އަހުމަދު ސަލީމް

އިންސާނީ ޙައްޤުތަކުގެ ވާހަކަ ދިވެހި ރައްޔިތުންނަށް ޢާންމުގޮތެއްގައި އިވެންފެށީ އަދި އެއާމެދު ވާހަކަ ދައްކަން ފެށުނީ 2003 ވަނަ އަހަރު އެޗްއާރސީއެމް އުފެއްދެވި ހިސާބުންނެވެ. އޭގެ ކުރިން އިންސާނީ ޙައްޤުތަކުގެ ވާހަކަ ދެއްކުމަކީ ނުކުރެވޭ ކަމެކެވެ. ދެހާސް ތިން ވަނަ އަހަރުގެ ކުރިން، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް (10 ޑިސެމްބަރ) ފާހަގަ ކުރުމުގެ ގޮތުން، "މިއަދަކީ އިންސާނީ ޙައްޤުތަކުގެ ދުވަސް" ޖަހާފައިވާ ޓީޝަޓެއް ލައިގެން އުޅުނަސް އޮންނަނީ ސުވާލުކުރަން ޖެހިފަ އެވެ. ، ނުވަތަ މައްސަލައަކަށް ވެފަ އެވެ. ދިވެހިން އެދީނަކައް ނިސްބަތްވާ މާތްވެގެންވާ އިސްލާމް ދީނުގައި އިންސާނީ ހައްގުތައް ވަރަށް ފުރިހަމައައް ބަޔާންކުރައްވާފައި ވީނަމަވެސް، ރާއްޖޭގެ ސަގާފަތުގައި އެއްވެސް އިރެއްގައި ޑިމޮކްރަސީއާއި ހިއުމަން ރައިޓްސް އެއީ އަށަގެންފައިވާ ކަންތަކަށް ނުވާތީ، މިދެކަންތައް ވެސް ވަނީ މުޅިން ބީރައްޓެހި އަދި އެކަންތަކާއި ގުޅޭގޮތުން ވާހަކަ ދައްކައިފި ނަމަ، އެއިރަކު ވެރިކަމުގައި ތިއްބެވި ބަޔަކަށް ނުރައްކާ ވެދާނެ ކަމެއް ކަމުގައިބެލެވިފަ އެވެ.

ނަމަވެސް 2008 ވަނައަހަރުގެ އޮގަސްޓް 7 ގައި މިހާރުގެ ފެހި ގާނޫނު އަސާސީ ރައްޔިތުންނަށް ލިބުމާއި ގުޅިގެން، ރާއްޖެއަށް ޑިމޮކްރަސީ އައިސް މިހާރު ވަނީ އެ ގާނޫނު އަސާސީ ގައިވަނީ ރައްޔިތުންގެހުރިހާ ހައްގުތައް ލިބިދީފައިކަމުގެ ބެލެވެ އެވެ. ރައްޔިތުންގެ ޙައްޤުތައް އެމީހުންނަށް އެންމެ ރަނގަޅަށް ލިއްބައިދޭ ނިޒާމަކީ ޑިމޮކްރަސީ އެވެ. ރާއްޖެއަށް ޑިމޮކްރަސީ އައިފަހުން މިހާރު ތިން އަހަރު ފާއިތުވެގެން ދާއިރު ރާއްޖޭގެ ރައްޔިތުންނަށް ޙައްޤުތައް ލިބިފައިވަނީ ކިހާވަރަކަށް ބާވަ އެވެ؟ މިޙައްޤުތައް ރައްޔިތުންނަށް ލިއްބައިދެނީ ފުރިހަމަ ޑިމޮކްރަސީއަކުން ކަމުގައިވާތީ، ރާއްޖޭގައި މިހާރު ގާއިމުވެފައިމިވާ ޑިމޮކްރަސީ އަކީ އެފަދަ ޑެމޮކޮރެސީއެއްބާ އެވެ؟ މުޅި ގައުމުގެ މުސްތަގްބަލް އެބައެއްގެ އަތްމަތީގައިވާ ސަރުކާރުގެއިސްވެރިންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ހައްގު ހޯދައިދިނުމުގެ އެންމެ ފަހުގެ މަރްހަލާ ކަމުގައިވާ ޝަރްޢީ ދާއިރާއަށް އިންސާނީ ޙައްޤުތައް ކިހާ ވަރަކަށް އެނގިވަޑައިގަންނަވާ ބާވަ އެވެ؟ ހަމައެފަދައިން، ޑިމޮކްރަސީއެއްގެ އެންމެ އުސް ތިން ތަނބު ކަމުގައިވާ، މިތިން ފަރާތަށް ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމަށްޓަކައި ކުރައްވަން ޖެހިވަޑައިގަންނަވާ ބުރަ މަސައްކަތްތައް އެނގިވަޑައިގަންނަވާ ބާވަ އެވެ؟

ޚާއްޞަގޮތެއްގައި، ރައްޔިތުންގެ ހައްގުތަކާއި ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ނިންމަންވެފައި ހުރި ގިނަގުނަ ބިލްތައް އެއީ ގައުމުގައި އިންސާނީ ޙައްޤުތަކަށް ލޯބިކުރާ ސަގާފަތެއް ގާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ބިލްތަކެކެވެ. އެހެން ނުވެއްޖެ ނަމަ، އެގާނޫން ތަކަކީ އިންސާނީ ހައްގުގެ ނަޒަރަކުން ބައްޓަން، ފަރުމާ ކުރެވިފައިވާ ގާނޫން ތަކަކައް ނުވާނެ އެވެ. މިސަބައްތަކާ އެކަނި ވެސް، އެހެން ޑިމޮކްރެސީތައް ފަދައިން، ރައްޔަތުންގެ މަޖްލިސް ގައިވެސް، އިންސާނީހައްގުތަކާ ބެހޭ ޙާއްސަ ކަމިޓީއެއްއޮންނަންޖެހެ އެވެ.

ޑިމޮކްރެސީ ރާއްގެއަށްލިބިއްޖެ އެވެ. ނަމަވެސް، އެއިން ގަވްމަށާއި ރައްޔަތުންނައް ލިބެންޖެހޭ ފައިދާއެއް ފުރިހަމަގޮތުގައި އަދިލިބޭކަށް ނުފަށައެވެ. ސަބަބަކީ، މި މަގްސަދުހަސިލްކުރުމަށްތަކާ އެންމެން ގުޅިގެން މަސައްކަތް ނުކުރެވޭކަމެވެ. މުޅިގައުމުގެ ފައިދާއަށްޓަކައި އެންމެން މަސައްކަތް ކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ މާޒީގައި ހިނގާފައި ހުރި އިންސާނީ ޙައްޤުތަކާ ޚިލާފު ކަންތައްތަކާމެދު ޖަވާބުދާރީ ކުރުމާ އެކު އިންސާފު ހޯދައިދީ ދެބަސްވުންތަކާ ތަފާތުތައް ނައްތާލާނެ ގޮތެއް ހޯދުންކަމުގައިވާ ނަމަ އެކަން ވެސް ނުކުރަންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ. އެކަން އެންމެ ރަނގަޅަށް ކުރެވޭނީ ސައުތުއެފްރިކާ އަދި ލެސޯތޯ ފަދަ އެފްރިކާގެ ބައެއް ގައުމުތަކުގައި ވެސް ގާއިމުކުރި "ޓްރުތް އެންޑް ރިކޮންސިލިއޭޝަން" ކޮމިޝަނެއް ނުވަތަ، "ޙަޤީޤަތް ހޯދާ އެންމެން އެކުވެރިވުމުގެ" ކޮމިޝަނެއް އުފައްދައިގެނެވެ. މިފަދަ ކަމިޝަނަކީ އިންތިގާލީ ޢަދާލަތު ނުވަތަ ޓްރާންސީޝަނަލް ޖަސްޓިސް ގާއިމް ކުރުމަށްޓަކާ، ރައްޔިތުންގެމަޖްލިސް އިން ރަސްމީކޮށް ބާރުދީގެން، އަދުލުއިންސާފު ގާއިމްކުރުމުގެ ދާއިރާގެބޭރުން އުފައްދާވަގުތީ، ތަހްގީގީ މުއައްސަސާއެކެވެ. މިފަދަ މުއައްސަސާއަކުން ކުރާކަންތައްތަކުގެ ތެރޭގައި، ތަހްގީގްކުރުމާއި، ބަޔާން ނެގުމާއި، ދިރާސާކުރުން އަދި އާއްމުއަޑުއެހުންތައް ބޭއްވުން ހިމެނެ އެވެ. މިފަދަ ކަމިޝަން އަކުން މަސައްކަތްކުރުމުގައި އެންމެބޮޑަށް ސަމާލުކަން ދޭންވާނީ އަނިޔާލިބިފައިވާ މީހުންނަށެވެ. އަދި ހަވާލުކުރެވިފައިވާ މަސައްކަތްނިމުމަށް ފަހު، ހޯދުނު ހަގީގަތްތަކާއި ދެން އަމަލުކުރުމަށް ހުށަހަޅާ އިރުޝާދުތައް ހިމެނިފައިވާ އާއްމު ރިޕޯޓެއް ނެރެން ޖެހޭނެ އެވެ. މީ އެއްވެސްހާލެއްގައި ގާނޫނީ ގޮތުން މައްސަލަތައް ބަލައި ހުކުމްއިއްވާ ތަނެއްނޫނެވެ. އެހެންނަމަވެސް، ކުރިން ހިނގާފައިވާ އިންސާނިއްޔަތާ ޙިލާފު އަމަލުތަކާ ބެހޭ ހަގީގަތް ހާމަކޮށްދީ، ޒިންމާނެގުމާ ޖަޥާބުދާރީވުމުގެ ރޫހެއްއުފައްދާ، ހެއްކާއި ގަރިނާ ރައްކާތެރި ގޮތުގައި ދެމެހެއްޓުމަކީ މިކަމިޝަންގެ ކަމެކެވެ. އެފަދަ އަމަލުތައް ހިންގުމުގައި ބައިވެރިވިމީހުން ދެނެގަނެ، އަދި ބަދަލުހޯދުމާއި އިދާރީ އިސްލާހުތައް ގެނައުމާ ގުޅޭ ގޮތުން ލަފާދީގެން، ހަމަނުޖެހުން ބޮޑުދުވަސްތަކަކަށް ފަހު، މުޖްތަމަޢުއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން މިފަދަ ކަމިޝަނަކަށްލިބިގެންވެ އެވެ. މިކަމަކީ ގައުމުގެ ފައިދާއާއި މުޅި މުޖުތަމަޢަށް ފަރުވާއެއްގެ ގޮތުގައި ކުރަން މަޖުބޫރު ކަމެކެވެ. މިކަމިޝަންގެ މަސަތްކަތް ނިމުމަށް ފަހު، ދެންކުރަން ޖެހޭ ކަމަކީ، އެންމެން ގުޅިގެން ގައުމުގެ ލާބައަށްޓަކައި މަސައްކަތް ކުރަން ފެށުމެވެ. ފަންސާސް މިލިއަން މީހުން އުޅޭ ސައުތު އެފްރިކާގައި ހަތަރުސަތޭކަ އަށް އަހަރުވަންދެން ކަޅު މީހުންނަށް އެ ގައުމުގެ ދޮންމީހުންގެ ފަރާތުން ލިބުނު ބޮޑެތި އަނިޔާ އާއި ތަފާތުކުރުންތަކަށް ފަހު މުޅި ގައުމު މިހާރު އެއްބައިވެފައިވާ އިރު، ތިން ލައްކަ މީހުންގެ މައްޗައް އެކުލެވޭ މުޅިން އިސްލަމުން އުޅޭ ދިވެހިރާއްޖެ އަށް މިކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެވެ.

އެކަންތައްތަކެއްގެ ސަބަބުން ރައްޔިތުންގެ ހައްގަށް އުނިކަން އަތުވެދާނެ އެތައް ކަމެއް ދިވެހި މުޖުތަމަޢުގައި މިހާރު އަށަގަންނަމުން އެބަދެ އެވެ. އެކަންތައްތަކަށް ހައްލެއް ނައިސްފި ނަމަ އެކަމުގެ އަސަރު ހުރިހާ ދިވެހިންނަށް ކުރިމަގުގައި ކުރާނެ އެވެ. އެންމެ ފުރަތަމަ ކަމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ޑިމޮކްރެޓިކް ވެށީގައި އުޅެން ނޭނގުމެވެ. ހައްގުގެ ގޮތުން ވިސްނާ ނަމަ، ފެހި ގާނޫނު އަސާސީގެ ދަށުން ދިވެހިންނަށް މިއަދު ލިބިފައިވާ އެންމެ ގިނަ ހައްގުތަކަކީ ސިޔާސީ މިނިވަންކަމާއި ބައެއް ފަރުދީ މިނިވަން ކަމެވެ. އިގްތިސާދީ މިނިވަންކަމާއި އިޖްތިމާޢީ މިނިވަންކަން އަދިވެސް ވަރަށް ބީރައްޓެއްސެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ޑެމޮކްރަސީއަކީ، ހަގީގީ ޑެމޮކްރެސީއެއްކަމާ މެދު ސުވާލް އުފެދޭނެ ޖާގައެބައޮތެވެ. މިދެންނެވި ސިޔާސީ މިނިވަންކަން ވެސް، ފެންނަމުން ދަނީ ގައުމާއި ފަރުދުންގެ ފައިދާއަށް ވުރެ އަމިއްލަ މަގްސަދުތައް ހާސިލުކުރުމަށް ޓަކައި ނާޖާއިޒު ގޮތުގައި ބޭނުން ކުރަމުންދާ ތަނެވެ. އަދި ހަމައެފަދައިން، ހުރިހާ ކަމަކަށްވުރެ ވެސް އެންމެ ބޮޑަށް މިހާރު ފެންނަމުން މިދަނީ ކޮންމެ ކަމެއްވެސް ސިޔާސީކޮށްގެން އެކަމުގެ ފައިދާ ނަގަން މަސައްކަތްކުރަމުންދާ ތަނެވެ. އެހެން މީހުންގެ އަބުރާއި އިއްޒަތަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ބައެއްމީހުންގެ އަމަލުތައް ހުންނަ އިރު، މިކަމުން އެހެން މީހުންނަށާއި މުޅި މުޖުތަމަޢަށް ކުރާ އަސަރާމެދު ވިސްނާލަނީ ނުވަތަ އެނގެނީ ކިތައް މީހުންނަށް ބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ. ސިޔާސީ އަދި ދީނީގޮތުން ބައެއް މީހުން ގެންގުޅޭ ވިސްނުމަކީ އެކަމު ގެ ސަބަބުންރާއްޖެ އަށާއި އަޅުގަނޑުމެން އެންމެނަށް ވެސް އެކަމުގެ އަސަރުކުރާނެ ކަންތަކެވެ. ޕާކިސްތަން އަދި އަފްޣާނިސްތާން ފަދަ ގަވްމުތައް މިހާރުއޮތްހާލަތައް ރާއްޖެ ދިއުމަކީ އަޅުގަޑުމެންތެރެއިން އެކަކުވެސް އެދޭނެ ގޮތެއް ނޫނެވެ. އެހެންކަމުން އިސްލާމްދީނުގެ ތެދު މައުލޫމާތު ނޭނގުމުގެ ސަބަބުން، ރާއްޖޭގައި އުފެދެމުންދާ ދީނީބައިބައިވުންތަކަކީ އޭގެ ސަބަބުން މުޅިމުޖުތަމައު ބޮޑު ފިތުނައެއްގެ ތެރެއަށް ވެއްޓި އަޅުގަނޑުމެންގެ އެކުވެރިކަމާއި ވަހްދަތް ގެއްލިގެން ހިނގައިދާނެ ކަމެކެވެ. އެހެންވެއްޖެ ނަމަ، އަވަށްޓެރި ޕާކިސްތާނާއި އަފްގާނިސްތާނުން ފެންނަ ފަދަ ހަމަނުޖެހުންތައް އެއްއާއިލާއެއްގެގޮތުގައި ޒަމާނުއްސުރެ އުޅެމުންދާ މިކުޑަކުޑަ ދިވެހި ރާއްޖެއިން ވެސް ފެނިގެން ދިއުމަކީ ދުރުކަމެއްނޫނެވެ. އެހެންކަމުން، ދީނުގެސައްހަމައުލޫމާތު ހެޔޮގޮތުގައި ރައްޔަތުންނަށް ފޯރުކޮއްދިނުމުގެ މުހިންމުކަން ވަރަށްބޮޑެވެ.

ޢާއިލާތަކުގެ ތެރޭގައި ވެސް ސިޔާސީ ދެބަސްވުންތަކާއ ކޯޅުންތައްއާއްމުވުމުގެއިތުރަށް، އެކަކު އަނެކަކުގަޔަށް އަރާ މަރާ ތަންވެސް މިހާރު ފެނިގެން އެބަދެ އެވެ. މުޖުތަމަޢުގެ ދެބައިކުޅަ އެއްބައި ކަމުގައިވާ އަންހެނުންނަށް އެއްވެސް އިޙްތިރާމެއް ނުކުރާ ތާނގައި މުޖުތަމަޢުގެ މަދު ބަޔަކު ނަމަވެސް އެމީހުންނާ ދޭތެރޭ ކަންތައް ކުރަނީ ވަރަށް އިހާނެތި ގޮތަކަށެވެ. އަންހެން ކުދިންނަށް ކިޔަވާ ނުދިނުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ނާޖާއިޒު ގޮތުގައި އިންސާނުން ބޭނުންކުރުމުގެ ކަންތައްތައް ދަނީ ޢާންމު ވަމުންނެވެ. ވައްކަން ކުރުމާއި ފޭރުން ވެސް ދަނީ އިތުރުވަމުންނެވެ. ވައްކަންކުރުމާއި ފޭރުން ވެސް ދަނީ އިތުރު ވަމުންނެވެ. ސަބަބަކީ، ބޮޑެތި ކުއްތަކުގައި ޖަލަށް ހުކުމް ކުރެވޭމީހުން ރަންގަޅަށް އިސްލާހްނުކޮށް މުޖުތަމައުތެރެއަށް ދޫކޮއްލެވުމުންނެވެ. ބޭރުގެ މަސަތްކަތްތެރިންގެ ހައްގުތަކަކަށް އެއެވެސް ހުރުމަތްރިކަމެއް ނުބަހައްޓަ އެވެ. ޑްރަގްގެ ވަބާ އިން ޒުވާނުންނަށް ލިބެމުންދާ ބޮޑެތި ގެއްލުންތައް ހުއްޓުމަކަށް ގެނައުމަށްޓަކާ ކުރަން ހުރި މަސައްކަތްތައް ގިނަ ގުނަ އެވެ.

ގާނޫނު އަސާސީގެ 18 ވަނަ މާއްދާގައި ރައްޔިތުންގެ ހައްގުތައް އެމީހުންނަށް ހޯދާދޭން ޖެހޭނީ 'ދައުލަތުން' ކަމުގައިވާތީ، އެމުހިއްމު ޒިންމާ އެޅިފައި އޮތީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ކޮނޑުގަ އެވެ. ނަމަވެސް އިންސާނީ ހައްގުތަކަކީ އެއްވެސް ޤައުމެއްގައި ރައްޔިތުންނަށް ފުރިހަމަ އަށް ލިބިދީފައި އޮންނަ އެއްޗެއް ނޫން ކަމުގައިވާތީ، ސަރުކާރުން މިކަން ކުރުމުގައި ފަސްޖެހޭ ނަމަ، އެކަން ބަލައި ސަރުކާރުގެ ވާޖިބުތައް އަދާކުރުވުމަށް ޓަކައި، ބައިނަލްއަގުވާމީ އުސޫލްތަކާއި އެއްގޮތަށް އުފައްދާފައިވާ ތަނަކީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އެވެ. އެޗްއާރްސީއެމް އަކީ މިކަންތައްތައް ބަލައި މޮނިޓަރ ކުރުމަށް ފަހު އެއިރެއްގައި އޮންނަ ސަރުކާރެއްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ސަރުކާރަށް ހަނދާންކޮށްދީ ހަމައަށް އަޅުވަން އޮންނަ 'ވޮޗް ޑޯގް' އެކެވެ. އެޗް.އާރް.ސީ.އެމް ހަރުދަނާ ގޮތެއްގައި ހިނގުމަކީ ޤައުމަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެކެވެ. އަދި ހަމައެފަދައިން އެތަނަށް ސަރުކާރުގެ ހުރިހާ ފަރާތްތަކުންނާއި އާންމުރައްޔިތުން އެއްބާރުލުން ދިނުމަކީ އެތަނުގެ މަސައްކަތް ހަރުދަނާވެ ވަރުގަދަ ވުމުގެ އަސްލެވެ. ނަމަވެސް، އެތަނުގެ އަގުވައްޓާލަން މަސައްކަތް ކުރުމަކީ އެކަމުގެ ގެއްލުން އެޗް.އާރް.ސީ.އެމް އަށާއި ޤައުމުގެ ރައްޔިތުންނަށް ވަރަށްބޮޑަށް ލިބޭނެ ކަމެކެވެ. އަދިހަމަ އެފަދައިން ސަރުކާރުން އިންސާނީ ހައްޤުތަކާއި ބެހޭގޮތުން މަސައްކަތް ނުކުރައްވާ ކަމާއި ބޭނުންވަނީ އެޗް.އާރް.ސީ.އެމް ބަލިކަށި ކޮށްލަންކަން ރައްޔިތުންނާއި އަދި ބޭރުގެ އިންސާނީ ހައްޤުތަކާއި ބެހޭ ފަރާތްތަކަށް ދައްކުވައިދޭ ކަމެކެވެ. އެޗްއާރްސީއަމް އަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކާއި އެކުވެސް، އަދި ބައިނަލްއަގްވާމީ އިންސާނީހައްގުތަކުގެ މިންގަޑާއި އެއްގޮތަށް ދިވެހިންނަށް އެމީހުންގެ ހައްގުތައް ހޯދައިދިނުމަކީ ވަރަށް އުދަނގޫކަމަކަށްވީ ނަމަވެސް، މީސްތަކުންނަށް އެމީހުންގެ ހައްގުތައް ހޯދައިދިނުމައްޓަކާ ކެންޑިނޭޅި މަސައްކަތްކުރުމަކީ ޑިމޮކްރެސީ އެއްގައި ކުރަންޖެހާނެ ކަމެކެވެ.

އެޗްއާރުސީއެމް އުފެދި، އެތަނުން ކުރައްވާ އެންމެ މުހިއްމު ކަމަކީ ރައްޔިތުންގެ މެދުގައި ހިއުމަން ރައިޓްސް އަށަގެންނެވުމަށްޓަކައި ހިއުމަން ރައިޓްސް އަށް ހޭލުންތެރި ކުރުމެވެ. މިކަން ކުރަން ފެށި ފަހުން ވަރަށް ގިނަ ބަޔަކަށް މިހާރު ވަނީ އެމީހުންގެ ހައްގުތައް އެނގި ސާފުވެފަ އެވެ. ވޭތުވެދިޔަ އަހަރު އެކަނިވެސް، އިންސާނީ ޙައްޤުތަކާބެހޭ 500 މައްސަލަ އެޗްއާރްސީއެމްއަށް ހުށަހެޅިފައިވާކަން އެއީ އަޅުގަނޑު ދެކޭގޮތުގައި މިކަމުގެ ވަރުގަދަ ހެއްކެކެވެ.
2005 ވަނަ އަހަރު ހެދި ސަރވޭ އެއްގައި، އިންސާނީ ތިން ޙައްޤެއް ބުނެދޭން އެނގުނީ ހަމައެކަނި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން %27 އަށް ކަމުގައި ވީ ނަމަވެސް، މިހާރު މި އަދަދު އެތައް ގުނައަކަށް އިތުރުވެފައިވާނެކަން ޔަގީނެވެ. ރާއްޖޭގެ އެޗްއާރްސީއެމް މިހާރު ބައިވެރިވާ ބޭރުގެ ޖަމާޢަތްތައް ކަމުގައިވާ އޭޕީއެފް އާއި އައިސީސީގައި މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ހަރަކާތްތެރި ވުން އެއީ ކޮންމެހެން ބޭނުން ކަމެކެވެ. ޑިމޮކްރަސީގެ ފެށުން ކަމުގައި އަޅުގަނޑު އަބަދުވެސް ދެކޭ އެޗްއާރސީއެމް ސަރުކާރުން އުފެއްދެވި މަގްސަދުތައް ހާސިލުކުރެވޭނީ އޭރުންނެވެ. މިދެންނެވި ޖަމާޢަތްތަކުގައިވެސް ފުރިހަމަ މެންބަރެއްގެ ގޮތުން އެޗްއާރސީއެމް އަކަށްމިހާރު ބައިވެރިއެއް ނުވެވެ އެވެ.
އެޗްއާރުސީއެމްގެ މިހާރުގެ ގާނޫނަށް ބައެއް ބަދަލު އައިސްގެން ނޫނީ މިކަން ވުމަކީ ދުރުކަމެކެވެ. އެޗް.އާރް.ސީ.އެމްގައި ނާއިބު ރައިސަކު ނެތްތާ ވެސް މިހާރު މިވަނީ ދޮޅު އަހަރާއި ކާރިވެފަ އެވެ. މިކަމަކީ އެޗް.އާރް.ސީ.އެމްގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގެ ދަށުން އެމަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި ކުރަން ޖެހޭ ކަމެކެވެ. މިކަމުގެ ޒިންމާ ނަންގަވަންޖެހިވަޑައިގަންނަ ވާނީ ހަމައެކަނި ސަރުކާރެއް ނޫނެވެ. ރައިއްޔަތުންގެ މަޖްލިސް އާއި އިދިކޮޅު ޕާޓީތަކުން ވެސް މިކަމުގެ ޒިންމާ ހަމައެއްވަރަށް ނަންގަވަން ޖެހިވަޑައިގަންނަވާކަމުގައި އަޅުގަޑު ދެކެމެވެ. އެޗްއާރސީއެމް ބަލިކަށި ވުމަކީ އެއިރެއްގައި އޮންނަ ސަރުކާރެއް ހިތްހަމަޖެހޭ ކަމަކަށް ވީނަމަވެސް އެކަމުން ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ. އެހެން ކަމުން މިކަން ހަމައަކަށް އެޅުވުމަކީ އިދިކޮޅު ޕާޓީތަކުގެ މަސްއޫލިއްޔަތެކެވެ.
އަޅުގަނޑުމެންނަށް ޑިމޮކްރަސީ ލިބިފައި ވަނީ ވަރަށް ފަހުން ކަމުގައިވާތީ، ޑިމޮކްރަސީ އަކީ ކޮން އެއްޗެއްކަން ދަސްކުރުމަށްޓަކައި އަޅުގަނޑު ދެކޭގޮތުން އެންމެ މަދުވިޔަސް 10 ނުވަތަ 12 އަހަރު ނަގާނެ އެވެ. މިޞްރު، ޓިއުނީޝިއާ އަދި ލީބިއާއަށް އައި ބޮޑެތި ބަދަލުތަކާ ގުޅިގެން އެގައުމުތަކުގައި މިހާރު ހިނގަމުންދާ ބޮޑެތި ހަމަނުޖެހުންތަކުން އެކަނި ވެސް މިއީ ތެދެއްކަމުގައި ގަބޫލުކުރެވެ އެވެ. ޑިމޮކްރަސީ އަކީ އެއްރޭ އެއްދުވަހުން ދަސްވާ އެއްޗެއް ނޫނެވެ. ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތައް ލިއްބައިދީފައިވާ ގާނޫނު އަސާސީއެއް ލިބިފައި އޮތް ނަމަވެސް، ޑިމޮކްރަސީއެއް މަސައްކަތް ކުރާނީ ދައުލަތުގެ ތަފާތު ބާރުތަކުގައި ތިއްބެވި ބޭފުޅުންގެއިތުރަށް، ސިޔާސީ ޕާޓީތަކަށް ވެސް ޑިމޮކްރަސީ އެއީ ކޮން އެއްޗެއްކަން އެނގިވަޑައިގަނެގެންނެވެ. އިންސާނީ ޙައްޤުތައް ރައްޔިތުންނަށް ލިބޭނީ ވެސް ޑިމޮކްރަސީ ފައްކާވެގެން ކަމުގައި ވީ ނަމަވެސް، ޑިމޮކްރަސީ މަސައްކަތް ކުރާގޮތް އަޅުގަނޑުމެންނަށް އަދިވެސް ދަހެއް ނުވެ އެވެ. މިހާރު ފެންނަމުން ދަނީ އިންސާނީ ޙައްޤުގެ އެންމެ މައިގަނޑު އެއް އަސާސް ކަމުގައިވާ އެކަކު އަނެކަކަށް އިޙްތިރާމް ކުރުން މަތިން މުޅިން ހަނދާން ނެތި، ގައުމުގެ ފައިދާ އަށް ވުރެ ބޮޑަށް އަމިއްލަ އެދުމަށްޓަކައި މަސައްކަތް ކުރާތަނެވެ. އެއްބަޔަކު އަނެއް ބަޔަކަށް އެއްޗެތި ގޮވާ މަލާމާތް ކުރުމާއި އިނގިލި ދިއްކުރުމަކީ މިމަގްސަދް ހާސިލުވާނެ ގޮތެއް ނޫނެވެ. މިކަން ހާސިލުވާނެ ހަމަ އެންމެ ގޮތަކީ ކުރިން މިދެންނެވި ތިން ބާރު، އެކުވެގެން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުވުމާ އެކު، އެއްބާރުލުމުގެ ރޫހެއްގައި ގައުމުގެ ފައިދާއަށް ޓަކައި މަސައްކަތް ކުރެވިގެންނެވެ. އެހެން ނުވެއްޖެ ނަމަ، މިގައުމުގައި ދެން އުފެދޭނީ "އެނަރކީ" އެވެ. ނުވަތަ ވެރިކަމުގެ ފަރާތުގެ އެއްވެސް ބާރެއް ނެތި އެބަޔަކު ބޭނުން ގޮތަކަށް އެބަޔަކު އުޅެމުންދާ ގޮތް ދިމާވުމެވެ. އަދި މުޅި ގައުމު ހުސްކަމެއްގެ ތެރެއަށް ވެއްޓުމެވެ. އެހެން ވެއްޖެ ނަމަ، އެއީ މުޅި ގައުމުގެ ހަލާކު ކަމުގައި ނުވެއެއް ނުދާނެ އެވެ. އާޚިރު ނަތީޖާއަކަށް ވާނީ، އަޅުގަނޑުމެންގެ ގައުމު އަޅުގަނޑުމެންނަށް އަނބުރައި ހޯދުން އުނދަގޫވުމެވެ. ގައުމެއް ބަލިކަށިވެއްޖެ ނަމަ އެ ގައުމެއްގެ މިނިވަން ކަމާއި ސިޔާދަތަށް ވެސް އޮންނާނީ ނުރައްކާވެފަ އެވެ. އެހެން ކަމުން، އަޅުގަނޑުމެންނަށް އޮތް ހަމައެންމެ މަގަކީ، އެންމެން ގުޅިގެން ގައުމުގެ ފައިދާއަށް ޓަކައި މަސައްކަތް ކުރުމެވެ. ވަކިވަކިވެގަނެގެން، އަމިއްލަ ޕާޓީ ތަކަށާއި އަމިއްލަ ފަރުދުންނަށް ފައިދާ ހޯދުން ހުއްޓުމަކަށް ގެނައުމެވެ. ގައުމުގެ ހައްގުގަ އެވެ. އަންނަން އޮތް ޖީލުތަކަށް މިގައުމު ހެޔޮގޮތުގައި ފޯރުކޮށްދިނުމަށް ޓަކައެވެ.
-------------------
އަހުމަދު ސަލީމަކީ ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ރައީސް އެވެ.

އަހުމ