08 Mar 2020, 22:25
ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ކަނޑައަޅާފައި ހުންނަވާ ހާއްޞަ މަންދޫބު، ޑޮކްޓަރ ނަޖަތް މާއްލާ މަޖީދްއާއެކު މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާތައް ބާއްވަވާފައިވަނީ މިއަދު ހެނދުނު މުލީއާގޭގަ އެވެ.
އެ ބައްދަލުވުމުގައި ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ޑޮކްޓަރ ނަޖަތް މާއްލާ މަޖީދް ބައިނަލްއަގުުވާމީ މައިދާނުގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ ފަޒްނާ ވަނީ އޭނާއަށް ޝުކުރު ދަންނަވައިފައެވެ. އަދި ދެ ބޭފުޅުން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަށް ހުއްޓުވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ.
އެގޮތުން، ފަޒްނާގެ ވާހަކައިގައި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކަނޑައަޅުއްވާ ސިޔާސަތުތަށް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލެއްވިއެވެ.
އޭގެ ތެރޭގައި އިޖުތިމާއީ ހިދުމަތުގެ ފަންނު ތަރައްގީކުރުމަށް އޮތް ބޭނުން ފަޒްނާ ވަނީ ފާހަގަކުރައްވާފައެވެ. އޭގެ އިތުރުން، ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއަރުވައި ތަރައްގީކުރުމުގައި އެޑިއުކޭޝަން މިނިސްޓްރީއާއި ޔުނިސެފް ގުޅިގެން ދަރިވަރު ގެ ބަހާއި އެކު ތައުލީމީ ދާއިރާ ތަރައްގީކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި ފަޒްނާ ވަނީ ޑރ. ނަޖަތުއަށް ޝުކުރު ދަންނަވައިފައެވެ.
އެ ބައްދަލުވުމުގައި ޑޮކްޓަރު ނަޖަތު ވަނީ، ކުޑަކުދިންގެ ޙައްގުތައް ކަށަވަރުކޮށް، ކުޑަކުދިންނަށް ކުރާ އަނިޔާތަށް ހުއްޓުވުމަށް ރައީސް ސޯލިހްއާއި ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތަށް ފާހަގަކުރައްވާފައެވެ.
އެގޮތުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެކުލަވައިލި ގާނޫނާއި، "ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" ގެ ނަމުގައި ރައީސް ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންގެ މަސައްކަތްތަށް އެކަމަނާ ހާއްސަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން އެކަމަނާ ވަނީ، ކުޑަކުދިންނަށް ދިމާވާ ތަފާތު މައްސަލަތައް ހައްލުކުރެއްވުމުގައި ފަޒްނާ އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅު ފާހަގަކުރައްވައި އެކަމަށް ތަޢުރީފުކުރައްވާފައެވެ.