅޭ ފަރާތްތަކަށްވެސް އަޅުގަނޑުމެން މި މެސެޖުތައް ދަނީ ފޯރުކޮށްދެމުން،" މައީދު ވިދާޅުވިއެވެ.

މިހާތަނަށް ފޭސް ޓު ފޭސްކޮށް މާލޭގައި 6،000 އަށް ވުރެ ގިނަ ބިދޭސިންނަށް މި ބައްޔާ ގުޅޭ މައުލޫމަތު ފޯރުކޮށްދީފައިވާއިރު ހޭލުންތެރިކުރުމުގެ ސެޝަންތަކާއި ބައްޔާ ގުޅޭ މައުލޫމާތު ހިމެނޭ ލީފްލެޓު ބެހުމުގެ މަސައްކަތްވެސް އެ ޖަމިއްޔާއިން ވަނީ ކޮށްފައެވެ.