ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާމަލް ކެމެރާ ހަރުކޮށް، ކޮވިޑް19 އަށް ސްކްރީން ކުރުން ލަސްކުރަން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަސައްކަތް ކުރެއްވި ކަމަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ތުހުމަތު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަކަށް މަޖިލީހުގައި ބަހުސްކުރައްވަމުން މެމްބަރު އަފީފް ވަނީ ހެލްތު މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މި ސަރުކާރުގެ މިނިސްޓަރެއް ކަމުގައި ވީނަމަވެސް، ގޯސްކޮށް ކަމެއް ކުރާނަމަ އެވާހަކަ ދައްކާނެ ކަމަށާއި އެކަން ބަލަން ޖެހޭނެ ކަމަށް އަފީފް ވިދާޅުވި އެވެ.

"ވަރަށް ފަހުރުވެރި ކަމާއެކު ހެލްތު މިނިސްޓަރު އެބަ ވިދާޅުވޭ އެއާޕޯޓުތަކުގައި ކެމެރާ އެހެރީ ހަރުކޮށްފައޭ. އެކަމަކު އެމަނިކުފާނު މިތަނަށް ކެމެރާ ގެނައުން ލަސްކުރަން މަސައްކަތް ކުރައްވާފައި އޮތީ ފުރަތަމަ އެކަންތައް ފެށި އިރު،" އަފީފް ވިދާޅުވި އެވެ.

2019 ވަނަ ރައްޔިރުން މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އަފީފް ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް

އަފީފް ވިދާޅުވީ އެކަމުގެ މައުލޫމާތު އެބަހުރި ކަމަށާއި، އެވާހަކަ ދައްކަވަނީ އެކަން ވަރަށް ރަނގަޅަށް އެނގިހުންނަވައި ކަމަށެވެ.

އަފީފް ވަނީ މިނިސްޓަރު އަމީނަކީ ސަރުކާރު ތެރޭގައި ހުރެގެން ސަރުކާރަށް ޖެއްސުންކުރާ މީހެއް ކަމަށް ވިދާޅުވެ، އަމީންއާ މެދު ސަމާލުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި، ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ތިބެގެން މި ސަރުކާރަށް ޖެއްސުން ކުރާ މީހެއް އޭނައަކީ. ހަމަ ކަނޑައެޅިގެން އަޅުގަނޑު މި ދަންނަވަނީ ޖެއްސުން ކުރާ މީހެކޭ އޭނައަކީ. އަޅުގަނޑުމެން އެބަޖެހޭ އޭނައާ ދޭތެރޭ ވިސްނަން. ސަރުކާރުން ރައީސް ވެސް އެބަޖެހޭ އޭނައާ ދޭތެރޭ ވިސްނަން،" އަފީފް ވިދާޅުވި އެވެ.

ރާއްޖެ އަންނަ ފަތުރުވެރިން ކޮވިޑް-19 އަށް ސްކްރީން ކުރުމަށް އެއާޕޯޓުގައި ހަތް ތާމަލް ކެމެރާ ހަރުކޮށްފައި އެބަހުއްޓެވެ. ނަމަވެސް ރާއްޖެ އައި ފަތުރުވެރިޔަކު ފުރައިގެން ދިޔަ ފަހުން އޭނާ ބައްޔަށް ޕޮޒިޓިވް ވެފައިވާތީ، އެއާޕޯޓުން އޭނާ ސްކްރީން ކުރިއިރު، އެކަން ފާހަގަވެފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

މިއަދު ޖާބިރު ހުށަހެއްޅުއްވި ކުއްލި މައްސަލައިގައި ވެސް އެކަން ފާހަގަކޮށް، ސިއްހީ އިދާރާތަކުން އިހުމާލުވެފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލަން ވަނީ ގޮވާލައްވައިފަ އެވެ.

ނަމަވެސް ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ދެ ދުވަހާއި 14 ދުވަހުގެ މުއްދަތެއް ނަގާއިރު، ބައެއް ފަހަރު ބަލި ޖެހިފައިވާ މީހުންގެ ގައިން އަލާމާތްތައް ނުފެނިވެސް ހުރެއެވެ.

ހެލްތު މިނިސްޓަރު އަމީން އަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން އަންނަނީ ފާޑުވިދާޅުވަމުންނެވެ.

ރާއްޖެއިން މިހާތަނަށް ހަތަރު މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފުންނާއި، އއ. ސޭންޑީސް ބަތަލާ ރިސޯޓުގައި ތިބި ދެ ފަތުރުވެރިންނެވެ.

ދެ ރިސޯޓުން ބަލި ޖެހިފައިވާ މީހުން ފެނިފައިވާއިރު، އެ ދެ ރިސޯޓަށް އަރައިފޭބުން އޮތީ މަނާކޮށްފަ އެވެ. އަދި އެ ރިސޯޓުތަކުން އިތުރު މީހުން ބައްޔަށް ސްކްރީންކޮށް، ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.