08 Mar 2020, 23:26
ކޮވިޑް-19ގެ ނުރައްކާ ރާއްޖެއަށް ވެސް އައިސްފައިވާ އިރު، ބަލި ކޮންޓްރޯލް ކުރުމުގައި އުންމީދު ކަނޑާނުލާ ކަމަށާއި އަދިވެސް އުންމީދު އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަމީން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އަނބުރާ ގައުމަށް ދިޔަ އިޓަލީ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވިކަން ހާމަވި އިރު، އެ ރިސޯޓުގެ އިތުރު މުވައްޒަފުން ބައްޔަށް ޓެސްޓު ކުރުމުގެ ތެރޭގައި ދެ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިހާރު އެ ރިސޯޓު އެލާޓުގައި އޮތް އިރު، ރިސޯޓަށް އަރައި ފޭބުން މަނާކޮށް، ވައިރަހަށް ޕޮޒިޓިވް ވި ފަތުރުވެރިއާ އާ ކޮންޓެކްޓުވި މީހުން ޓްރޭސްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
ކޮރޯނާ ވައިރަސްގެ މައުލޫމަތު ހިއްސާކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި 24 މީހަކު ބައްޔަށް ޓެސްޓުކޮށްފައިވާ އިރު އޭގެ ތެރެއިން 20 މީހަކު ނެގަޓިވް ވެފައިވާ ކަމަށެވެ. ދެ މީހަކު ޕޮޒިޓިވްކަމަށް ދެއްކި އިރު، އިތުރު ދެ މީހެއްގެ ނަތީޖާ އަދި ނުލިބެއެވެ،
"ރާއްޖޭގައި މި ބަލި ކޮންޓެއިން [ކޮންޓްރޯލް]ކުރުމާމެދު އޮތް އުންމީދު އަޅުގަނޑުމެން ދޫކޮށްނުލަން. އަޅުގަނޑުމެން މަސައްކަތް މިކުރަނީ ކޮންޓެއިން ކުރުމަށްޓަކައި ކުރެވެން އޮތް މަސައްކަތްތައް ކުރުމުގައި ނަތީޖާއެއް ހާސިލްކުރުމަށް. އަޅުގަނޑުމެންނަށް އެކަމާ މެދު އުންމީދު އެބައޮތް،" އަމީން ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު
އަމީން ވިދާޅުވީ، ޖުމްލަ 10 މީހަކު ކަރަންޓީނުގައި އެބަ ތިބި ކަމަށެވެ. އޭގެ އިތުރުން ބަލި ފެނުނު ކުރެއްދޫ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިން 80 ފަރާތެއް ހިމެނޭ އިރު، 97 މީހެއް ރޫމް އައިސޮލޭޭޝަންގައި ތިބި ކަމަށް އަމީން ވިދާޅުވި އެވެ. އަދި ބައްޔަށް ފަތުރުވެރިޔަކު ޝައްކު ކުރެވިގެން ރެއިން ފެށިގެން ވަގުތީ ގޮތުން އަރާ ފޭބުން މަނާކޮށްފައިވާ ސޭންޑީސް ބަތަލާ ރިސޯޓ (އއ. ބަތަލާ)ގައި 11 ފަރާތެއް ރޫމް ކަރަންޓީން ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ކުރެއްދޫ ކޭސްގައި މިހާތަނަށް ޖުމްލަ 173 ފަރާތެއް ކޮންޓެކްޓް ޓްރޭސިންއަށް ފާހަގަ ކުރެވިފައި ވަނީ،" އަމީން ވިދާޅުވި އެވެ.
މިއަދު ށ. ފޯކައިދޫގައި ހުރި ދިވެއްސެއްގެ ގައިން ވައިރަހުގެ އަލާމާތްތައް ފެނިގެން، އިތުރު ޓެސްޓުހަދައި މޮނީޓާ ކުރުމަށް އޭނާ ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެޗްޕީއޭއިން ބުނި ގޮތުގައި އޭނާއަކީ ކުރެއްދޫ ރިސޯޓުގެ މުވައްޒަފެކެވެ.
ހެލްތު މިނިސްޓަރު ވިދާޅުވީ އޭނާ ފާހަގަކުރެވުނީ ކުރެއްދޫގެ ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން ފާހަގަވި މީހަކާ ގުޅުން ހުރި މީހެއްގެ ގޮތުގައި ކަމާށެވެ.
"ފޯކައިދޫ ކޭސްގައި އެކަން ފާހަގަ ކުރެވުނު ހިސާބުން އޭނާ އައިސޮލޭޝަނަށް ދިޔައީ،" އަމީން ވިދާޅުވި އެވެ.
އަމީން އިތުރަށް ވިދާޅުވީ، ޕޮޒިޓިވްވި ދެ މީހުންގެ ހާލު ވެސް ސީރިއަސް ނޫން ކަމަށާއި ދެ މީހުންގެ ހާލަތު ވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ފަރާތުން ކޮވިޑް 19 ގެ މައުލޫމާތު ހިއްސާކުރާ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ މަބްރޫކު އަޒީޒު ވިދާޅުވީ، މިކަމުގައި ސަރުކާރުން ވީ އެންމެ އަވަހަކަށް ތެދު މައުލޫމަތު ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ތިން ދުވަހު ނޫސްވެރިންގެ ބައްދަލުވުން ބާއްވާނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ އިތުރުން ކޮރޯނާ ވައިރަހާ ގުޅިގެން ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި މައުލޫމާތު ދިނުމަށް އެކަމަށް ހާއްސަ ޕޭޖެއް މާދަމާ އިން ފެށީގެން ގާއިމު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި މަސައްކަތުގައި އެންމެ މުހިންމު ކަމަކީ ތިޔަ ބޭފުޅުންނަށް އަދި ރައްޔިތުންނަށްވީ އެންމެ އަވަހަކަށް ސައްހަ މައުލޫމަތު ފޯރުކޮށްދިނުން. ސަރުކާރުގެ ވިސްނުމަކީ، މި ބައްޔާ ގުޅިގެން ބަލި ފެތުރުން ކޮންޓެއިން ކުރުމަށްޓަކައި ވެސް، އަދި ރައްޔިތުންގެ ހިތުގައި އޮތް ބިރުވެރިކަމަށް ތަސައްލީއެއް ހޯދައިދިނުމަށް ވެސް ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ ވީއެންމެ އަވަަހަކަށް ސައްހަ މައުލޫމަތު ފޯރުކޮށްދިނުން،" މިއަދު ތަރުޖަމާނުކަމަށް އައްޔަން ކުރެއްވި މަބްރޫކު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ / އަހްމަދު ސައީދު
މަބްރޫކު ވިދާޅުވި ގޮތުގައި، މައުލޫމަތު ކަށަވަރުކުރުމަށް ނަގާ ވަގުތު ނޫނީ އިތުރު ވަގުތެއް ނުނަގާ ލަސްކުރުމެއް ނެތި ސަރުކާރުން މައުލޫމަތު ހާމަކުރައްވަމުންގެންދަވާނެ އެވެ.
މިހާތަނަށް ކޮރޯނާ ވައިރަސް 104 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 109,634 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު 60,956 އަށް އަރާއިރު، މަރުވި މީހުންގެ އަދަދަކީ، 3,802 އެވެ.