މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފުރަތަމަ ފެނުނު އާ ބާވަތުގެ ކޮރޯނާވައިރަސް އެހެން ގައުމުތަކަށް ފެތުރެން ފެށުމާއެކު މުޅި ދުނިޔޭގައިވެސް ނުތަނަވަސްކަން އުފެދިގެން ދިޔަ އެވެ. އަދި އެ ވައިރަސް އަމިއްލަ ގައުމުގައި ފެތުރި، ގޭގައި ތިބެން މަޖުބޫރުވެދާނެ ކަމަށް ދެކިގެން ބައެއް މީހުން ފުރަތަމަވެސް އަޅަން ފެށި ފިޔަވަޅަކީ ދިގު މުއްދަތަކަށް ބޭނުން ކުރެވޭ ވަރަށް ފެނާއި ކާނާ ގޭގައި ރައްކާކުރަން ފެށުމެވެ. އެގޮތަށް މީހުން އަމަލު ކުރާ ސަބަބަކީ ކޮބައިބާ އެވެ؟ އަދި އެކަން ހުއްޓުވޭނެ ގޮތަކީ ކޮބައިބާ އެވެ؟

ކެނެޑާގެ ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާގެ ޕްރޮފެސާ އަދި "ސައިކޮލޮޖީ އޮފް ޕެންޑެމިކްސް" ފޮތް ލިޔުއްވި ސްޓީވެން ޓޭލާ ވިދާޅުވި ގޮތުގައި ކާރިސާއަކަށް ތައްޔާރުވުމާއި، "ޕެނިކް ވެގެން" ތަކެތި ގަތުމާ ތަފާތެވެ. އެގޮތުން ކާރިސާއަކަށް ތައްޔާރުވާ އިރު ބޭނުންވާ ތަކެއްޗާއި އަމަލު ކުރާނެ ގޮތް މީހުންނަށް އެނގުނު ނަމަވެސް އާ ބައްޔެއް ފެތުރޭ އިރު މީހުންގެ ހިތްތަކުގައި އުފެދޭ ސުވާލުތައް ގިނަވާނެ އެވެ. އޭގެ ސަބަބުން މީހުން ހާސްކަން މަތީގައި ތިބެގެން ތަކެތި ގަތުމަކީ ހިތުގައި އުފެދިފައިވާ ބިރުވެރިކަމުގެ ސަބަބުން، އެ ބިރުވެރިކަން ކުޑަ ކުރުމަށް ކުރާ ކަންތައްތައް ކަމަށް ޓޭލާ ވިދާޅުވި އެވެ.

"މިފަދަ ހާލަތްތަކުގައި މީހުން ބޭނުން ވަނީ، މި ހާލަތަށް އެމީހުން ދޭ ނުރައްކާ ލެވެލްއާ އެއްވަރެއްގެ ލެވެލަކަށް ފިޔަވަޅު އަޅަން. އަޅުގަނޑުމެންނަށް އެނގޭ މިހާރު ކުރަންވީ ކަމަކީ އަތް ދޮވުމާއި ކެއްސާ އިރު [ރޯނގާ ނުފެތުރޭ ގޮތަށް] ބަލައިގެން އުޅުންކަން. ނަމަވެސް ގިނަ މީހުން ދެކޭ ގޮތުގައި އަތް ދޮވުމަކީ މާ އާދައިގެ ކަމެއް. [އެމީހުން ދެކޭ ގޮތުގައި] މިއީ އާދަޔާ ހިލާފު ކަމެއް އަދި މިކަމަށް އާދަޔާ ހިލާފު ރައްދެއް ބޭނުންވޭ. އެހެންވެ އަމިއްލަ ނަފްސު ރައްކާތެރި ކުރުމުގެ އުއްމީދުގައި މީހުން ފައިސާ ހަރަދު ކުރަނީ،" ޓޭލާ ވިދާޅުވި އެވެ.

މީގެ އިތުރުން އެހެން މީހުން ތަކެތި ގަންނަ ފަދައިން އަމިއްލައަށް އެތަކެތި ނުގަނެފި ނަމަ އެމީހަކަށް ލިބޭ ގެއްލުން ބޮޑުވެދާނެ ކަމަށް ގަބޫލު ކުރެވޭތީ އާއި އެހެން މީހުން އަމަލު ކުރާ ގޮތަަށް އަމަލު ކުރުމުގެ ގޮތުންވެސް ބައެއް ފަރާތްތަކުން ތަކެތި ގަންނަވަރު އިތުރު ކުރާ ކަން ޓޭލާ ފާހަގަ ކުރެއްވި އެވެ.

އެއް ބަޔެއް ގިނަ އަދަދަކަށް ތަކެތި ގަތުމުން، އެހެން މީހުންގެ މެދުގައިވެސް ބިރުވެރިކަން ފެތުރޭ -- ފޮޓޯ: ގެޓީ

"މިހާރު މީހުން ހާސްވެ، އޭގެ ސަބަބުން އެއްޗެހި ގަންނަ މައްސަލައަށް ސޯޝަލް މީޑިއާ އާއި ނޫސް މީޑިއާގައި ދަނީ މާބޮޑަށް ސަމާލުކަން ލިބެމުން. އޭގެ ސަބަބުން ތަކެތި ހުސްވަމުންދާ ކަމަށް މީހުންނަށް ބޮޑަށް ގަބޫލު ކުރެވި އަނެއްކާވެސް އެއްޗެހި ގަނެ ރައްކާ ކުރާ ވަރު އިތުރުވޭ،" ޓޭލާ ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖު ލަންޑަނުގެ ސައިކޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ ހެލެން ޖޮފީ ވިދާޅުވި ގޮތުގައި މީހުން އެއް ކާރިސާއެއްގައި އަމަލު ކުރާނީ މީގެ ކުރިން ހިނގި އެފަދަ ހާދިސާއެއްގައި ކަންތައްތައް ހިނގާދިޔަ ގޮތަށް ބަލާފަ އެވެ. އެގޮތުން މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާ އެއްގޮތް ކަމަށް ބައެއް މީހުން ބަލާނީ މީގެ ކުރިން ފެތުރުނު ސާސް ކޮރޯނާވައިރަސް އެވެ.

ދެހާސްދޭކާއި 2003އާ ދެމެދު ދުނިޔޭގައި ފެތުރުނު ސާސް 8,000އަށް ވުރެ ގިނަ މީހުންނަށް ޖެހި އޭގެ ސަބަބުން 774 މީހަކު މަރުވި އެވެ. އަދި އެމައުލޫމާތަށް ބަލައި، މީހުން ބިރުގަންނަ ވަރު އިތުރުވެ ނުވަތަ ދަށްވާނެ ކަމަށް ޖޮފީ ވިދާޅުވި އެވެ.

މީގެ އިތުރުން، ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ހޮންކޮންގައި ވައިރަސް ފެތުރުމުން މާސްކުތައް މަދުވި މައްސަލައަށް ބަލައި، ހޮންކޮންގެ މާހިރުން ވިދާޅުވި ގޮތުގައި އޭގެ އެއް ސަބަބަކީ ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު ކުޑަވުމެވެ. އަދި އެފަދަ ކާރިސާއެއް ސަރުކާރަށް މެނޭޖު ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވުމެވެ.

އެހެންކަމުން ދުނިޔޭގެ 109 ގައުމަކަށް ވައިރަސް ފެތުރިފައިވާ މިދަނޑިވަޅުގައި މީހުންގެ މެދުގައި ބިރުވެރިކަން ފެތުރުން ހުއްޓުވުމަށް އެންމެ މުހިއްމު ކަމަކީ ރަނގަޅު މައުލޫމާތު މީހުންނަށް ފޯރުކޮށްދިނުން ކަމަށް، ގައިންގަޔަށް އަރާ ބަލިތައް ދިރާސާ ކުރާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ މެޓަބަޔޯޓާގެ ސީނިއާ ޑިރެކްޓަރު ބެން އޯޕެންހައިމް ވިދާޅުވި އެވެ.

ސިއްހަތު ރަނގަޅު މީހުން މާސްކާއި ސެނިޓައިޒާ ފަދަ ތަކެތި މާގިނައިން ގަނެ ރައްކާ ކުރާ ނަމަ، އެތަކެތި ކޮންމެހެންވެސް ބޭނުންވާ މީހުންނަށް ނުލިބިދާނެ -- ފޮޓޯ: ގެޓީ

އެގޮތުން ވައިރަސް އެންމެ ބޮޑަށް ފެތުރިފައި ވަނީ ޗައިނާގައި ކަމުން ދުނިޔޭގެ އުފެއްދުންތަކާއި ސަޕްލައިއަށް ބުރޫ އަރާނެ މިންވަރާ ބެހޭ ގޮތުން ގިނަ ބަޔަކު ކަންބޮޑުވާ ކަމަށާއި އެކަމާ ބެހޭ ގޮތުން މީހުން ކުރަމުންދާ ސުވާލުތަކަށް ޖަވާބުދޭން ޖެހޭ ކަމަށް އޯޕެންހައިމް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން މީހުން ހާސްވުމާއި އެންމެ ފަހު ވަގުތުގައި ތަކެތި ގަތުން މަދު ކުރެވޭނެ ކަމަށް އޯޕެންހައިމް ލަފާ ކުރެއްވި އެވެ.

ހަމަ އެހެންމެ، މިފަދަ ހާލަތްތަކުގައި ކޮންމެ މީހަކުވެސް އެހެން މީހުންގެ ބޭނުންތަކާ މެދުވެސް ވިސްނާ، އާއިލާއަށްވާ ވަރަށް ތަކެތި އެއްކުރި ނަމަވެސް މާގިނަ ތަކެތި ރައްކާކޮށްގެން އުޅުން ރަނގަޅު ނޫން ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވި އެވެ. އަދި އެންމެންވެސް ބޭނުންވާ ވަރަށް ވުރެ އިތުރަށް ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ޖަމާ ކުރަމުންދާ ނަމަ އެ ތަކެތީގެ އަގު އުފުލުމާއި މާސްކު ފަދަ ސިއްހީ ވަސީލަތްތައް އެންމެ ބޭނުންވާ މީހުންނާށް ނުލިބި ގޮސްދާނެކަން މާހިރުން ފާހަގަ ކުރި އެވެ.

---

*މިއީ ބީބީސީގެ ވޯކްލައިފް އެޑިޝަންގައި، ބްރިޔަން ލުފްކިން މާޗް، 5، 2020 ގައި ލިޔުއްވާފައިވާ ލިޔުމެއްގެ ތަރުމަޖަމާ އެވެ.