09 Mar 2020, 10:05
ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސް އަތުން ބަލިވެ ރެއާލް މެޑްރިޑް ތާވަލުގެ ދެވަނައަށް ވެއްޓިއްޖެ އެވެ.
ބެޓިސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުން ރެއާލްގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން ބަލިވުމާ އެކު ރެއާލް މިވަގުތު ދެވަނައިގައި އޮތީ 27 މެޗު ކުޅެގެން ލިބުނު 56 ޕޮއިންޓާ އެކުގަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާއިން 58 ޕޮއިންޓް ހޯދާފައިވާ އިރު ރޭގެ މެޗުން މޮޅުވި ބެޓިސް އޮތީ ތާވަލުގެ 12 ވަނައިގައި 33 ޕޮއިންޓާ އެކުގަ އެވެ.
މިދިޔަ ހަފުތާ ކުޅުނު އެލްކުލެސިކޯ މެޗުގައި ބާސެލޯނާ ބަލިކޮށް އެއްވަނައަށް ޖެހިލި ރެއާލް ރޭގެ މެޗަށް ނުކުތީ އެ މެޗުގައި ދެއްކިފަދަ މޮޅު ކުޅުމެއް ދެއްކުމުގެ އުންމީދުގަ އެވެ. އެކަމަކު ފުރަތަމަ ހާފުގައި ބެޓިސްގެ ސިޑްނޭ ވައްދާލި ގޯލާއެކު މެޗުގެ އުނދަގޫކަން ރެއާލްއަށް އިނގުނެވެ.
އެކަމަކު ފުރަތަމަ ހާފުގެ އިތުރުވަގުތު ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ފޯވާޑް ކަރީމް ބެންޒެމާ ވަނީއެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ބެޓިސްއަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގައިދީ މެޗުން މޮޅުކޮށްދިނީ ދެވަނަ ހާފުގެ82 ވަނަ މިނަޓުގައި ކްރިސްޓިއަން ޓެލޯ ވައްދާލި ގޯލުންނެވެ.
މި ސީޒަނުގައި ކުޅުނު ދެ މެޗުން ވެސް ރެއާލް މެޑްރިޑް ބަލިކުރި ބެޓިސް އަންނަ މެޗުގައި ވާދަކުރާނީ އެ ޓީމާއި އެންމެ ވާދަވެރި ސެވިއްޔާއާ ދެކޮޅަށެވެ. ރެއާލް ދެން މެޗެއްގައި ނުކުންނާނީ އެއިބާއާ ދެކޮޅަށެވެ.
އެ މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ އެ މެޗަކީ މުޅި ސީޒަނުގައި ވެސް ރެއާލް ކުޅުނު އެންމެ ދަށް މެޗު ކަމަށެވެ.
"މި މެޗުން ބަލިިވުމުގެ ފުރިހަމަ ޒިންމާ އަހަރެން ނަގާނަން. މެޗުން ބަލިވީ އަހަރެންނާ ހެދި، މިއީ މުޅި ސީޒަނުގައި ވެސް ރެއާލް ކުޅުނު އެންމެ ދަށް މެޗު."