ދ. މީދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތްކުރުމުގެ އެއްބަސްވުމުގައި މަލަހާ ކާޕެންޓްރީ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ އެކު ސޮއިކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ބުނީ މީދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތް ކުރުމުގެ އެއްބަސް ވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

އެ އެއްބަސްވުމުގައި މަލަހާ ކާޕެންޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަހުމަދު ޝަމީމެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑުމިނިސްޓްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ އާދަމް ޝަރީފެވެ.
އެ މަސައްކަތުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް އެވެ.
މީދޫގައި އިމާރާތް ކުރާ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތުގެ މަސައްކަތުގެ ޖުމުލަ އަގަކީ 2.6 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ކަނޑައެޅިފައިވާ މުއްދަތަކީ 240 ދުވަހެވެ.

މީދޫގައި އިމާރާތްކުރާ ކޯޓު އިމާރާތުގައި ޝަރީއަތްކުރާ ދެ ކޯޓްރޫމާއި މެޖިސްޓްރޭޓުގެ ކޮޓަރިއަކާއި ކޮންފަރެންސް މާލަމަކާއި ކޮންސަލްޓަންސީގެ މަސައްކަތަށް ޚާއްސަ ކޮޓަރި އަކާއި އަރުޝީފެއްގެ އިތުރުން ގުދަނަކާއި ކުށުގެ ތުހުމަތުގައި ގެނެވޭ މީހުން ބައިތިއްބާނެ ހޯލްޑިން ސެލަކާއި އެކޮމަޑޭޝަން ކޮޓަރިއެއް ހިމެނޭ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން މައުލޫމާތު ދެއްވަ އެވެ.
ދ. މީދޫ މެޖިސްޓްރޭޓް ކޯޓު މިހާރު ހިނގަމުން އަންނަނީ އެ ރަށު ކައުންސިލް އިދާރާ ހިނގަމުންދާ އިމާރާތުގެ ދެ ކޮޓަރިއެއް ގައެވެ.