މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފާތިމަތު ހިމްޔާ އައްޔަނުކޮށްފި އެވެ.

ރާއްޖޭގައި ރެޑްކްރެސެންޓުގެ ހިދުމަތް ފެށިފަހުން ހިމްޔާ ވަނީ އެ ޖަމާއަތުގެ މެންބަރެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

އެމްއާރުސީ އަކީ ދިވެހި ރެޑްކްރެސެންޓް ގާނޫނުގެ ދަށުން ބާރު ލިބިދީގެން ހަރަކާތްތެރިވާ މިނިވަން ޖަމާއަތެކެވެ. އެ ޖަމާއަތުގެ މަސައްކަތްތައް މައިގަނޑުގޮތެއްގައި ހިންގަނީ އެކި ފަރާތްތަކުން ދޭ އެހީ އާއި އިންޓަނޭޝަނަލް ރެޑް ކްރޮސް އެންޑް ރެޑް ކްރެސަންޓުގެ ފަރާތުން ލިބޭ އެހީގަ އެވެ.

ރާއްޖޭގައި ރެޑް ކްރެސެންޓުގެ ހިދުމަތް ފެށިފަހުން ގައުމަށް ދިމާވާ ބޮޑެތި ހާދިސާތަކާއި ކާރިސާތަކުގައި ރެޑް ކްރެސެންޓުގެ ވޮލަންޓިއަރުންގެ އެހީ ފޯރުކޮށްދެއެވެ. މިއީ އިންސާނީ ހިދުމަތުގައި ވަރުބަލިކަމެއްނެތި މަސައްކަތްކުރާ ވޮލަންޓިއަރުންގެ ހިދުމަތް ރައްޔިތުންނަށް އެންމެ ގާތުންދޭ އެއް ޖަމްއިއްޔާ އެވެ.

ރާއްޖޭގައި ރެޑް ކްރެސެންޓުގެ 10 ބްރާންޗާއި 20 ޔުނިޓު ހިންގާއިރު، އެތައް ހާސް ވޮލަންޓިއަރުންނެއް އެ ޖަމްއިއްޔާގައި މަސައްކަތް ކުރެ އެވެ.