09 Mar 2020, 11:49
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުނި ރެޑްވޭވުން، 20،000 ފޭސް މާސްކް ހިލޭ ބަަހަން ނިންމައިފި އެވެ.
ރެޑްވޭވުން ބުނީ މިއީ މިހާރު ރޭއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް އެއްބާރުލުން ދިނުމުގެގޮތުން ބަހާ މާސްކްތަކެއް ކަމަށެވެ.
އެ ފޭސް މާސްކްތައް ރެޑްވޭވްގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށާއި އެގޮތުން ކުރާ ކޮންމެ ވިޔަފާރިއަކަށް ހިލޭ ތިން މާސްކް ދޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.
ކޮވިޑް-19 ޖެހިފައިވާ ހަތަރު މީހަކު މިހާރު ރާއްޖެއިން ވަނީ ފެނިފަ އެވެ. އެ ބަލި ފެނިފައި ވަނީ ބަތަލާ ރިސޯޓުންނާއި ކުރެއްދޫ ރިސޯޓުންނެވެ. އެ ދެ ރިސޯޓް ވެސް މިހާރު އޮތީ ލޮކްޑައުންކޮށްފަ އެވެ.
ރާއްޖެއަށް ކޮވިޑް-19 އައުން ހުއްޓުވުމުގެ ގޮތުން ޗައިނާ، އީރާން، އިޓަލީ އަދި ދެކުނު ކުރެއާގެ ބައެއް ހިސާބުތަކުން މީހުން އައުން ވަގުތީ ގޮތުން ވަނީ މަނާ ވެސްކޮށްފަ އެވެ.
ޗައިނާގެ ވުހާން ފެތުރެން ފެށި ވައިރަސްއާ ގުޅިގެން އެ ސިޓީ މިހާރު އޮތީ ބަންދު ވެސް ކޮށްފަ އެވެ. ޗައިނާ އިން އެޅި ފިޔަވަޅުތަކާ އެކު ކޮވިޑް-19 ފެންނަ މީހުން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އިއްޔެ ވުހާން އިން ފެނިފައި ވަނީ އެ ބަލީގެ 41 ކޭސް ވެސް މެ އެވެ.
ޗައިނާގައި ކޮވިޑް-19 ފެތުރޭ މިންވަރު ދަށްވި ނަމަވެސް އިޓަލީ އީރާން އަދި ޖަރުމަނުގައި ހަލުވިކަމާ އެކު އެ ބަލި ދަނީ ފެތުރެމުންނެވެ. މުޅި ދުނިޔެއިން އެބަލި މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ އިރު 3000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.