ރިޔާޒު (މާޗް 9): ސައުދީ އަރަބިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުގައި ސްކޫލުތަކާއި ޔުނިވާސިޓީތައް މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި އެވެ.

ސައުދީ އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލާދީ ދައުލަތުގެ މީޑިއާ އެސްޕީއޭގައިވާ ގޮތުން މިއަދުން ފެށިގެން ސްކޫލުތައް ބަންދު ކުރާ އިރު އޭގެ ތެރޭގައި ސަރުކާރުގެ އާއި ޕްރައިވެޓް ސްކޫލުތަކާއި ޓެކްނިކަލް އަދި ހާއްސަ ތަމްރީނުދޭ ސްކޫލުތައްވެސް ހިމެނޭނެ އެވެ.

ސައުދީގައި މިހާތަނަށް 11 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އެ އެންމެންނަކީ އެގައުމުގެ ގާތިފް ސިޓީގައި ތިބި މީހުންނެވެ. ގާތިފް އަކީ ޝީޢީންގެ އާބާދީ ބޮޑު ސަރަހައްދެކެވެ. އަދި ވައިރަސް ޖެހުނު ގިނަ މީހުންނަކީ އީރާނުގައި ހުންނަ ޝީޢީންގެ މުގައްދިސް ތަންތަނަށް ޒިޔާރަތް ކުރި މީހުންނެވެ.

އެހެންކަމުން ސައުދީން އިއްޔެ ވަނީ ގާތިފްއަށް އަރާ ފޭބުން މަނާކޮށްފަ އެވެ.

ޗައިނާއިން ފުރަތަމަ ފެނުނު ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 108 ގައުމަށާއި ޓެރިޓަރީއަށް ފެތުރި، 110،000އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ސަބަބުން 3,825 މީހަކު މަރުވެފައިވާ އިރު 61,977 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އެވައިރަހުގެ ސަބަބުން ޗައިނާގައި 3،000އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު އެގައުމުން ބޭރުގައި އެންމެ ގިނަ މީހުން މަރުވީ އިޓަލީ އާއި އީރާނުގަ އެވެ. އެއީ އިޓަލީގައި 366 މީހަކާއި އީރާނުގައި 194 މީހެކެވެ.