14:30


ދައުލަތުގެ ނަމުގައި ސަރުކާރުން އެއްވެސް ލޯނެއް ނުވަތަ ފައިސާއެއް ނަގަންވާނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ފާސްކޮށްގެން ކަމަށް ކަނޑައެޅުމަށް މާލިއްޔަތު ގާނޫނަށް އިސްލާހް ގެންނަންޖެހެނީ، ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ހިޔާނާތާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތައް ކުރައްވާފައިވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.


މާލިއްޔަތު ގާނޫނަށް އިސްލާހް ގެނައުމަށް، އިދިކޮޅު ޑީއާރުޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ހަމައެކަނި އިދިކޮޅު މެންބަރު، ގައުމީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ، ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި މެންބަރުންނަށް ރައްދު ދެއްވައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބައެއް ބާރުތައް ރައްޔިތުންގެ މަޖިލީހަށް ބަދަލު ކުރުމަށް މިފަދަ ބިލުތައް ހުށަހަޅަން ޖެހެނީ ސަރުކާރުގައި ތިއްބެވި ބޭފުޅުން، ކޮރަޕްޝަނާއި ހިޔާނާތައް މަގުފަހިވާ ގޮތަށް ކަންތައްތައް ކުރައްވަމުން ގެންދަވާތީ ކަމަށެވެ. އަދި މިފަދަ ބިލުތައް ހުށަހަހެޅިޔަ ނުދިނުމަށް އެފަދަ ކަންތައްތައް ހުއްޓުވުމަށްޓަކައި ސިޔާސީ ޕާޓީތަކާއި މަޖިލީހުގެ މެންބަރުންނާ މަޝްވަރާ ކުރައްވައިގެން ފިޔަވަޅު އެޅުއްވުމަށް ވެސް ރިޔާޒު ރައީސުލްޖުމްހޫރިއްޔާއަށް ގޮވައިލެއްވި އެވެ.


މި ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވިދާޅުވީ، މި ބިލަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތައް ހަނިކުރުމަށް ހުށަހަޅުއްވާފައިވާ ބިލެއް ކަމަށެވެ. އަދި މިއީ ސަރުކާރު ހިންގުމަށް ދަތިކުރުމަށް ހުށަހަޅުއްވާފައިވާ ބިލެއް ކަމަށާއި، މި ބިލުގެ ސަބަބުން ސަރުކާރު ހުއްޓުމަކަށް އަންނާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި އެކަމުން އެއްވެސް ފަރާތަކަށް ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށާއި، އެކަމުގެ ގެއްލުން ހުރިހާ ފަރާތްތަކަށް ލިބޭނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


ޕޮލިސް ކޮމިޝަނަރ އައްޔަންކުރާއިރު މަޖިލީހުގެ ރުހުން ހޯދަންޖެހޭ ގޮތަށް ފުލުހުންގެ ގާނޫނަށް އިސްލާހް ގެނައުމަށް ހުށަހަޅުއްވާފައިވާ ބިލުގެ ބަހުސް ވެސް މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންދަވައިފަ އެވެ.


އެ ބިލަށް ވާހަކަ ދެއްކެވި މެންބަރުންގެ ތެރެއިން، ބިލަށް ދެކޮޅުހައްދަވައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުން ވިދާޅުވީ، މިއީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުތައް ހަނިކުރުމަށް ހުށަހަޅައިފައިވާ ބިލެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި މާރާމާރީ އާއި ބިރުވެރިކަން އުފެދިފައިވާއިރު ފުލުހުންގެ ގާނޫނަށް އިސްލާހް ގެންނަން ބިލެއް ހުށަހަޅަންޖެހޭނީ އެފަދަ ކަންތައް ހުއްޓުވުމަށް ބާރުލިބޭ ގޮތަށް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


މި ބިލަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި އިދިކޮޅު ޑީއާރުޕީގެ މެންބަރުން ވިދާޅުވީ މިއީ މުހިއްމު ބިލެއް ކަމަށެވެ. އަދި ފުލުހުންގެ ވާޖިބަކަށް މިހާރު ވެފައި އޮންނަނީ، ސިޔާސީ ފަރާތްތައް ހައްޔަރުކޮށް އެ ފަރާތްތަކަށް ފާރަލައި އެ ފަރާތްތަކުގެ ފޯނު ކޯލުތައް އަޑުއެހުން ކަމަށާއި، ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާ މިނިވަންކުރަންޖެހޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.